ސަރުކާރުގެ ސިޔާސަތުތަކާ ދެކޮޅު ކައުންސިލްތަކުގެ ސަބަބުން މަޝްރޫއުތައް މަޑުޖައްސާލަން ޖެހުނު ކަމަށް ބުނާ 57 ރަށެއްގެ މައުލޫމާތު އާންމުކުރުމަށް އިދިކޮޅު އެމްޑީޕީން ސަރުކާރަށް ގޮވާލައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދާދިފަހުން ވިދާޅުވެފައިވަނީ، ރަށުގެ ތަރައްގީއަށްޓަކައި ގިނަ ރޭވުންތަކެއް ހުރި ނަމަވެސް، 57 ރަށެއްގެ ކައުންސިލުން ސަރުކާރުގެ ވައުދުތައް ފުއްދުމަށް އެއްބާރުލުން ނުދޭ ކަމަށެވެ. އަދި އޭގެ ސަބަބުން އެ ރަށްރަށުގައި ފަށަން ހުރި މަޝްރޫއުތައް މަޑުޖައްސާލާފައިވާ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
މިކަމާ ގުޅިގެން އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އެ ޕާޓީގެ ކެމްޕޭން ތަރުޖަމާނު އަދި ދިއްދޫ ދާއިރާގެ ރައީސް މުހައްމަދު ވަހީދު ވިދާޅުވީ، ރައީސް ފާހަގަކުރެއްވި ރަށްތަކުގެ މައުލޫމާތު ހޯދުމަށް މައުލޫމާތު ހޯދުމާއި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން (އާރުޓީއައި) ފޯމު ހުށަހަޅާފައިވާ ކަމަށެވެ. ނަމަވެސް މިހާތަނަށް އެކަމުގެ އެއްވެސް ޖަވާބެއް ލިބިފައިނުވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ވަހީދު ވިދާޅުވީ ރައީސްގެ މި ވާހަކަފުޅުގެ މަގްސަދަކީ ކައުންސިލްތަކަށް ފުރައްސާރަކޮށް ޖެއްސުން ކުރުން ކަމަށާއި، މިއީ ސަރުކާރުގެ ނާގާބިލްކަން ފޮރުވުމަށް ދައްކާ ވާހަކައެއް ކަމަށެވެ.
”އަޅުގަނޑު ޗެލެންޖުކޮށްފައި މި ބުނަނީ، ނުކެރޭނެ ސަރުކާރަކަށް އެ ރަށްތަކުގެ ނަން ބުނާކަށް. އެންމެ ރަށެއްގެ މައުލޫމާތެއް ވެސް ނުކެރޭނެ ދޭކަށް،“ ވަހީދު ވިދާޅުވިއެވެ.
މީގެ އިތުރުން، ކުރިއަށް އޮތް ކައުންސިލް އިންތިހާބާ ދިމާކޮށް ސަރުކާރުން ނުފޫޒު ފޯރުވަމުންދާ ކަމަށްވެސް އެމްޑީޕީން ވަނީ ތުހުމަތުކޮށްފައެވެ. އެގޮތުން ސަރުކާރުގެ އެކި ފެންވަރުގެ ބޭފުޅުން ރަށްރަށަށް ގޮސް ވަޒީފާތައް ބަހަމުންދާ ކަމަށާއި، ޖަލުގައި ތިބި މީހުން ގެއަށް ބަދަލުކޮށް، ދައުވާތައް ނަގަމުންދާ ކަމަށް ވަހީދު ތުހުމަތު ކުރެއްވިއެވެ.
ވަހީދު އިތުރަށް ވިދާޅުވީ، ސަރުކާރުގެ މުއައްސަސާތަކާއި ވަސީލަތްތައް ބޭނުންކޮށްގެން، މީގެ ކުރީގެ އެއްވެސް އިންތިހާބެއްގައި ނުފޫޒު ނުފޯރުވާ މިންވަރަށް މި އިންތިހާބަށް ސަރުކާރުން ނުފޫޒު ފޯރުވަމުންދާ ކަމަށެވެ.

