މައުލޫމާތު ލިބުމުގައި ލަސްވުމަކީ، ފުލުހުންގެ ނަން ބޭނުންކޮށްގެން ވާހަކަ ފަތުރަން ލިބޭ އުޒުރެއް ނޫންކަމަށް ފުލުހުންގެ ތަރުޖަމާން ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އިޒްމިއާ ޒާހިރު ވިދާޅުވެއްޖެެއެވެ.
އިސްކަންދަރުކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިޒްމިއާ ވަނީ ފުލުހުންގެ އިދާރާއިން ރަސްމީކޮށް ނުދޭ މައުލޫމާތެއްގައި ފުލުހުންގެ ނަން ބޭނުންކޮށްގެން ޚަބަރު ފަތުރާ ކަމަށާ، އެކަން ފުލުހުން ކުށްވެރިކުރާކަމަށް ވިދާޅުވެފައެވެ. މީގެ އިތުރުން، މީހެއްގެ ގަޔަށް ވަޅިހެރުމުގެ ހާދިސާއެއް ހިނގުމުން ސީންގައި ތިބޭ ފުލުހުން، ސީން ޕްރޮސެސްކޮށް ސައްހަ މައުލޫމާތު ހޯދަން ވަގުތު ބޭނުންވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އެހެންނަމަވެސް ފުލުހުން ނުދޭ މައުލޫމާތެއްގެ މައްޗަށް ބިނާކޮށް ފުލުހުންގެ ނަން ބޭނުންކޮށްގެންނާއި، ފުލުހުންނާއި ހަވާލާދީ މައުލޫމާތު ފެތުރުމަކީ ސައްހަ ނޫން މައުލޫމާތު ފެތުރޭ ސަބަބެއްކަމަށް އޭނާ ފާހަގަކުރެއްވިއެވެ. މައުލޫމާތު ފޯރުކޮށްދިނުމުގައި ލަސްވަނީ މައުލޫމާތުގެ ސައްހަކަން ކަށަވަރު ކުރަން ޖެހޭތީ ކަމަށް އޭނާ ވިދާޅުވިއެވެ.

