އީރާނުގެ ވެރިރަށް ޓެހެރާންއަށް އިސްރާލުން ވަރުގަދަ ހަމަލާތަކެއް އަމާޒުކުރަން ފަށައިފިއެވެ.
ނޫސްތަކުން ބުނާގޮތުން އީރާނުގެ އިސްވެރިޔާ އާޔަތުﷲ ހަމަނާއީ ޝަހީދުކޮށްލުމަށްފަހު އިސްރާއީލުން ދެމުންދާ ބޮމުގެ ހަމަލާތަކުގެ ސަބަބުން އެ ގައުމުގެ ވެރިރަށަށްވެސް ބޮޑެތި ގެއްލުންތައް ލިބެމުންދާކަމަށެވެ. އިސްރާއީލުންވެސްވަނީ މި އަމާޒަށް ވާސިލުވުމަށް މަސައްކަތް ފަށާފައިވާކަން ހާމަކޮށްފައެވެ.
ރައްދެއްގެ ގޮތުގައި އީރާނުން ދެމުންދާ ހަމަލާތައްވެސް ވަނީ ފުޅާވެފައެވެ. އިސްރޭލުގެ އެކި ސަރަހައްދުތަކަށް މިސައިލުން ހަމަލާ ދެމުންދާއިރު އަރަބި ބައެއް ގައުމުތަކަށްވެސް މި މައްސަލައިގައި ހަމަލާތައް އަމާޒުވުން އެކަށީގެންވާކަމަށް ނޫސްވެރިން ފާހަގަކުރެއެވެ. އީރާނުގެ އިސްވެރިޔާ ޝަހީދުކޮށްލާފައިވަނީ އިސްރޭލާއި އެމެރިކާ ގުޅިގެން ހިންގި އޮޕަރޭޝަނެއް މެދުވެރިކޮށެވެ.
އީރާނުގެ ވެރި ރަށުގައި ގޮއްވާލި އަމާޒަކީ ކޮބައިކަން ސާފު ނޫން ނަމަވެސް ދުރުން ބަލާއިރުވެސް ބޮޑު ހުޅުގަނޑެއް ހިފައި ދުން އަރަމުންދާކަން ފެނިގެންދާކަން ނޫސްތަކުން ފާހަގަކުރެއެވެ. ނަމަވެސް އަމާޒުވިކަމަށް ބެލެވޭ ސަރަހައްދުގައި ދާހިލީ ސަލާމަތާއި ބެހޭ ވަސީލަތްތަކުގެ އިތުރުން މުއާސަލާތީ ބައެއް ހިދުމަތްތަކާއި ވަސީލަތްތައްވެސް ގާއިމުކޮށްފައިވާކަމަށް ބެލެވޭކަމަށް ބުނެފައިވެއެވެ. މި ސަރަހައްދުގައި ދިފާއީ ވުޒާރާވެސް ހުންނާނެކަން ފާހަގަކުރެއެވެ.
ހޮނިހިރު ދުވަހުގެ ވަގުތެއްގައި އެމެރިކާ އަދި އިސްރާއީލު ގުޅިގެން ދިން ހަމަލާއަކީ އެމެރިކާއިން ގައުމުތަކުގެ ދާހިލީ ކަންކަމުގެ ތެރެއަށް ވަނުމުގައި އަމަލުކޮށްފައިވާ ގޮތްތަކާއި ތަފާތު މަސައްކަތްތަކެއް ކަމަށްވުމުން މިއީ އައު ސަފުހާއެއް ފެށިގެންދިއުންތޯ މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ސުވާލު އުފައްދައެވެ. މިހާރު އުފެދިފައިވާ މައްސަލައިގެ ތެރޭގައި އެމެރިކާގެ ބޮޑު ދައުރެއް އޮތުމާއިއެކު ރައީސް ޑޮނަލްޑް ޓްރަމްޕު ހަނގުރާމަތައް ނިމުމަކަށް ގެނައުމަށްޓަކައި ގެންގުޅުއްވާ ސިޔާސަތަށް ވެގެންދަނީ ކޮން ގޮތެއްތޯވެސް ބައެއް ފަރާތްތަކުން ސުވާލު އުފައްދާފައިވެއެވެ،

