ސޯޝަލް މީޑިއާގެ ޓިކްޓޮކް މެދުވެރިކޮށް އިސްލާމްދީނަށް ތައުހީނުކޮށް ފުރައްސާރަކުރާ މީހަކު ހޯދުމަށް ދިވެހި ފުލުހުންގެ ހިދުމަތުން މިއަދު އިއުލާނުކޮށްފިއެވެ.
މި މައްސަލައިގެ ތަހުގީގަށް ހާޒިރުވާން އަންގާފައިވަނީ ނ. ކުޑަފަރި، ހިޔަލީގެ، އުމުރުން 44 އަހަރުގެ ޙުސައިން ޔޫސުފް އެވެ.
އޭނާ ހާޒިރުކުރަނީ އިސްލާމްދީނަށް ތައުހީނުކޮށް ފުރައްސާރަކުރުމާއި، ދިވެހި ރައްޔިތުންގެ އެއްބައިވަންތަކަން ނަގާލަން މަސައްކަތްކުރުމުގެ ތުހުމަތުގައެވެ.
މީގެ އިތުރުން، އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތަކުގެ ތެރޭގައި މީހުންގެ މެދުގައި ދީނީ ގޮތުން ބައިބައިވުން އުފެދޭ ބާވަތުގެ ވާހަކަ ދެއްކުމާއި، އިސްލާމްދީނުގެ އަސްލުތަކާ ގުޅޭގޮތުން ދޮގު މައުލޫމާތު ފެތުރުން ހިމެނެއެވެ.
ފުލުހުން ބުނީ ޔޫސުފްއާއި އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމުގެ ޗިޓު އޭނާއަށް ރައްދުކުރެވިފައި ނުވާ ކަމަށެވެ.
އެހެންކަމުން، ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގެ ދަށުން، ތަހުގީގަށް ސުވާލުކުރުމަށްޓަކައި މާޗު 18 ވަނަ ދުވަހުގެ 12:00 އަށް ސާޖަންޓް އާދަމް ޙަލީމް ކުރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގަށް ހާޒިރުވުމަށް ފުލުހުން ވަނީ އޭނާއަށް އަންގާފައެވެ.

