މިދިޔަ ސަރުކާރުތަކުގައި ރައްޔިތުންގެ ހިޔާލާއި ނުލާ ގާނޫނުއަސާސީއަށް ބަދަލުތައް ގެނެއިނަމަވެސް، މިސަރުކާރުން ކަންކަން ކުރާނީ ރައްޔިތުންގެ ހިޔާލު ހޯދައިގެން ކަމަށް ފިޝަރީޒް މިނިސްޓަރ އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ޕީއެންސީން މިރޭ ކުރިޔަށް ގެންދިޔަ ރަމަޟާން މަހުގެ ތަރާވީސް ރަސްމިއްޔާތުގައި ޝިޔާމް ވިދާޅުވީ ރައީސް ޑރ. މުއިއްޒު މަސައްކަތްކުރައްވާ ގޮތަށް ކަންކަން ކުރައްވާ ވެރިއެއް އަދި ގައުމު ދެކެފައި ނުވާ ކަމަށެވެ. ޝިޔާމް ވިދާޅުވީ ޕީއެންސީން ރައްޔިތުންގެ ހިޔާލު ކަމެއްގައި ހޯދަނީ، އެއީ އެކަން ކުރަން ޖެހޭ ގޮތްކަމުގައި ވާތީ ކަމަށެވެ.
ޝިޔާމް ވިދާޅުވީ ރައްޔިތުންނާއި ގުޅޭ ކަންކަމުގައި ގާނޫނުއަސާސީއަށް ގެންނަ ބަދަލުތަކާއި މެދު، އެ ރައްޔިތުން ދެކެނީ ކިހިނެއްތޯ ބަލަން ޖެހޭ ކަމަށެވެ. އެހެން ނަމަވެސް މީގެކުރިން އެގޮތަށް އަމަލު ކުރުމެއް ނެތި، އެމްޑީޕީން އަމަލު ކުރީ އެ ޕާޓީއަށް މަންފާވާ ގޮތަށްކަމަށް ވިދާޅުވި އެވެ.
ޝިޔާމް ވިދާޅުވީ ރައީސް މުއިއްޒު ބޭނުން ވަނީ ބޮޑެތި ބަދަލުތައް ގެނެސް ތަންފީޒު ކުރުމުގެ ކުރިޔަށް، ރައްޔިތުންގެ ހިޔާލު ހޯދަން ކަމަށެވެ. އެހެންނަމަވެސް އެމްޑީޕީން ގެންދަނީ ކަންކަމުގައި ދޮގު ހަދައި، ރައްޔިތުންނަށް އޮޅުވާލުމަށް މަސައްކަތް ކުރަމުންކަމަށް ޝިޔާމް ވިދާޅުވި އެވެ.
ދެ އިންތިހާބު އެކުގައި ބޭއްވުމުގެ ސަބަބުން، ފައިދާ ކުރާނީ ރައްޔިތުންނަށްކަމަށް ޝިޔާމް ވިދާޅުވިއެވެ.
އިތުރަށް ޝިޔާމް ވިދާޅުވީ އެމްޑީޕީން ސަރުކާރުގެ ރަނގަޅު މަސައްކަތްތަކަށް ވެސް ފާޑުކިޔާ ކަމަށެވެ. އެގޮތުން ވޭޕްގެ މައްސަލައާއި އަދި ޑޮލަރުގެ މައްސަލަ ހައްލު ކުރުމަށް އެޅި ފިޔަވަޅުތަކާއި ދެކޮޅަށް އެ ޕާޓީން އަޑުއުފުލިތަން ފެނިގެން ދިޔަކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
”މީ މިއަދު އިންތިހާބާއި ދިމާކޮށް ކުރާން އުޅޭ ކަމެއް ނޫން. މިއީ ވެރިކަމަށް ވަޑައިގަތްއިރުވެސް ދެއްކި ވާހަކައެއް. މިހާރު 3 އިންތިހާބު އެއްކުރާ ވާހަކަވެސް ދައްކާ އެބަ. އެބޭފުޅުން ވެރިކަމުގައި ތިބިއިރު ކީއްވެތޯ އެކަން ނުކުރެއްވީ. ކޮންމެ ފަދަ ވާޙަކައެއްވެސް ދައްކަފާނެ އެމީހުން“
ޝިޔާމް ވިދާޅުވި ގޮތުގައި ތާރީހަށް ބަލާއިރު ވެސް ފެންނަ މަންޒަރަކީ ރިޔާސީ އިންތިހާބަކަށް ވޯޓު ލާން ނިކުންނަ މިންވަރަށް މަޖިލިސް އިންތިހާބަށްވެސް ނުނިކުތުމެވެ. އިންތިހާބުތަކަކީ ހަމައެކަނި ދައުލަތުން ކުރާ ހަރަދުތައް ނޫންކަމަށާއި ކެންޑިޑޭޓުންނާއި، ކެމްޕެއިން ޓީމުތަކުން ކުރާ ހަރަދުތައް އިތުރުކަމަށް ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވީ އިންތިހާބެއް ނިމޭއިރު، އާއިލާތަކުންވެސް ހަރަދުތައް ކުރާ ކަމަށާއި، އިންތިހާބުތައް ގިނަވާވަރަކަށް އެ ހަރަދުތައްވެސް ގިނަ ވާ ކަމަށެވެ.
ޝިޔާމް ވިދާޅުވީ ދައުލަތުންވެސް އެހާވަރަށް ހަރަދުތައް ވެސް ކުރާ ކަމަށާއި، އެހެންނަމަވެސް 2 އިންތިހާބު އެއްކޮށްލާނަމަ އެތައް މިލިއަނެއް ސަލާމަތް ކުރެވޭނެ ކަމަށެވެ. ސަރުކާރުން މަސައްކަތް ކުރަނީ ރާއްޖޭގެ ކަންކަން ރަނގަޅު ކުރަން ކަމަށާއި، ގައުމުގައި ސޮއްސާލާފައިވާ ކަންކަން ހަމަމަގަށް އަޅުވަންކަމަށް ޝިޔާމް ވިދާޅުވިއެވެ.

