އެމްއޭސީއެލް އިން އިސްނަގައިގެން ބްލަޑް ބޭންކަށް ލޭ ހަދިޔާކުރުމަށް ޕްރޮގްރާމެއް އަންނަ ހޮނިހިރު ދުވަހު ފެށުމަށް ހަމައެޖިފައިވާ ކަމަށް އެކުންފުނިން ބުނެފިއެވެ.
އެމްއޭސީއެލްއިން ބުނެފައިވަނީ އެ ޕްރޮގްރާމް ކުރިއަށްދާނީ 31 ޖަނަވަރީ އަދި 1 ފެބްރުއަރީގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އެއާޕޯޓް ރެކްރިއޭޝަން ސެންޓަރު (އޭއާރުސީ)ގައި ޕްރޮގްރާމް ކުރިއަށް ގެންދަނީ މޯލްޑިވްސް ބްލަޑް ސާވިސް (އެމްބީއެސް)އާ ގުޅިގެން ކަމަށެވެ.
މިއީ ކޮންމެ އަހަރަކުވެސް އެމްއޭސީއެލްގެ ސްޓާފުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށް އެމްއޭސީއެލްއިން ވަނީ ފާހަގަކޮށްފައެވެ. އެހެން އަހަރުތަކާ ހިލާފަށް މި އަހަރު ޕްރޮގްރާމް ކުރިއަށް ގެންދަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މަސައްކަތްކުރާ ދައުލަތުގެ އިދާރާތަކާއި މުއައްސަސާތަކާއި ކުންފުނިތަކުގެ އިތުރުން ރިސޯޓް މުވައްޒަފުންނަށްވެސް ހުޅުވާލައިގެން ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.
އެމްއޭސީއެލްއިން ބުނީ އެގޮތަށް ބަދަލުކުރުމުގެ މަގުސަދަކީ ލޭ ލިބުން ދަތިވެ, އެމްބީއެސް އިން އާންމުންގެ އެހީތެރިކަމަށް އެދިފައިވާތީ އާއި ކޮންމެ އަހަރެއްގެވެސް ރޯދަ މަހު ލޭ ލިބުން ދަތިވާތީ އެކަމަށް އެހީތެރިވުމަށް ކަމަށެވެ.

