މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ”މޯލްޑިވްސް މެރިޓައިމް ކޮންފަރެންސް“ ގެ އިތުރު ކޮންފަރެންސް ޕާޓްނަރުންނާއެކު މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމް.ޕީ.އެލް) އިން މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
އެމް.ޕީ.އެލްގެ ހެޑް އޮފީހުގައި މިއަދު މެންދުރު ބޭއްވި ރަސްމިއްޔާތެއްގައި ”މޯލްޑިވްސް މެރިޓައިމް ކޮންފަރެންސް“ގެ ހަތަރު ޕާޓްނަރުންނާއެކު ވަނީ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. އެއީ:
- ލޮޖިސްޓިކްސް ޕާޓްނަރ – މޯލްޑިވްސް ސްޓޭޓް ޝިޕިންގ (އެމް.އެސް.އެސް)
- ބްރޯޑްކާސްޓިންގ ޕާޓްނަރ – ޕަބްލިކް ސަރވިސް މީޑިއާ (ޕީ.އެސް.އެމް)
- ހޯސްޓިންގ ޕާޓްނަރ – ވިލާ ޝިޕިންގ އެންޑް ޓްރޭޑިންގ ކޮމްޕެނީ
- މެގަޒިން ޕާޓްނަރ – މޯލްޑިވްސް މެރިޓައިމް ޖާރނަލް (އެމް.އެމް.ޖޭ)
މި ރަސްމިއްޔާތުގައި އެމް.ޕީ.އެލްގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ ސީ.އީ.އޯ ޑީ.ސީ.ޕީ (ރިޓަޔަރޑް) މުޙައްމަދު ރިޝްވާނެވެ. ލޮޖިސްޓިކްސް ޕާޓްނަރ، އެމް.އެސް.އެސްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަރީފެވެ. ބްރޯޑްކާސްޓިންގ ޕާޓްނަރ، ޕީ.އެސް.އެމްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަކީބެވެ. ހޯސްޓިންގ ޕާޓްނަރ، ވިލާ ޝިޕިންގ އެންޑް ޓްރޭޑިން އެންޑް ޓްރޭޑިންގ ކޮމްޕެނީގެ ފަރާތުން ޗީފް އޮޕަރޭޝަނަލް އޮފިސަރ މުއާވިޔަތު އުމަރު ސޮއިކުރެއްވިއިރު، މެގަޒިން ޕާޓްނަރ އެމް.އެމް.ޖޭގެ ފަރާތުން ސޮއިކުރެއްވީ ކެޕްޓަން މުޙައްމަދު ނާޒިމެވެ.
މި އަހަރުގެ ”މޯލްޑިވްސް މެރިޓައިމް ކޮންފަރެންސް“ ބޭއްވުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ އޭޕްރީލް މަހުގެ 15 ވަނަ ދުވަހުއެވެ. މިއީ ”މޯލްޑިވްސް މެރިޓައިމް ކޮންފަރެންސް“ގެ ދެވަނަ އެޑިޝަނެވެ. މި ކޮންފަރެންސް އެންމެ ފުރަތަމަ އެމް..ޕީ.އެލްއިން ބޭއްވީ 2024 ވަަނަ އަހަރެވެ. މި ކޮންފަރެންސަކީ މެރިޓައިމް ދާއިރާގެ ބައިނަލްއަޤްވާމީ ތަޖުރިބާކާރުންނާއި ސްޓޭކްހޯލްޑަރުންނާއި ދާއިރާއާ ގުޅުންހުރި ފަރާތްތައް ބައްދަލުކޮށް، ދާއިރާގެ ކުރިއެރުމާއި ގުޅޭ ގޮތުން މަޝްވަރާކޮށް ޚިޔާލު ބަދަލުކުރުމުގެ ގޮތުން ބާއްވާ ބައިނަލްއަޤްވާމީ ކޮންފަރެންސެކެވެ.
މީގެ އިތުރުން މި ކޮންފަރެންސްގެ ޕާޓްނަރުންގެ ގޮތުގައި މޯލްޑިވްސް ކޯސްޓް ގާޑް، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން، ޔުނައިޓަޑް ނޭޝަންސް ކޮންފަރެންސް އޮން ޓްރޭޑް އެންޑް ޑިވަލޮޕްމަންޓް (އަންކްޓަޑް)، އިންޓަރނޭޝަނަލް އެސޯސިއޭޝަން އޮފް ޕޯޓްސް އެންޑް ހާރބަސް، ސެކިއުރިޓީ އެންޑް ސޭފްޓީ ޕާޓްނަރުގެ ގޮތުގައި މޯލްޑިވްސް ޕޮލިސް ސާރވިސަސް އަދި އެކެޑަމިކް ޕާޓްނަރުގެ ގޮތުގައި މޯލްޑިވްސް ނޭޝަނަލް ޔުނިވާރސިޓީ ވަނީ މީގެ ކުރިން ހަމަޖައްސައިފައެވެ.

