މާލެ ސިޓީ ކައުންސިލް ހިންގުމުގައި ހަމަޔާ އުސޫލު ގަބޫލުނުކުރާ ޕާޓީއެއްގެ ބަޔަކު ތިއްބަވައިގެން ރައްޔިތުންނަށް ފައިދާހުރި ރަނގަޅު މަސައްކަތްތަކެއް ނުފެންނާނެކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ޕީއެންސީގެ މެދުހެންވޭރު ދާއިރާގެ ޖަގަހަ ހުޅުވުމަށް މިރޭ ބޭއްވި ޖަލްސާގައި ޝިޔާމް ވިދާޅުވީ، ވަކި ހަމައެއް، އުސޫލެއް ނުވަތަ އަހުލާގެއް ނެތް ވިސްނުމެއްގައި މަސައްކަތްކުރާ ބަޔަކު ތިބެގެން މާލޭގެ މުނިސިޕަލް ކަންކަން ރަނގަޅަށް ކުރިއަށް ނުދާނެ ކަމަށެވެ. އަދި މީގެ ކުރިންވެސް އެ ފަނާކުރުވަނިވި ވިސްނުމުގައި ކަންކަން ކުރި ގޮތަށް، މިއަދުވެސް އެފަދަ ބޭފުޅުން ކަންކަން ކުރައްވާނީ ޕާޓީން ބުނާ ގޮތަށްކަމަށް ފާހަގަކުރެއްވިއެވެ.
މިހާރުގެ ސިޓީ ކައުންސިލަށް ރައްޔިތުންނަށް ބޭނުންވާ އެއްވެސް ހިދުމަތެއް ނުދެވޭއިރު، އަދި ސަރުކާރަށް އެކި ގޮތްގޮތުން އުނދަގޫ ކުރާއިރު ޑެޕިއުޓީ މޭޔަރު ޕީއެންސީއަށް ނިސްބަތްވުން އެއީ ނަސީބުކަމަށް ޝިޔާމް ވިދާޅުވި އެވެ. ޝިޔާމް ވިދާޅުވީ މާލޭގެ ރައްޔިތުން ތަމްސީލުކޮށް، މުނިސިޕަލް ހިދުމަތްތައް އެންމެ ފުރިހަމައަށް ފޯރުކޮށްދިނުމަށް ބޭނުންވަނީ ”ހަމަޔާ، އަދި އުސޫލު“ ހުރި ބޭފުޅެއް ކަމަށެވެ. އެގޮތުން ސަރުކާރުގެ ކެންޑިޑޭޓް މޫސާ އަލީ ޖަލީލަކީ އެ ހުރިހާ ސިފައެއް އަދި ޒިންމާދާރު ބޭފުޅެއްކަމަށް ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވީ މޫސާ އަލީ ޖަލީލު މޭޔަރުކަމަށް ވަޑައިގެންފި ނަމަ، ތަފާތު ބަދަލެއް ފެންނާނެކަން މުޅި ގައުމު ވެސް ގަބޫލު ކުރާނެކަމެށެވެ.
ޝިޔާމްގެ ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މާލޭގެ މޭޔަރު ކަމުގައި ހުންނެވި ދުވަސްވަރު ފެއްޓެވި މުހިންމު މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އޭގެ ތެރޭގައި ހިދުމަތްތައް ޑިޖިޓަލް ކުރުމާއި، މާލޭގެ މިސްކިތްތައް ތާހިރުކޮށް ބެލެހެއްޓުމަށް ފެއްޓެވި މަސައްކަތްތައް ފާހަގަކުރެއްވި އެވެ. ކުރީގެ ސަރުކާރުގެ ދުވަސްވަރު މާލޭގެ މަގުތަކުގެ އަމާންކަން ގެއްލި، މިސްކިތްތަކުގައި ބޭއަދަބީ އަމަލުތައް ހިނގަމުންދިޔަ އިރު، ރައީސް މުއިއްޒު އެކަންކަން ތަކުރާރުކޮށް ސަރުކާރުގެ ސަމާލުކަމަށް ގެންނެވިކަން ޝިޔާމް ވިދާޅުވި އެވެ.
އެއަށް ފަހު މިއަދު ރައީސް މުއިއްޒުގެ ވެރިކަމުގައި މާލޭގެ މަގުތަކަކީ އަންހެނުންނާއި ކުޑަކުދިންނަށް ހިތްހަމަޖެހިގެން ހިނގާލެވޭ އަމާން ތަނަކަށް ވެފައިވާކަމަށް ޝިޔާމް ވިދާޅުވިއެވެ.
މީގެ އިތުރުން، ރާއްޖޭގައި ވޭޕް ބޭނުން ކުރުން މަނާކޮށް، ދުންފަތުގެ ނުރައްކަލުން މުޅި ޖީލެއް ސަލާމަތްކޮށްދެއްވުމަށް ރައީސް އެޅުއްވީ ރައްޔިތުން ނުހަނު ބަލައިގަތް ފިޔަވަޅެއްކަމަށް ޝިޔާމް ވިދާޅުވި އެވެ.

