ސަރުކާރުން ކުރިއަށް ގެންދާ އާއިލީ ބޯހިޔާވަހިކަމުގެ ”ބޯހިޔާވަހިކަން އެންމެންނަށް“ ގެ ނަމުގައި ފްލެޓަށް ކުރިމަތިލާން ހުޅުވާލާފައިވާއިރު، އޭގައި ހިމެނޭ ހިޔާ ވެށިފަހި ކެޓަގަރީ އަށް ހުށަހެޅުމުގައި ހައުސިން މިނިސްޓްރީން ލުޔެއް ދީފިއެވެ. 

އެގޮތުން ފްލެޓު ދޫކުރުމުގެ އުސޫލުގައިވާ ގޮތުން މާލެ ސަރަހައްދުން 7،900 ފްލެޓު ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރެއިން ހާއްސަ ކެޓަގަރީތަކަށް 2،400 ފްލެޓު ކަނޑައަޅާފައިވާއިރު އޭގައި ވަނީ ވެށިފަހި މާލެ އާއި ހިޔާ މަޝްރޫއުން ފްލެޓް ލިބޭނެ ކަމުގެ ލިޔުުން ލިބި، އެ ލިޔުމާ އެއްގޮތަށް ފްލެޓް ހަވާލުކޮށްފައި ނުވާ މީހުންނަށް ދޫކުރުމަށް 500 ފްލެޓެވެ.

ހައުސިން މިނިސްޓްރީން އެކްސްގައި މިއަދު ބުނީ އެ ކެޓަގަރީއަށް އެޕްލައި ކުރުމުގައި ފުލެޓު ލިބޭނެ ކަމުގެ ލިޔުން ނެތް ނަމަ ފުލެޓް ލިބޭނެކަން ސާބިތުކޮށްދޭ އެހެން ލިޔުމެއް ހުށަހެޅިދާނެ ކަމަށެވެ.

ހިޔާ ނުވަތަ ވެށިފަހި މަޝްރޫޢު އިން ފުލެޓް ލިބޭނެކަމުގެ ލިޔުން ލިބި، ފުލެޓް ނުލިބޭ ފަރާތްތަކަށް ޚާއްސަ ކެޓަގަރީއަށް އެޕްލައި ކުރުމުގައި، ފުލެޓު ލިބޭނެ ކަމުގެ ލިޔުން ނެތްނަމަ، ފުލެޓް ލިބޭނެކަން ސާބިތުކޮށްދޭ އެހެން ލިޔުމެއް ހުށަހެޅިދާނެއެވެ. އެގޮތުން ކަމާގުޅޭ އިދާރާއަކުން ޢާންމުކޮށްފައިވާ ލިސްޓަކުން ނުވަތަ ދޫކޮށްފައިވާ އެހެން ލިޔުމަކުން އެފަރާތަކަށް ފުލެޓު ލިބޭނެކަން ކަށަވަރުވާނަމަ، އެފަދަ މަޢުލޫމާތެއް ނުވަތަ ލިޔުމެއް ހުށަހެޅިދާނެއެވެ. 

ފްލެޓާއި ގޯތި ދިނުމުގެ އުސޫލުގައިވާ ގޮތުން މި ސްކީމުގެ އަސާސީ ޝަރުތެއްގެ ގޮތުގައި ހިމެނެނީ މާލޭ މީހުންނާއި މާލޭގައި ދިރިއުޅޭތާ 15 އަހަރުވެފައިވާ މީހުންނެވެ.

ފްލެޓު ދިނުމަށް ސަރުކާރުން ކަނޑައަޅާފައި ވަނީ:

  • މާލޭގެ ރަށްވެހިންނަށް 4،000 ފްލެޓް
  • މާލޭގައި ރަށްވެހިވެފައި ނުވާ މާލޭގައި ދިރިއުޅެމުންދާ މީހުންނަށް 1،500 ފްލެޓު
  • ހާއްސަ ކެޓަގަރީތަކަށް ކަނޑައަޅާފައިވާ 2،400 ފްލެޓް

 

ފްލެޓަށް އެދި ކުރިމަތިލުމުގެ ފުރުސަތު އަންނަ އޭޕްރީލް 17 ވަނަ ދުވަހުގެ ރޭގަނޑު 11:59 އަށް އޮންނާނެ އެވެ.