ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވިލިމާލޭގެ ޖަޒީރާވަންތަކަން ދަމަހައްޓައި އުޅަނދުތައް ކޮންޓްރޯލްކުރުމަށް ގޮވާލައި މަޖިލީހަށް ޕެޓިޝަނެއް!

ވިލިމާލޭގެ މަގެއް މަތިން އަންހެނަކު ކުޑަކުއްޖެއްގެ އަތުގައި ހިފައިގެން ހިނގާފައި ދަނީ: ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

މާލެ ސަރަހައްދުގެ އެންމެ ހިތްފަސޭހަ އަދި ޖަޒީރާވަންތަ ސިފަތައް އެކުލެވޭ ވިލިމާލޭގެ ގުދުރަތީ ރީތިކަން ހިމާޔަތްކޮށް، އެ ރަށަކީ ރާއްޖޭގެ އެހެން ރަށްތަކަށް ދެއްކޭނެ ލާމަސީލު މިސާލެއްގެ ގޮތުގައި ތަރައްގީކުރުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް އީ-ޕެޓިޝަނެއް ހުށަހަޅައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ވެބްސައިޓުގައި އާންމުކޮށް، ސޮއި ހަމަކުރަމުންދާ މި ޕެޓިޝަން މަޖިލީހަށް ހުށަހަޅާފައިވަނީ ވ. މިއަރެސް، އަބްދުﷲ ހުސައިން ރަޝީދެވެ.

މި ޕެޓިޝަން ހުށަހެޅުމުގެ މަގުސަދެއްކަމަށް ބުނެފައި ވަނީ ވިލިމާލޭގެ ތަރައްގީގެ މަސައްކަތްތައް ދެމެހެއްޓެނިވި އަދި ވިލުންތެރި ގޮތަކަށް ކުރިއަށްގެންދިޔުމަށް ސަރުކާރާއި މާލެ ސިޓީ ކައުންސިލުން އަޅާ ފިޔަވަޅުތައް މަޖިލީހުން ކަށަވަރުކުރުމެވެ.

ވިލިމާލެއަކީ މިހާތަނަށް މާލޭގެ ތޮއްޖެހުމާއި، އަޑުގަދަވުމާއި، ވައި ނުސާފުވުމުގެ މައްސަލަތަކުން ސަލާމަތްވެފައި އޮތް، ހިނގާބިނގާވެ އުޅޭ މީހުންނާ ރައްޓެހި މާހައުލެއް އޮތް ރަށަކަށްވާއިރު ފަހަކަށް އައިސް ބެޓެރި ސައިކަލުތައް އިންތިހާއަށް އިތުރުވެ، މަގުތައް ތޮއްޖެހި، ކުއްލި ހާލަތްތަކުގައި އެމްބިއުލާންސް ފަދަ އުޅަނދުތަކަށް ދަތުރުކުރުމަށް ދަތިވާ މިންވަރަށް ކަންކަން ގޯސްވަމުންދާކަން ޕެޓިޝަނުގައި ވަނީ ފާހަގަކޮށްފައެވެ.

ޕެޓިޝަންގައި ވަނީ ތިމާވެށީގެ ގޮތުން ބަލާއިރު، ވިލިމާލޭގެ ފެހިކަމާއި ދުވަސްވީ ބޮޑެތި ގަސްތަކަކީ ރަށުގެ ވިލުންތެރިކަން އިތުރުކޮށްދޭ މުހިންމު ވަސީލަތްތައް ކަމަށެވެ. އަދި ވާރޭވެހި ފެންބޮޑުވުމުގެ މައްސަލަ ވިލިމާލޭގައި ދިމާނުވަނީ ރަށުގައި ހުރި ހުސްޖާގަތަކާއި ގަސްތަކުގެ ސަބަބުން ފެން ބިމަށް ހިނދޭތީކަން ފާހަގަކޮށް، ދުވަސްވީ ގަސްތައް ކެނޑުމުގެ ބަދަލުގައި ”ރޫޓް ކޮންޓްރޯލް“ ފަދަ ޒަމާނީ އުކުޅުތައް ބޭނުންކޮށްގެން އެ ގަސްތައް ހިމާޔަތްކުރުމަށް ޕެޓިޝަނުގައި ގޮވާލާފައި ވެއެވެ.

ވަކިން ހާއްސަކޮށް، 200 އެއްހާ އަހަރުވެފައިވާ ގަސްތައް ކެނޑުމަށް ސަރުކާރުގެ މުއައްސަސާތަކުން މަސައްކަތްކުރުމަކީ ރަށުގެ ރައްޔިތުންގެ ބޮޑު ކަންބޮޑުވުމެއް އޮތް ކަމެއްކަން ވަނީ ބުނެފަ އެވެ.

މީގެ އިތުރުން، ތިލަމާލެ ބްރިޖު ވިލިމާލެއަށް ގުޅާލެވުމުން އަންނާނެ ބަދަލުތަކަށް ދުރާލާ ތައްޔާރުވުމުގެ މުހިންމުކަން ޕެޓިޝަނުގައި ބަޔާންކޮށްފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރިޔާސީ ކެންޕޭނުގައި ވެވަޑައިގަންނަވާފައިވާ ވައުދުފުޅާ އެއްގޮތަށް، ބްރިޖުން އަންނަ އުޅަނދުތައް ރަށުތެރެއަށް ވަނުން ހުއްޓުވައި، އެކަށީގެންވާ ޕާކިން ނިޒާމެއް ބްރިޖު ސަރަހައްދުގައި ގާއިމުކުރުން ކަށަވަރުކޮށްދިނުމަށް ވަނީ އެދިފައެވެ. އަދި އަލަށް ތަރައްގީ ކުރާ ހޮސްޕިޓަލާއި ފްލެޓްތައް ފަދަ އުމްރާނީ މަޝްރޫއުތައް ހިންގާއިރު ވެސް، ރަށުގެ ފެހިކަމާއި ހޭޅިފަށް ގެއްލިގެން ނުދާނެހެން ފަރުމާކުރުމަށް ބާރުއެޅުމަށްވެސް ޕެޓިޝަނުގައި ވަނީ ރައްޔިތުންގެ މަޖިލީހުގައި އެދިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: