އަންނަ މާރިޗު މަހުގެ 9 ވާ ހޯމަ ދުވަހުން ފެށިގެން، ރަމަޟާން މަހުގެ ފަހުދިހައިގެ ދުވަސްތަކުގައި ސަރުކާރުގެ އޮފީސްތައް ބަންދުވާނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު އިޢުލާނުކޮށްފިއެވެ.
މިއީ ރަމަޟާން މަހުގެ ފަހުދިހައިގެ މާތް ދުވަސްތަކުގައި ދީނީ ކަންކަމަށް ފުރުޞަތު ފަހިކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވާފައިވާ ނިންމެވުމެކެވެ.
ކޮންމެ އަހަރެއްގެ ރަމަޟާން މަހުގެ ފަހުދިހައެއް ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވާ، އެގޮތަށް ޢަމަލުކުރަން ފަށާފައިވަނީ 1445 ވަނަ އަހަރުގެ ރަމަޟާން މަހުން ފެށިގެންނެވެ. މި ނިންމެވުމަކީ ރާއްޖޭގައި އިސްލާމީ އުސޫލުތައް ޤާއިމުކުރެއްވުމަށާއި، ދީނީ ކަންކަމަށް ރައްޔިތުންގެ ހިތްތަކުގައި ލޯބި ޖެއްސުމުގެ މަޤްޞަދުގައި ނިންމަވާފައިވާ ނިންމެވުމެކެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވާފައިވާ ގޮތުގައި، މިގޮތަށް ހަމަޖެއްސެވީ ދީނީ އަޅުކަންތަކަށް އިސްކަން ދިނުމަށް މުވައްޒަފުންނަށް ފުރުސަތު ދެއްވުމުގެ ގޮތުންނެވެ. މީގެ ސަބަބުން ރަމަޟާން މަހުގެ ފަހުދިހައިގެ މާތްކަން ހޯދުމަށް ރައްޔިތުންނަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެއެވެ.
ސަރުކާރުގެ އޮފީސްތައް ބަންދުވި ނަމަވެސް، ރައްޔިތުންނަށް ކޮންމެހެން ދޭންޖެހޭ ޚިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިނުމަށް ރައީސް އޮފީހުން ވަނީ އިރުޝާދު ދެއްވާފައެވެ. އެގޮތުން، އެކިއެކި މުއައްސަސާތަކުން ރައްޔިތުންނަށް ކޮންމެހެން ދެއްވަންޖެހޭ ޚިދުމަތްތައް، އެ މުއައްސަސާތަކުން ކަނޑައަޅުއްވާ ގޮތެއްގެ މަތިން ދެއްވުމުގެ އިންތިޒާމު ހަމަޖެއްސެވުމަށް ވަނީ އަންގަވައިފައެވެ.

