ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ޕްރައިވެޓް ރޫމްތަކާއި އައިސޮލޭޝަން ފެސިލިޓީއެއް އެޅުމަށް އަލްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއާއި ހަވާލުކޮށް، އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. މިއީ ސިއްޙީ ދާއިރާގެ ޚިދުމަތްތައް ހަރުދަނާކޮށް ފުޅާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ.
މަޝްރޫޢުގެ ތަފްސީލު
މި މަސައްކަތް އަލްޓެކް މޯލްޑިވްސްއާ ހަވާލުކޮށްފައިވަނީ 53.5 މިލިއަން ރުފިޔާއަށް، 435 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. މި ފެސިލިޓީއަކީ ގައިންގަޔަށް އަރާ ބަލިތަކުގެ މީހުން އެކަހެރިކޮށް ބޭތިއްބޭނެ އިންތިޒާމުތަކާއެކު ތަރައްޤީކުރާ ތަނެކެވެ. މި މަޝްރޫޢަށް ފަންޑުކުރަނީ އޭޝިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓް ބޭންކް (އޭ.އައި.އައި.ބީ) އިންނެވެ. މިއީ އެ ބޭންކުން ރާއްޖޭގައި ކުރިއަށްގެންދާ ފުރަތަމަ ސްޓޭންޑް އެލޯން ޕްރޮޖެކްޓްކަން ފާހަގަކޮށްލެވެއެވެ.
މިނިސްޓްރީ އޮފް ހެލްތުގައި ބޭއްވި ރަސްމިއްޔާތުގައި ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހެލްތު ޚަދީޖާ ޢަބްދުއްޞަމަދު ޢަބްދުﷲ އެވެ. އަލްޓެކް މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޖެނެރަލް މެނޭޖަރ ހުސައިން ތަސްމީންއެވެ.
ޚިދުމަތަށް އަންނާނެ ބޮޑު ބަދަލެއް
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަކީ މާލެ ސަރަހައްދު ފިޔަވައި ރާއްޖޭގައި އެންމެ ގިނަ ބަޔަކު ޚިދުމަތް ހޯދާ ހޮސްޕިޓަލެވެ. ހއ، ހދ، އަދި ށ އަތޮޅުގެ އިތުރުން އެހެން އަތޮޅުތަކުގެ ރައްޔިތުންވެސް މި ހޮސްޕިޓަލުން ސްޕެޝަލިސްޓް އަދި ސުޕަރ ސްޕެޝަލިސްޓް ޚިދުމަތްތައް ހޯދައެވެ. މިހާރު ހޮސްޕިޓަލުގައި ޕްރައިވެޓް ރޫމްގެ ޚިދުމަތް ނެތުމުން، އެޑްމިޓްކުރާ ބަލިމީހުންނާއި އެހީތެރިންނަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެއެވެ.
އާ ފެސިލިޓީއާއެކު، ބޮޑެތި ސާޖަރީތައް ހަދާ ބަލިމީހުންނަށް އެކަށީގެންވާ ޕްރައިވެޓް މާޙައުލެއްގައި ފަރުވާ ލިބިގެންދާނެއެވެ. އަދި ކޮވިޑް-19 ފަދަ ބަލިމަޑުކަމުގެ ހާލަތްތަކުގައި ބަލިމީހުން ވަކިން އެކަހެރިކޮށް ފަރުވާ ދެވޭނެ އިންތިޒާމު މި ފެސިލިޓީގެ ސަބަބުން ކަށަވަރުވެގެންދާނެއެވެ.
ތަމްރީނާއި ވަސީލަތްތައް އިތުރުވުން
ކުޅުދުއްފުށީ ހޮސްޕިޓަލަކީ ސިއްޙީ ދާއިރާގެ ގިނަ ތަމްރީންތަކެއް ހިންގާ މަރުކަޒަކަށްވީ ނަމަވެސް، އެކަށީގެންވާ ޖާގަ ނެތުމުގެ ސަބަބުން މިހާތަނަށް ތަމްރީންތައް ބާއްވަމުން އައީ ސްކޫލް ހޯލްތަކާއި އެހެނިހެން އިދާރާތަކުގެ ތަންތަން ކުއްޔަށް ހިފައިގެންނެވެ. މި އާ މަޝްރޫޢުގެ ސަބަބުން ހޮސްޕިޓަލުގެ 700 އަށްވުރެ ގިނަ މުވައްޒަފުންނަށް ބޭނުންވާ ތަމްރީންތަކާއި، ކޮމިއުނިޓީ ވޯކްޝޮޕްތައް ހިންގުމަށް ބޭނުންވާ ޖާގަ ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

