މިހާރުގެ ސަރުކާރަކީ ޑިމޮކްރަސީ ގަބޫލުކުރާ ނުވަތަ ޑިމޮކްރެޓިކް ވެއްޓެއް އޮތް ސަރުކާރެއް ނޫންކަމަށް އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ ވިދާޅުވެއްޖެ އެވެ.
ރޭގެ ޖަލްސާގައި ޣަފޫރު ވިދާޅުވީ، ޕީޕީއެމް ނުވަތަ ޕީއެންސީގެ ސަރުކާރަކުން ރައްޔިތަކަށް ފައިދާވާނެ ކަމެއް ކޮށްދީފައިވާތަން ތާރީޚުން ފެންނަން ނެތް ކަމަށެވެ. އަދި ރާއްޖެއަށް މިއަދު ލިބިފައިވާ ޑިމޮކްރަސީއަކީ އެމްޑީޕީގެ އެތައް ބަޔަކު 10 ނުވަތަ 15 އަހަރު ޖަލުގައި ހޭދަކޮށްގެންނާއި، އެތައް ބައެއްގެ ގުރުބާނީން ހޯދައިދިން ކާމިޔާބީއެއްގެ ގޮތުގައި ވިދާޅުވި އެވެ.
ޣަފޫރު އިތުރަށް ވިދާޅުވީ ޑިމޮކްރަސީގެ މި ދަތުރުގައި އެތައް އާއިލާތަކެއް ނިކަމެތިވެ، ހިތްދަތިކަން ތަހައްމަލު ކުރި އިރު މިއަދު ވެރިކަމުގައި ތިއްބެވި ބޭފުޅުންގެ ”ގައިން އޮއްދާ ކޮޅެއްވެސް ނުހިއްލާ“ ކަމަށެވެ. އެހެންކަމުން، ޕީއެންސީ ނިކުމެ ޑިމޮކްރަސީގެ ވާހަކަ ދައްކަން ލަދުގަންނަން ޖެހޭނެކަމަށް ވިދާޅުވިއެވެ.
ޣަފޫރު ވިދާޅުވީ ރައްޔިތުންނަށް ފްލެޓާއި، ދަތުރުފަތުރުގެ ނިޒާމާއި، އާސަންދައިގެ ހިދުމަތް ހޯދައިދިނީ އެމްޑީޕީން ކަމަށެވެ. އަދި އެކަނިވެރި މައިންނާއި އިސްރަށްވެހިންނަށް ދޭ އިނާޔަތްތަކަކީ ވެސް އެ ޕާޓީގެ ސިޔާސަތުތަކުގެ ނަތީޖާކަމަށް ވިދާޅުވިއެވެ. އެއަށް ފަހު އެމްޑީޕީ ނޫން އެހެން ކޮންމެ ސަރުކާރެއްގައި ފެނުނީ ރައްޔިތުންނަށް ހިދުމަތް ދިނުމުގެ ބަދަލުގައި ވައްކަން ކުރާ މަންޒަރުކަމަށް ޣަފޫރު ވިދާޅުވި އެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އެމްޑީން ތަކުރާރުކޮށް ބަދަލުކުރަމުންދާތީ އެކަމަށް ފާޑުކިއުން އަމާޒުކޮށް ޣަފޫރު ވިދާޅުވީ، އެކަން އެގޮތަށް ކުރަން ޖެހެނީ ”ވަގަށް ކަންކަން ކުރާތީ“ ކަމަށެވެ.
މީގެއިތުރުން ކައުންސިލް އިންތިހާބުގެ ކެމްޕެއިނުގައި ޕީއެންސީގެ ޓިކެޓުގައި ވާދަކުރާ ކެންޑިޑޭޓުން އެއީ ”ސަރުކާރު ކެންޑިޑޭޓުން“ ކަމަށް ބުނާތީ އެކަމަށް ޣަފޫރު ނުރުހުންފާޅު ކުރެއްވި އެވެ. އޭނާ ވިދާޅުވީ އެއްވެސް ކެންޑިޑޭޓެއް އެއީ ސަރުކާރުގެ ކެންޑިޑޭޓެއް ނުވަތަ ސަރުކާރުގެ މެމްބަރުން ނޫންކަމަށެވެ. އަދި ތިބޭނީ ރައްޔިތުންގެ ކެންޑިޑޭޓުންނާއި، ރައްޔިތުންގެ މެމްބަރުންކަމަށް ވިދާޅުވި އެވެ.
ޣަފޫރު ވިދާޅުވީ، ރާއްޖޭގެ ފަސް ސިޓީގެ މޭޔަރުންނަކީ އެމްޑީޕީން އުފެއްދި އުންމީދީ ލީޑަރުން ކަމަށެވެ. އަދި މިހާރުގެ ސަރުކާރުން ރައްޔިތުންނަށް ދަތިތަކާ ކުރިމަތިކުރުވަމުންދާކަމަށާއި، ކޮވިޑް-19 ގެ އުނދަގޫ ތިން އަހަރުގެ ތެރޭގައި ވެސް އެމްޑީޕީގެ ސަރުކާރުން ރައްޔިތުންނަށް މިފަދަ ތަކުލީފެއް ނުޖައްސާކަމަށް ވިދާޅުވި އެވެ.

