ލްމީ ތަރި އަދި ޑިރެކްޓަރު އަޙްމަދު ނިމާލު ނިޔާވުމާ ގުޅިގެން އޭނާގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓުގައި ރައީސްވަނީ ނިމާލަކީ ތަމްސީލުކުޅުމުގެ ދާއިރާއިން ހިތްވަރުދިނުމުގެ ގައުމީ އިނާމު ހާސިލުކުރައްވާފައިވާ ކުޅަދާނަ އެކްޓަރެއް އަދި ޑިރެކްޓަރެއްކަން ފާހަގަކުރައްވައި، އޭނާ ނިޔާވުމުގެ ހިތާމާގައި އެ އާއިލާއަށް ތައުޒިޔާ ވިދާޅުވެފައެވެ.
ރައީސްގެ ތައުޒިޔާގެ މެސެޖު ނިންމަވައިލެއްވީ ނިމާލަށް މާތްﷲެ ރުއްސެވުމާއި ފުއްސެވުން މިންވަރުކުރައްވައި ސުވަރުގޭގެ ދާއިމީ ނިއުމަތް ދެއްވުން އެދިވަޑައިގެން މާތްﷲގެ ޙަޟްރަތަށް ދުއާ ދަންނަވަމުންނެވެ.
ސްޓްރޯކެއް ޖެހިގެން ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް، ނިމާލް ނިޔާވެފަިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. ނިޔާވިއިރު ނިމާލްގެ އުމުރަކީ 62 އަހަރެވެ.
ދިވެހި ފިލްމީ ދާއިރާގައި ފާހަގަކޮށްލެވޭ ފަންނާނެއް ކަމަށްވާ ނިމާލް ފިލްމީ ދާއިރާއަށް ނުކުތީ 1984 ވަނަ އަހަރު އީސާ ޝަރީފުގެ ”ނުފޫޒު“ ފިލްމުން އެކްޓަރެއްގެ ގޮތުގައެވެ. އޭގެ ފަހުން 1993 ވަނަ އަހަރު އޭނާ އަމިއްލައަށް ލިޔެ، ޑައިރެކްޓުކޮށް އަދި އެކްޓުކުރި ”ސިޓީ“ އަކީ ދިވެހި ފިލްމީ ތާރީޚުގައި އާންމުންގެ ބޮޑު މަޤުބޫލުކަމެއް ހޯދި ފިލްމެކެވެ.
ނިމާލް ޑައިރެކްޓު ކުރި އަދި މުހިންމު ރޯލުތައް އަދާކުރި މަޝްހޫރު ފިލްމުތަކުގެ ތެރޭގައި ”ޒަލްޒަލާ“، ”ޔޫސުފް“ އަދި ”ނިއުމާ“ ފަދަ ކާމިޔާބު ފިލްމުތައް ހިމެނެއެވެ. އޭނާ ވަނީ އެތައް އަހަރެއް ވަންދެން ފިލްމީ ދާއިރާގައި ތަފާތު އެކި މަސައްކަތްތަކެއް ކޮށްފައެވެ.
ފިލްމީ ދާއިރާއަށް ނިމާލް ކޮށްދީފައިވާ އަގުހުރި ޚިދުމަތްތަކުގެ އަގުވަޒަންކޮށް، ސަރުކާރުން ވަނީ 1991 ވަނަ އަހަރު އޭނާއަށް ހިތްވަރުދިނުމުގެ ޤައުމީ އިނާމު ދެއްވާފައެވެ. ނިމާލްގެ ވަކިވެދިއުމަކީ ދިވެހި ފިލްމީ އާއިލާއަށް ލިބުނު ފޫނުބެއްދޭނެ ބޮޑު ހިތާމައެކެވެ

