ނ. ވެލިދޫގައި ސީ އެމްބިއުލާންސްގެ ހިދުމަތް ރަސްމީކޮށް އިފްތިތާހްކޮށްފިއެވެ.
ނިމިދިޔަ އަހަރުގެ ޖުލައި މަހު 23 ވަނަ ދުވަހު ނ. ވެލިދޫއަށް ކުރައްވާފައިވާ ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވާހަކަފުޅުދައްކަވަމުން އެ ރަށު ރައްޔިތުންނަށް މި އަހަރުގެ ޖެނުވަރީ މަހުގެ ތެރޭގައި ސީ އެމްބިއުލާންސްގެ ހިދުމަތް ފޯރުކޮށްދޭނެކަމަށް ވިދާޅުވެފައިވެއެވެ.
ވެލިދޫއަކީ އަތޮޅުގެ އެންމެ އާބާދީ ބޮޑު ރަށަށްވެފައި މި ރަށް އޮންނަނީ އަތޮޅު ނިމޭ ހިސާބުގައިކަމުން، މިއަދު ފެށިގެން ދިޔަ ސީ އެމްބިއުލާންސްގެ ހިދުމަތަކީ، ރައްޔިތުންގެ ފުރާނަ ސަލާމަތްކުރުމުގައި ރަށުން ލިބެން ނުހުންނަ ފަރުވާހޯދުމަށް ކުރަން ޖެހޭ ދަތުރަށް ލުއިފަސޭހަތަކެއް ލިބިގެންދާނެ ހިދުމަތެކެވެ.
ވެލިދޫ ސިއްހީ މަރުކަޒުގައި ޑަޔަލިސިސްގެ ހިދުމަތާއި، އެތެރެހަށީގެ ޑޮކްޓަރެއްގެ ހިދުމަތް ދޭން މީގެ ކުރިން ފަށާފައިވާއިރު، އެކްސްރޭގެ ހިދުމަތުގެ އިތުރުން ބިދޭސީންގެ ވޯކް ވިސާއަށް ބޭނުންވާ މެޑިކަލްގެ ހިދުމަތް ވެސް މި ރަށުގައި ވަނީ މީގެކުރިށް ފަށާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކަރުން ގެންގުޅުއްވާ މޯލްޑިވްސް ފަސްޓް ސިޔާސަތުގެ ދަށުންް ދިވެހި ރައްޔިތުންގެ ފުރާނައާއި ސަލާމަތާއި ގުޅިފައިވާ ކަންކަމުގައި ދިވެހިންގެ އަމިއްލަ ބާރުވެރިކަން އިސްކުރުމަކީ މި ސަރުކާރުގެ އެންމެ އިސް އެއް އަމާޒުކަމަށް ދިފާއީ ވަޒީރުގެ ނައިބު، ފާޠިމަތު މިޒްނާ ޢަލީ ވިދާޅުވިއެވެ.
މި ރަށަކީ މި އަތޮޅުގެ ވިޔަފާރިއާއި ސަފާރީ ބަނުމުގެ ސިނާއަތާއި ފަތުރުވެރިކަމުގައި ކުރިއަރާފައިވާ ރަށަށް ވުމާއެކު، މި ރަށުގައި ސީއެމްބިއުލާންގެ ޚިދުމަތް ޤާއިމްވުމަކީ، ޞިއްޙީ ދާއިރާއަށާއި، އެ ސަރަޙައްދުގެ އިޤްތިޞާދީ މަސައްކަތްތަކަށްވެސް ވަރުގަދަ އައްޑަނައަކަށް ވެގެންދާނެ ކަމެއް
މީގެ އިތުރުން މިޒްނާ ވިދާޅުވީ، ސިއްޙީ ރައްކާތެރިކަމާއި އަވަސް ފަރުވާގެ ނިޒާމެއް އޮތުމަކީ ވިޔަފާރިވެރިންނަށް އަދި އިންވެސްޓަރުންގެ މެދުގައި އިތުބާރު ބޮޑުވެ، އެތައް ބައިވަރު މަސައްކަތްތެރިންނަކަށް ލިބޭނެ ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ.
މި ޚިދުމަތުގެ ފައިދާ މުޅި ނ. އަތޮޅަށް ފުޅާވެގެންދާނެކަމަށާއި، މިއީ، އަތޮޅުގެ ޞިއްޙީ ނިޒާމަށް ލިބުނު އިންޤިލާބީ ބަދަލަކަށްވާތީ މަނަދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލުގައި އައިސީޔޫގެ ޚިދުމަތް ޤާއިމްވެފައި ވާއިރު، އަދި ލަންދޫ ފަދަ ރަށްރަށުގައި ޞިއްޙީ މަރުކަޒުތައް 24 ގަޑިއިރަށް ބަދަލުކޮށްފައިވާއިރު، މި ސީ އެމްބިއުލާންސްއަކީ މި ހުރިހާ ޚިދުމަތެއް އެކަކު އަނެކަކާއި ގުޅުވާލަދޭނެ ވަރަށް މުހިއްމު ބޮޅެއްކަމަށް މިޒްނާ ވިދާޅުވިއެވެ.
ނ އަތޮޅުގައި މީގެ ކުރިން ސީ އެމްބިއުލާންގެ ހިދުމަތް ދެވެމުން އައީ ހަމައެކަނި ނ. މަނަދޫގައެވެ. އަދި މި އެމްބިއުލާންސަކީ ބައެއް ހާލަތްތަކުގައި މާލެއަށް ވެސް ބަލިމީހުން ގޮވައިގެން ދާންޖެހޭ އެމްބިއުލާންސެއްކަމުން، މި ހިދުމަތް ފޯރުކޮށްދިނުމުގައި މިހަރު ދިމާވެފައިވާ ދަތިތަކަށް ވަރަށް ބޮޑު ފަސޭހައެއް މިއަދު މި ފެށުނު ސީ އެމްބިއުލާންސްއިން ލިބިގެންދާނެކަން ވެސް މިޒްނާ ފާހަގަކުރެއްވިއެވެ.
މި އަހަރުގެ ތެރޭގައި ދިވެހި ދައުަލަތުން ހަރަދު ކުރައްވައިގެން މުޅިން އައު ނުވަ ސީ އެމްބިއުލާންސް ހޯއްދަވާ އަތޮޅުތެރޭގެ ނުވަ ރަށެއްގައި މުޅިންއަލަށް ސީއެމްބިއުލާންސްގެ ހިދުމަތް ތައާރަފްކޮށް، މިހާރު ހިދުމަތް މެދުކެނޑިފައިވާ ތިން ރަށެއްގައި އަލުން މި ހިދުމަތް ފެށިގެންދާނެއެވެ.

