ދިވެހިރާއްޖޭގެ ސިއްޙީ ދާއިރާ، ވަކިން ޙާއްސަކޮށް ޙިދުމަތް ދިނުމުގެ ނިޒާމު މިހާރު ދަނީ ވަރަށް ބާރަށް ކުރިއަރަމުން ކަމަށް ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވަނީ ސިއްޙީ ދާއިރާގެ ކުރިއެރުމަށް ކުރެވެމުންދާ މުހިންމު މަސައްކަތްތަކުގެ ތަފްސީލު ހިއްސާކުރައްވާފައެވެ.
ވަޒީރު ނާޒިމް ވިދާޅުވީ ސަރުކާރާއި ރައްޔިތުން ގުޅިގެން ކުރެވޭ މަސައްކަތްތަކުން ހެލްތް ސެކްޓަރއިން ފޯރުކޮށްދޭ ޙިދުމަތްތައް ފުޅާވަމުންދާ ކަމަށެވެ. އަދި ޚިދުމަތްތައް ފުޅާވުމާއެކު، އޭގެ ވަށައިގެންހުރި އެހެނިހެން ނިޒާމުތައް ތަރައްޤީކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
މިގޮތުން ގަވަނެންސިންގ ސިސްޓަމް، އެޗްޕީއޭ، އެމްއެފްޑީއޭ، އަދި ޤާނޫނީ ގޮތުން ހިންގަންޖެހޭ ކައުންސިލްތަކުގެ މަސައްކަތްތައް ހަރުދަނާކުރުމަކީ ރައްޔިތުންނަށް ފުރިހަމަ ޚިދުމަތެއް ދިނުމަށް މުހިންމު ކަމެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.
ރާއްޖޭގައި އަލަށް ވުޖޫދުކުރެވުނު ކާބޯތަކެތީގެ ޤާނޫނާ ގުޅޭގޮތުން ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ، 2024 ވަނަ އަހަރު އަމަލުކުރަން ފެށި މި ޤާނޫނުގެ ދަށުން ކުރަންޖެހޭ ކަންކަން އެކި މަރުހަލާތަކަށް ބަހާލައިގެން ތަންފީޒު ކުރަމުންދާ ކަމަށެވެ. މީގެ ތެރެއިން އެންމެ މުހިންމު އެއް މަސައްކަތަކީ ކާބޯތަކެތީގައި ހިމެނޭ ޕެސްޓިސައިޑްސް އާއި ހެވީ މެޓަލްސް ތަހުލީލު ކުރެވޭނެ ނިޒާމެއް ޤާއިމުކުރުމެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރިޔާސީ ބަޔާނުގައި ވެވަޑައިގެންފައިވާ ވަޢުދުފުޅާ އެއްގޮތަށް، މިއަހަރުގެ ތެރޭގައި މިފަދަ ތަހުލީލުތައް ކުރެވޭނެ އިންތިޒާމު އެމްއެފްޑީއޭގައި ޤާއިމުކުރެވޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
”މިކަމަށް ބޭނުންވާ މެޝިނަރީ އިންސްޓޯލް ކުރުމާއި މުވައްޒަފުން ތަމްރީނުކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށް،“ ނާޒިމް ވިދާޅުވިއެވެ.
ސިއްޙީ ދާއިރާ ކުރިއަރަމުންދިޔަ ނަމަވެސް، މިކަމުގައި ބޮޑެތި ގޮންޖެހުންތަކެއް ހުރިކަން ވަޒީރު ފާހަގަކުރެއްވިއެވެ. އެގޮތުން އެންމެ ބޮޑު ދައްޗަކީ ފަންނީ އަދި ޓެކްނިކަލް މީހުން ނުލިބުމުގެ މައްސަލަކަމަށް އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް، މިކަމަށް ޙައްލެއް ހޯދުމަށް ސަރުކާރުން ހާއްސަ މަސައްކަތްތަކެއް ކުރަމުންދާކަމުގެ ޔަގީންކަން ވަޒީރު ވަނީ ދެއްވާފައެވެ.

