ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންފަހުން، ރާއްޖޭގައި ޒަމާންތަކެއް ވަންދެން ހައްލުނުވެ ހުރި ބޮޑެތި އެތައް މައްސަލަތަކަކަށް ހައްލު ހޯއްދަވައިދެއްވާފައިވާ ކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ. ފަލާހު މިހެން ވިދާޅުވީ މާފަންނު ދެކުނު ދާއިރާގެ ކެމްޕޭން ޖަގަހަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ފަލާހު ފާހަގަކުރެއްވި ގޮތުގައި، ރައީސް މުއިއްޒު ނިންމެވި ހިތްވަރުގަދަ ނިންމެވުންތަކުގެ ތެރޭގައި ވޭޕް މަނާކުރުމާއި އިޒްރޭލު ޕާސްޕޯޓު މަނާކުރުން ހިމެނެއެވެ. ”މިއީ މިގައުމުގެ ހުރިހާ ރައްޔިތުން ރައީސް ޑރ މުއިއްޒުއަށް ޝުކުރުދަންނަވާ ކަމެއް،“ ވޭޕް މަނާކުރުމާ ގުޅޭގޮތުން ފަލާހު ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ މީގެ ސަބަބުން ކުރިއަށް އޮތް ޖީލުތައް ސަލާމަތްވެގެންދާނެ ކަމަށާއި، އިޒްރޭލު ޕާސްޕޯޓު މަނާކުރުމަކީ ދުނިޔޭގެ ގިނަ ގައުމުތަކަށް ކުރަން ނުކެރިފައި އޮތް ކަމެއް ކަމަށެވެ.
ލޯކަލް ކައުންސިލް އިންތިހާބަށް ޕީއެންސީގެ ތައްޔާރީތައް
ކުރިއަށް އޮތް އޭޕްރިލް 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭގޮތުން ވާހަކަދައްކަވަމުން ފަލާހު ވިދާޅުވީ، ޕީއެންސީގެ ފަރާތުން 1300 އަށް ވުރެ ގިނަ ކެނޑިޑޭޓުން މިފަހަރު ވާދަކުރާނެ ކަމަށެވެ. އަދި ބައެއް އިދިކޮޅު ޕާޓީތަކުން ދައުލަތުން ފައިސާ ނަގަމުންދާއިރު، އިންތިހާބަށް ނެރޭނެ ކެނޑިޑޭޓުން ނެތްކަން އޭނާ ފާހަގަކުރެއްވިއެވެ. ފަލާހު ވިދާޅުވީ މައްސަލައަކީ ފޯމު ހުށަހަޅަންޖެހޭ ގޮތް ނޫން ކަމަށާއި، އެއީ އެ ޕާޓީތަކަށް ތާއިދު ނެތުމުން ކުރިމަތިލާނެ މީހުން ނެތުން ކަމަށެވެ.
ކައުންސިލަރުންގެ ދައުރާ ގުޅޭގޮތުން ވާހަކަދައްކަވަމުން ފަލާހު ވިދާޅުވީ، ކައުންސިލަރުންނަކީ ސަރުކާރު ޒިންމާދާރު ކުރުވަން ތިބޭ ބައެއް ނޫން ކަމަށާއި، އެބޭފުޅުންގެ މަސްއޫލިއްޔަތަކީ ސަރުކާރާ ގުޅިގެން ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދިނުން ކަމަށެވެ. އެގޮތުން މާލޭގެ މޭޔަރުކަމަށް މޫސާ އަލީ ޖަލީލް ހޮވަން ޖެހެނީ މަޑުޖެހިފައިވާ ޕްރޮޖެކްޓުތައް ބާރު ދުވެލީގައި ކުރިއަށް ގެންދިއުމަށްޓަކައި ކަމަށް އޭނާ ވިދާޅުވިއެވެ.
މާފަންނު ދެކުނު ދާއިރާގެ ކެމްޕޭން ޖަގަހަ ހުޅުވުމުގެ މި ހަފްލާ ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަސްޓް ލޭޑީ ސާޖިދާ މުހައްމަދެވެ. މި ރަސްމިއްޔާތުގައި ޕާޓީގެ އިސް ބޭފުޅުންނާއި ގިނަ އަދަދެއްގެ ސަޕޯޓަރުން ބައިވެރިވިއެވެ.

