ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) ފޯރުކޮށްދޭ ހިދުމަތްތައް ލުއިފަސޭހަކޮށް ހޯދުމާއި ހިދުމަތް ކުރިއަށްދާ ގޮތް އަދާހަމަކޮށް އެއް މަންސައަކުން ފަސޭހަ ނިޒާމެއްގެ ތެރެއިން ބޭނުންކުރެވޭނެހެން ހާއްސަ ކަސްޓަމާ ޕޯޓަލްއެއްމިއަދު އިފްތިތާހުކޮށްފިއެވެ.
ސްޓެލްކޯގެ އޮޑިޓޯރިއަމްގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ޕޯޓަލް އިފްތިތާހުކޮށްދެއްވީ ކުންފުނި ހިންގުމާ ވަގުތީގޮތުން ހަވާލުވެ ހުންނެވި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ ޑރ. އަލީ އަޒްވަރު އެވެ.
ސްޓެލްކޯއިން ބުނި ގޮތުގައި މި ޕޯޓަލްގެ ސަބަބުން ކުންފުނީގެ ހިދުމަތްތަކަށް އެދުމާއި، ޚިދުމަތްތައް ކުރިއަށްދާ ގޮތް އަދާހަމަކޮށް ބަލާލުމުގެ ފުރުސަތު ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ލިބިގެންދާނެއެވެ.
ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އަޒްވަރު ވިދާޅުވީ، މިއަދަކީ ކުންފުނީގެ ވަރަށް އުފާވެރި އަދި ފާހަގަކޮށްލެވޭ މުހިންމު ދުވަހެއް ކަމަށެވެ. އަދި މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ”މޯލްޑިވްސް 2.0“ ތަސައްވުރާއި، ރާއްޖޭގެ ޑިޖިޓަލައިޒޭޝަން ޕްރޮގްރާމާ އެއްގޮތަށް ގެނެވުނު ވަރަށް މުހިންމު ބަދަލެއްކަމަށް ވިދާޅުވި އެވެ.
މި ޕްރޮޖެކްޓަކީ ވަރަށް ގިނަ މުވައްޒަފުން ހިމެނޭހެން ދުވަސްތަކެއް ވަންދެން އަމަލީގޮތުން މަސައްކަތްތަކެއް ކޮށްފައިވާ ޕްރޮޖެކްޓެއްކަން އަޒްވަރު ފާހަގަކުރެއްވި އެވެ. އަދި ވިދާޅުވީ މީގެ ސަބަބުން ޕޭޕަލެސް ސިސްޓަމަކަށް ކުންފުނީގެ ހިދުމަތްތައް ބަދަލުވެގެން ގޮސްފައިވާކަމަށެވެ.
މި ޕޯޓަލް މެދުވެރިކޮށް ކަސްޓަމަރުންނަށް ލިބޭނެ ފަސޭހަތަކުގެ ތެރޭގައި ހުރިހާ ހިދުމަތަކަށް އޮންލައިންކޮށް އެޕްލައިކުރެވުމާއި، އެޕްލިކޭޝަންގެ ސްޓޭޓަސް ބަލާލުމާއި، ފޯނަށް އަޕްޑޭޓް ލިބުމުގެ އިތުރުން ބިލްތަކަށް ފައިސާ ދެއްކުމާއި އެހެނިހެން ފީތައް އޮންލައިންކޮށް ދެއްކުން ހިމެނެއެވެ. އަދި އީ-ފާސް މެދުވެރިކޮށް ފަސޭހައިން ލޮގިން ވެވޭނެ އިންތިޒާމުވެސް ވަނީ ހަމަޖައްސާފައެވެ.
މީގެ އިތުރުން، ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ހުއްދަ އޮންނަ އިންޖިނިއަރުންނަށް ވެސް މި ސިސްޓަމްގެ ތެރެއިން އެޕްލިކޭޝަންތައް އެޕްރޫވް ކުރެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.
ޕޯޓަލްއާއި ގުޅޭގޮތުން އަޒްވަރު އިތުރަށް ވިދާޅުވީ، މި ބަދަލާއިއެކު ސްޓެލްކޯގެ އޮފީސްތަކުން ހިދުމަތް ހޯދަންޖެހޭ މިންވަރު ވަރަށް ބޮޑަށް މަދުވެގެންދާނެ ކަމަށެވެ. މިއީ ކަރަންޓުގެ ހިދުމަތް 24 ގަޑިއިރު ފޯރުކޮށްދޭ ފަދައިން، އެ ހިދުމަތާ ގުޅުންހުރި އިދާރީ ކަންކަންވެސް 24 ގަޑިއިރު ކަސްޓަމަރުންނަށް ފަސޭހައިން ކުރެވޭނެ މަގު ތަނަވަސްކޮށްދިނުންކަމަށް ވިދާޅުވިއެވެ.
މި މަސައްކަތުގައި ކުންފުނީގެ އައިޓީ ޓީމާއި، ޑިވެލޮޕަރުން އަދި ކަސްޓަމަރ ސާވިސްގެ މުވައްޒަފުން ކުރި މަސައްކަތް ފާހަގަކޮށް، އަޒްވަރު ވަނީ އެ ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.

