ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އާ ޑޮމެސްޓިކް ޓާމިނަލާއެކު އިގްތިސޯދަށް ހެޔޮ ބަދަލުތަކެއް އަންނާނެ: ނައިބު ރައީސް

ޝެއާރކޮށްލާ ކަހަލަދޯ؟

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ޑޮމެސްޓިކް ޚިދުމަތްތައް ބޮޑު އަދި ޒަމާނީ ޓަރމިނަލަކަށް ބަދަލުވެގެން ދިއުމަކީ އެ އެއަރޕޯޓުން ދެމުންގެންދާ ޚިދުމަތްތަކަށް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ ޑޮމެސްޓިކް ޓަރމިނަލްގެ އޮޕަރޭޝަންސް، ޓަރމިނަލް 2 އަށް ބަދަލުކުރުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު އިންޓަރނޭޝަނަލް ޓަރމިނަލް ހުޅުވި، މިވީ ކުރު މުއްދަތުގެ ތެރޭގައި ޑޮމެސްޓިކް ޚިދުމަތްތައްވެސް ޒަމާނީ ޓަރމިނަލަކަށް ބަދަލުވުމަކީ ރާއްޖޭގެ އިޤްތިޞާދަށް ވަރަށް ހެޔޮ އަދި ފައިދާހުރި ބަދަލުތަކެއް އަންނާނެ ކަމެއްކަން ފާހަގަކުރެއްވިއެވެ. އަދި ގިނަ ދުވަސްތަކެއް ވަންދެން އަޅާނުލެވި އޮތް ޑޮމެސްޓިކް ޓަރމިނަލަކީ ދިވެހި ރައްޔިތުންނާއި ފަތުރުވެރިންގެ މައި ދޮރާއްޓަށްވާއިރު، މީގެ ކުރިން އެ ތަން ތަރައްގީކުރުމަށް އެކަށީގެންވާ މަސައްކަތެއް ކުރެވިފައި ނެތްކަމަށް ވިދާޅުވިއެވެ.

”ޑޮމެސްޓިކް ޓަރމިނަލް ބޭނުންކުރާ ފަރާތްތަކަށް އެ ޓަރމިނަލަކީ ބޮޑު ތަކުލީފަކަށްވެފައި އޮތް ތަނެއް،“ ނައިބު ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ މިކަމުގެ ސަބަބުން އިގްތިސާދީގޮތުން އެ ޓަރމިނަލުން ދިވެހިރައްޔިތުންނަށް ލިބެންޖެހޭ ނަފާ، ގިނަ ދުވަސްތަކެއް ވަންދެން ހުއްޓިފައި އޮތް ކަމަށެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ޓަރމިނަލް 2 އިފުތިތާހު ކުރެވިގެން މިދިޔައީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ރިޔާސީ ދައުރު ފެށުމާއެކު، މި ތަކުލީފުތަކަށް އަވަސް ހައްލެއް ހޯއްދަވައިދެއްވުމަށް ދެއްވި އިސްކަމުގެ ސަބަބުން ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ. މިއަދު ހުޅުވިގެންދިޔަ އާ ޓަރމިނަލަކީ ކުރިއަށްވުރެ ޖާގައިގެ ގޮތުން ތަނަވަސް، ހިތްފަސޭހަ އަދި އިތުރު ޚިދުމަތްތައް އެކުލެވޭ ތަނެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ނައިބު ރައީސްގެ ވާހަކަފުޅު ނިންމަވާލެއްވީ، ޓަރމިނަލް މަރާމާތުކޮށް ކުރު މުއްދަތެއްގެ ތެރޭގައި ޚިދުމަތް ފެށުމަށް އެމް.އޭ.ސީ.އެލްގެ މެނޭޖުމަންޓާއި މުވައްޒަފުން ކުރެއްވި ބުރަ މަސައްކަތަށް ޝުކުރު އަދާކުރައްވަމުންނެވެ. މިއީ ރައީސް މުޢިއްޒުގެ ދުރުވިސްނޭ އިޤްތިޞާދީ ސިޔާސަތުގެ ދަށުން ރައްޔިތުންނަށް ލިބިގެންދިޔަ ބޮޑު ކުރިއެރުމެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: