ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތިނަދޫ ސިޓީއަކީ ބްރޭންޑަކަށް ހަދައި އެންމެންވެސް ގަޔާވާނެ މަންޒިލަކަށް ހަދަން ބޭނުން: އަޖީބް

ޝެއާރކޮށްލާ ކަހަލަދޯ؟

ތިނަދޫ ސިޓީއަކީ ވަކި ބްރޭންޑަކަށް ހަދައި، އެންމެންވެސް ޒިޔާރަތްކުރަން ބޭނުންވާނެ ފަދަ މަގުބޫލު މަންޒިލަކަށް އެ ސިޓީ ބަދަލުކުރަން ބޭނުންވާ ކަމަށް ތިނަދޫ ސިޓީގެ މޭޔަރު ކަމަށް ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވާ ކެންޑިޑޭޓް މުހައްމަދު އަޖީބް ވިދާޅުވެއްޖެއެވެ.

އަޖީބް މިހެން ވިދާޅުވީ ޕީއެންސީން ތިނަދޫ ސިޓީގައި ބޭއްވި ކެމްޕެއިން ލޯންޗިންގ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

އަޖީބް ވިދާޅުވީ ތިނަދޫ ކައިރީގައި ފަތުރުވެރިކަމަށް ފައްކާވެފައިވާ ސަރަހައްދުތައް އެބަހުރި ކަމަށާއި، ޓޫރިޒަމް މިނިސްޓްރީއާ ގުޅިގެން އެ ސަރަހައްދުތަކަށް އިންވެސްޓްމެންޓްތައް ގެނައުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. މީގެ ސަބަބުން ތިނަދޫ ސިޓީއަށް ވިޔާފާރީގެ އާ ފުރުސަތުތައް ހުޅުވި، ރަށުގެ އިގްތިސާދަށް ބޮޑެތި މަންފާތަކެއް ކުރާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ތިނަދޫގައި ފަތުރުވެރިކަން ތަރައްގީކުރުމާ ގުޅޭގޮތުން ވާހަކަދައްކަވަމުން އަޖީބް ވިދާޅުވީ، ރާޅާ އެޅުމަށް ހާއްސަ ޕޮއިންޓުތަކާއި އެ ނޫންވެސް ގުދުރަތީ ވަސީލަތްތައް އެ ސިޓީގައި އެބަހުރި ކަމަށެވެ. އެ ތަންތަން އެންމެ އެކަށީގެންވާ ގޮތެއްގައި ތަރައްގީ ކުރެވިއްޖެ ނަމަ، ތިނަދޫއަކީ ފަތުރުވެރިންގެ މެދުގައި މަގުބޫލު ބްރޭންޑަކަށް ހެދޭނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.

މަސްވެރިކަމުގެ ދާއިރާއިން ވެސް އާ އުފެއްދުންތަކެއް ތައާރަފުކުރުމުގެ މުހިންމުކަން ފާހަގަކުރައްވަމުން އަޖީބް ވިދާޅުވީ،

 ”ރައްޔިތުން ބާނާ މަސް ބައެއް ފަހަރު ބޯޓަކަށް ނުކިރޭ. އެ މަސް ބޭނުންކޮށްގެން ސީދާ ރަށުން ކޮންމެވެސް އެއްޗެއް އުފެއްދިދާނެ. އެއަށް ވެލިޔު އެޑް ކޮށްގެން ވިއްކަން ފަށައިފިނަމަ އަޅުގަނޑުމެން އަމިއްލައަށް ރަށުގައި ވަޒީފާ އުފެއްދޭނެ“ ކަމަށެވެ.

އަޖީބް އިތުރަށް ވިދާޅުވީ އެހެން ރަށްރަށުގައި ރިހާކުރު ފަދަ ތަކެތި ތައްޔާރުކޮށްގެން ނަފާ ހޯދާ ފަދައިން، ތިނަދޫގައި ވެސް އެފަދަ މަސައްކަތްތައް ފުޅާކުރެވޭނެ ކަމަށެވެ. އޭނާގެ އަމާޒަކީ ތިނަދޫ ސިޓީއަކީ އެހެން މީހުންވެސް ފުރުސަތުތައް ހޯދުމަށް އަންނަ، އަދި އެންމެން ގަޔާވާނެ ފަދަ ހުރިހާ ވަސީލަތްތަކެއް ގާއިމްވެފައިވާ މަންޒިލަކަށް ހެދުން ކަމަށް ވިދާޅުވެ ވާހަކަ ނިންމާލެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: