ޒަކާތުގެ ފަންޑުން ދެވޭ އެހީތެރިކަން އިތުރަށް ހަރުދަނާކޮށް، އިއްޒަތްތެރިކަމާއެކު ލުއިފަސޭހަ ޑިޖިޓަލް ނިޒާމެއްގެ ތެރެއިން އެހީ ފޯރުކޮށްދިނުމަށްޓަކައި ”ޒަކާތު އަސްނާފު ކާޑު“ މޯލްޑިވްސް ޒަކާތު ހައުސްއިން ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.
އިސްލާމިކް މިނިސްޓްރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ކާޑު އިފްތިތާހުކޮށްދެއްވީ މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ.
ޒަކާތު އަސްނާފު ކާޑަކީ ހަމައެކަނި ފަގީރުންނާއި މިސްކީނުންގެ ގައުމީ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ހާއްސަކޮށްގެން ތައާރަފުކޮށްފައިވާ ކާޑެކެވެ. މިއީ ޒަކާތާ ގުޅުންހުރި ހިދުމަތްތައް ޒަމާނީކޮށް ޑިޖިޓަލައިޒް ކުރުމަށް ޒަކާތު ހައުސްއިން ކުރަމުންދާ މަސައްކަތުގެ ދަށުން އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި މިނިސްޓްރީން ފާހަގަކުރެއް އެވެ.
މި ކާޑު ބޭނުންކުރަން ފެށުމާއިއެކު، އެހީގެ ހައްގުވެރިންނަށް ޒަކާތު ހައުސްއިން ފޯރުކޮށްދޭ އެކި ބާވަތުގެ އެހީތައް އެއްވެސް ދަތިކަމެއް ނެތި ލިބިގެންދާނެއެވެ.
މީގެ އިތުރުން، ކުރިއަށް އޮތް ތަނުގައި މި ނިޒާމުގެ ތެރެއިން އިތުރު އެހީގެ ޕްރޮގްރާމްތައް ހިންގުމަށް ވެސް ވަނީ ރޭވިފައެވެ. އަދި
މި އައު ނިޒާމުގެ ސަބަބުން، ކޮންމެ ފަހަރަކު އެހީއަށް އެދި ހުށަހަޅާއިރު އަސާސީ ލިޔެކިޔުންތައް ތަކުރާރުކޮށް ހުށަހަޅަންޖެހޭ ޖެހުން ނިމުމަކަށް އަންނާނެއެވެ. އޭގެ ބަދަލުގައި، އަސްނާފު ކާޑު ސްކޭންކޮށްލުމުން ވަގުތުން ހިދުމަތް ލިބި، އެހީ ދިނުމުގެ އިޖުރާއަތްތައް އަވަސްވެ، ހިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުވެގެންދާނެއެވެ.
ކިއު.އާރު ކޯޑު ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ މި ކާޑަކީ، ޒަކާތުގެ އެހީގެ ނިޒާމުގައި ހިމެނޭ އެހީގެ ހައްގުވެރިޔާގެ ކަށަވަރުކުރެވިފައިވާ ޑިޖިޓަލް ޕްރޮފައިލާ ސީދާ ގުޅުވައިލެވިފައިވާ ކާޑެކެވެ. މީގެ ސަބަބުން، ހިދުމަތް ދޭ ފަރާތްތަކަށް އެހީގެ ހައްގުވެރިކަން ވަގުތުން ކަށަވަރުކުރެވި، ޒަކާތުގެ އެހީތެރިކަން ދެފުށް ފެންނަ، ހަރުދަނާ އަދި ހައްގުވެރިންނަށް އެކަނި ލިބޭނެ މަގު ކަށަވަރުވެގެންދާނެއެވެ.
އަސްނާފު ކާޑަކީ، ޒަކާތުގެ ފަންޑުން ދެވޭ ހުރިހާ އެހީތަކެއް އިސްލާމީ ޝަރީޢަތުގެ އުސޫލުތަކާ އެއްގޮތަށް، އެއް ޑިޖިޓަލް އޮނިގަނޑެއްގެ ދަށުން ފޯރުކޮށްދިނުމަށްޓަކައި މޯލްޑިވްސް ޒަކާތު ހައުސްއިން ހުށަހަޅާފައިވާ ”ބެނެފިޝަރީ އައިޑެންޓިފިކޭޝަން ކާޑު ސިސްޓަމް“ ގެ ބައެކެވެ.
މި ކާޑު ތައާރަފުކުރުމަކީ ޒަކާތު ހައުސްގެ ހިދުމަތްތައް ޑިޖިޓަލްކުރުމަށް ފެށި ދަތުރުގެ ފުރަތަމަ މަރުހަލާއެވެ. ކުރިއަށް އޮތް ތަނުގައި، މި ނިޒާމުގެ ތެރެއަށް ފުރިހަމަ ޑިޖިޓަލް ރެކޯޑުތައް އެއްކޮށްލުމާއި، ހިދުމަތްތައް ހޯދުމުގައި އިތުރު ލުއިފަސޭހަކަން ލިބިދޭނެ މޮބައިލް އެޕްލިކޭޝަނެއް ތައާރަފުކުރުމަށް ވެސް ވަނީ ރޭވިފައެވެ.
މި މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން، ޒަކާތާ ބެހޭ ކަންކަން ބެލެހެއްޓުމަށް ހާއްސަ އިދާރާއެއްގެ ގޮތުގައި މޯލްޑިވްސް ޒަކާތު ހައުސް އުފައްދަވައި، ރާއްޖޭގެ ޒަކާތުގެ ނިޒާމު ހަރުދަނާކުރެއްވުމަށް ކުރައްވަމުންދާ މަސައްކަތްޕުޅުގެ ތެރެއިން ކުރިއަށްދާ މުހިންމު މަސައްކަތެކެވެ.

