ޔަހޫދީ ސުހްޔޫނީ ދައުލަތުން އެމެރިކާއާއި ގުޅިގެން އީރާނަށް ދެމުންދާ ހަމަލާތަކުގެ ބަދަލުގައި، އީރާނުން ޚަލީޖުގެ ގައުމުތަކަށް އަމާޒުކޮށް ދެމުންދާ ހަމަލާތައް ހުއްޓާލުމަށް އަރަބި ލީގުން ގޮވާލައިފިއެވެ. މިކަމަށް ގޮވާލާފައިވަނީ ސަރަހައްދީ މަސްރަހު ގޯސްވަމުންދާ ދަނޑިވަޅެއްގައި އަރަބި ލީގުން ނެރުނު ބަޔާނެއްގައެވެ.
އަރަބި ލީގުގެ ސެކްރެޓަރީ ޖެނެރަލް އަޙުމަދު އަބުލް ޣައިތު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، އަވަށްޓެރި ޚަލީޖްގެ ގައުމުތަކާއެކު އޮތް ދެކޮޅުވެރިކަން އީރާނުން މިހާރު ދެމުންދާ ހަމަލާތަކުގެ ސަބަބުން އިންތިހާ މިންވަރަށް ބޮޑުވެފައިވާ ކަމަށެވެ. އަދި މި ހީނަރުކަމުގެ ސަބަބުން ޚަލީޖުގެ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަމަށް ބޮޑެތި ހުރަސްތަކެއް އެޅި، މުޅި ސަރަހައްދުގައި ބިރުވެރިކަން ފެތުރިފައިވާ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
އަބުލް ޣައިތު ވަނީ ތެހެރާނުން ދެމުންދާ ހަމަލާތައް ވަގުތުން ހުއްޓާލުމަށް ހަރުކަށި އިބާރާތުން ގޮވާލައްވާފައެވެ. އީރާނުގެ މި އަމަލުތަކަކީ ”ސްޓްރެޓީޖިކް ގޯހެއް“ ކަމުގައި ސިފަކުރައްވަމުން، އެ ގައުމުން ”ހަމަބުއްދިއަށް ރުޖޫއަވާންޖެހޭ“ ކަމަށްވެސް ސެކްރެޓަރީ ޖެނެރަލްގެ ބަޔާނުގައި ބަޔާންކޮށްފައިވެއެވެ.
ސަރަހައްދީ ގައުމުތަކުގެ މެދުގައި އެއްބާރުލުން އިތުރުކުރުމަށް 22 މެމްބަރު ގައުމުގެ މައްޗަށް އެކުލެވޭ ގޮތަށް އަރަބި ލީގު އުފައްދާފައިވީ ނަމަވެސް، ސަރަހައްދީ ހަމަނުޖެހުންތަކާއި މައްސަލަތައް ހައްލުކުރުމުގައި އެ ޖަމާއަތަށް ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހިފައިވާ ކަމަށް ދުނިޔޭގެ މަސްރަހު ދިރާސާކުރާ ފަރާތްތަކުން ފާހަގަކުރެއެވެ.

