ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ކުރިން ތާއީދުކުރެއްވި ނަމަވެސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު މިހާރު އެކަމާ ދެކޮޅުކަން ހާމަކުރައްވައިފިއެވެ.
ނަޝީދު މިކަން ހާމަކުރެއްވީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ކުރީގެ މެންބަރުންނާއި މިހާރުގެ މެންބަރުން ހިމެނޭ ވަޓްސްއެޕް ގްރޫޕަކަށް ފޮނުއްވި މެސެޖެއްގައެވެ.
މައި ދެ އިންތިހާބު އެއްކޮށްލުމާ ގުޅޭގޮތުން ނަގާ ފެންނަ ނުފެންނަ ވޯޓުގައި ”ނޫނެކޭ“ ބުނުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުން މިދިޔަ ހަފްތާގައި ވަނީ ފާސްކޮށްފައެވެ.
ނަޝީދު ވިދާޅުވީ ގައުމީ މަޖިލީހުގެ އެ ނިންމުމަށް އެމަނިކުފާނު ފުރިހަމައަށް ތާއީދުކުރައްވާ ކަމަށެވެ.
”ކުރިއަށް އޮތް ފެންނަ ނުފެންނަ ވޯޓުގައި، ޕާޓީގެ ނިންމުމަށް އަޅުގަނޑު ތާއީދުކޮށް، ރިފެރަންޑަމްގައި ނޫނެކޭ ބުނަން ތައްޔާރު،“ ނަޝީދު ލިޔުއްވާފައިވެއެވެ.
ނަޝީދު ފާހަގަކުރެއްވި ގޮތުގައި ރާއްޖޭގެ ޑިމޮކްރަސީއަށް ދައުލަތުގެ ބަޖެޓުން ކުރާ ހަރަދަކީ ބޮޑު ހަރަދެއް ނޫނެވެ. އަދި ގިނަ ޕާޓީ އެކުލެވޭ ނިޒާމުގެ ސަބަބުން ޓެކްސްގެ ނިޒާމު ގާއިމުވެ، ދައުލަތުގެ އާމްދަނީ 30 ބިލިއަނަށް ވުރެ މަތީގައި ހުރިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އިންތިހާބުތައް ބާއްވައި ރައްޔިތުންގެ ބައިވެރިވުން އިތުރުވުމަކީ ތަރައްގީއަށް މަގުފަހިވާ ކަމެއް ކަމަށާއި، ދެ އިންތިހާބު އެއްކޮށްލުމަކީ ރައްޔިތުންގެ ބައިވެރިވުން ކުޑަވާނެ ކަމެއް ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.
ދެ އިންތިހާބު އެއްކޮށްލައި، މިހާރު އޮތް މަޖިލީހުގެ ދައުރު ކުރުކުރުމަށް ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަށް މަޖިލީހުން ފާސްކުރީ މި މަހުގެ ކުރީކޮޅުއެވެ. ނަމަވެސް، ގާނޫނުއަސާސީގައިވާ ގޮތުން މިފަދަ އިސްލާހަކަށް އަމަލުކުރެވޭނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން އެކަން ފާސްވެގެންނެވެ. މި ވޯޓު ނެގުމަށް ހަމަޖެހިފައިވަނީ އޭޕްރީލް 4 ގައި ބާއްވާ ކައުންސިލް އިންތިހާބާ ދިމާކޮށެވެ.
ސަރުކާރުން ބުނަމުންދަނީ ދެ އިންތިހާބު އެއްކޮށްލަނީ ހަރަދު ކުޑަކުރުމުގެ ބޭނުމުގައި ކަމަށެވެ. އެހެންނަމަވެސް، އިދިކޮޅު އެމްޑީޕީން ތުހުމަތުކުރާ ގޮތުގައި މިއީ ރައީސް މުއިއްޒު ދިގު މުއްދަތަކަށް ވެރިކަމުގައި ހުންނެވުމަށް ކުރައްވާ ”ހީލަތްތެރި ރޭވުމެއް“ ކަމަށެވެ. މި ވޯޓު ހުއްޓުވުމަށް އެމްޑީޕީން މިހާރު ވަނީ ސިވިލް ކޯޓަށް ދުސްތޫރީ މައްސަލައެއްވެސް ހުށަހަޅާފައެވެ.

