ޖާނުން ފިދާވުމުގެ ހަމަލާއަކާއިއެކު އަނެއްކާވެސް މުޅި ޕާކިސްތާނު ސިއްސުވާލައިފިއެވެ.
ބައިނަލްއަގުވާމީ ނޫސްތަކުން ބުނާގޮތުން ޕާކިސްތާނުގެ ވެރި ރަށް އިސްލާމްއާބާދުގައި ޖާނުން ފިދާވުމުގެ ހަމަލާއެއް އަމާޒުކޮށްފައިވަނީ ޝިއީން އަޅުކަން ކުރާ މިސްކިތަކަށެވެ. މި ހަމަލާގެ ސަބަބުން ސަރަހައްދީ ސަލާމަތީ ކަންކަން ބަލަހައްޓަމުންދާ ގޮތާއިމެދު ގިނަ ބަޔަކު ސުވާލު އުފައްދަމުންދާ ޕާކިސްތާނަށްވަނީ ދުނިޔޭގެ ނަޒަރު ހުއްޓިފައެވެ.
މި ހަމަލާގެ ސަބަބުން މަދުވެގެން 31 މީހަކު ނިޔާވެފައިވާއިރު 169 މީހަކަށް އެކިވަރުގެ ޒަހަމްތައް ލިބިފައިވާކަން ނޫސްތަކުން ކަށަވަރުކޮށްދެއެވެ. މަންޒަރު ދުށް މީހުން ބުނާގޮތުން ކުއްލި ގޮވުމާއިއެކު އެކި މީހުން އެކި ކޮޅުތަކަށް ދުވާ މަންޒަރު ފެނުނެވެ. އޭރު ދުން އަރަމުންދިޔައިރު ބިންމަތިން ލޭ އޮހޮރެމުންދިޔަކަމަށެވެ.
މި ހަމަލާގެ ޒިންމާ ނަގާފައިވަނީ ބައިނަލްއަގުވާމީ ނިރުބަވެރި ޖަމާއަތެއްކަމަށް ކަނޑައަޅާފައިވާ އައިއެސް ޖަމާއަތާއި ގުޅިފައިވާ ޕާކިސްތާނުގެ ޖަމާއަތަކުންނެވެ. މިއީ 2008 ވަނަ އަހަރުގެ ތެރޭގައި އެ ގައުމުގެ ފަތުރުވެރިކަން ނެތިގެންދިއުމާއި ހިސާބަށް ގެންދިޔަ މެރިއަޓް ހޮޓެލްގައި ހިންގި ޖާނުން ފިދާވުމުގެ ހަމަލާއަށްފަހު ހިނގާފައިވާ އެންމެ ހިތާމަވެރި ހާދިސާއެވެ.
ނޫސްތަކުން ބުނާގޮތުން މިހާރު ހުންނެވި ބޮޑުވަޒީރު ޝެހެބާޒް ޝަރީފްއަށްވަނީ ހަނގުރާމަވެރިންގެ އަދަދު ގިނަވެގެންދިއުމުގެ މައްސަލައާއި ކުރިމަތިލާންޖެހިފައެވެ. އެހެންކަމުން ވެރިކަމުގެ ތަހުތަށް އެތެރެއިންވެސް ނުރައްކާ ކުރިމަތިވެފައިވާއިރު ސަރަހައްދީގޮތުންވެސް ބާރުވެރިކަމަށް ފެންނަ ބައެއް ހަނގުރާމަވެރި ޖަމާއަތްތަކުންވެސް ހަރަކާތްތެރިވަމުންދާކަން ފެންނަ ކަމަށް ފާހަގަކުރެއެވެ.
ތަންފީޒީ މަސައްކަތްތައް އެކަށީގެންވާ ގޮތެއްގެ މަތިން ކުރިއަށް ނުގެންދެވޭކަމަށް ބުނާ ވާހަކަތަކަށް ޕާކިސްތާނުގެ ސަރުކާރުން ދެކޮޅު ހަދާއިރު މިފަހުން ހިންގާފައިވާ މި ޖަރީމާގެ ބައިވެރިންތަކެއް އަތުލައިގަނެފައިވާކަން ހާމަކޮށްފައިވެއެވެ. ނޫސްތަކަށް މައުލޫމާތު ދީފައިވާގޮތުން ގޮއްވާލުމަށް މަގުފަހި ކުރި ފަރާތްތައްވަނީ އެ ގައުމުގެ ކަމާއި ބެހޭ އިދާރާއަށް ހާޒިރުކުރެވި ހައްޔަރުކުރެވިފައެވެ. އެ ގައުމުގެ ސަރުކާރުން ބުނާގޮތުން މިވަގުތު އުފެދިފައިވާ މައްސަލަތަކުގެ ފަހަތުގައި ގާތުގައި އޮންނަ އަފްގާނިސްތާނުގައި ތާލިބާނުންގެ ބާރުވެރިކަން ގެއްލެމުންދިއުން ބޮޑު ދައުރެއް އަދާކުރެއެވެ.
ދިފާއީ ވުޒާރާއިން ނޫސްތަކަށް ހިއްސާކުރިގޮތުން މިސްކިތަށް ޖާނުން ފިދާވުމުގެ ހަމަލާދިން މީހާއަކީވެސް އަފްގާނިސްތާނަށް ދަތުރުކުރުމުގެ ތާރީހެއް އޮތް މީހެއްކަމަށެވެ. އިންޑިއާއަށްވެސް މިކަމުގެ ތުހުމަތުތަކެއް އަމާޒުކޮށްފައިވާއިރު އެ ގައުމުންވަނީ ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރިކޮށް އެއްވެސް އަސާސެއް ނެތި ޕާކިސްތާނުގެ ސަރުކާރުން ދިށްކުރާ އިނގިލިތަކަށް އިންކާރުކޮށްފައެވެ.

