ބަންޑާރަ މިސްކިތަކީ ރާއްޖޭގެ އާސާރީ ތަރިކައިގެ މިސްކިތްތަކުގެ ތެރޭގައި ހިމެނޭ މިސްކިތެއް ނޫންކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު ޝަހީމް މިހެން ވިދާޅުވީ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
ޝަހީމް ވިދާޅުވީ ބަންޑާރަ މިސްކިތް ހުރިތަނުގައި ބޮޑު މިސްކިތެއް ބިނާކުރުމަށް ޤަސްތުކުރެއްވީ ބަންޑާރަ މިސްކިތަކީ އާސާރީ ތަރިކައިގެ ތެރޭ ހިމެނޭ ތަނަކަށް ނުވާތީއެވެ.
އެހެން ނަމަވެސް އިސްލާމިކް މިނިސްޓްރީއިން ކަންކަން ކުރާނީ ރައްޔިތުންގެ އަޑުއަހާ ރައްޔިތުންގެ ޙިޔާލާއި އެއްގޮތަށްކަމަށް ޝަހީމް ވިދާޅުވިއެވެ.
ބަންޑާރަ މިސްކިތް ހުރި ތަނުގައި ޒަމާނީ ބޮޑު މިސްކިތެއް އެޅުމުގެ މަސައްކަތް ރޯދަމަސް ފަހުން ފެށިގެންދާނެ ކަމަށް ވަޒީރު ޝަހީމް ވިދާޅުވުމާއި ގުޅިގެން ގިނަބަޔަކުވަނީ އެކަމާއި ނުރުހުން ފާޅުކުރަމުންނެވެ.
މިގޮތުން ބަންޑާރަ މިސްކިތަކީ ދިވެހިންގެ ދީނާއި، ސަޤާފަތާއި، ތާރީޚު ދައްކުވައިދޭ މުހިއްމު ރަމްޒެއްކަމަށާއި، އެފަދަ ތަނެއް ތަޅާލުމަކީ ޤާނޫނާއިވެސް ޚިލާފުކަމަށް ވަނީ ބުނެފަ އެވެ.
ޤައުމެއްގެ ކާބަފައިން ދޫކޮށްފައިވާ މުހިއްމު އާސާރުތަކަކީ، އެ ޤައުމެއްގެ މޫނުބަލާ ލޯގަނޑު ކަމަށް ވާއިރު، ޤަރުނެއް ވާން ކައިރިވެފައިވާ ބަންޑާރަ މިސްކިތް ތަޅާލުމަށް ސަރުކާރުން ނިންމި ނިންމުން ބަލައިނުގަނެވޭނެކަމަށް ބައެއް ފަރާތްތަކުން ވަނީ ބުނެފަ އެވެ.
ބާންޑާރަ މިސްކިތަކީ ދިވެހިންގެ ދީނާއި ސަޤާފަތާއި ތާރީޚު ދައްކުވައިދޭ މުހިއްމު ރަމްޒެއްކަމަށާއި މި މިސްކިތް ހުރި ހިސާބުގެ ގޮތުން މާލެ ސިޓީއަށް ޒިޔާރަތްކުރާ މީހުންގެ މެދުގައި ވެސް، މި ބިނާ އަކީ މަޤުބޫލު ތަނެއްކަން ފާހަގަކޮށް ސޯޝަލް މީޑިއާގައި އަޑުއުލާ ފަރާތްތަކުން ވަނީ މި ނިންމުން ބަދަލުކުރުމަށް ގޮވާލާފައެވެ.
މި ފާޑުކިޔުންތަކަށް ޝަހީމް ވަނީ އިސްލާމިކް މިނިސްޓްރީއިން ކަންކަން ކުރާނީ ރައްޔިތުންގެ އަޑުއަހާ ރައްޔިތުންގެ ޙިޔާލާއި އެއްގޮތަށްކަމަށް ވިދާޅުވެފައެވެ. އަދި އެތަނުގައި ބޮޑު މިސްކިތެއް ބިނާކުރުމާމެދު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރަން ބޭނުންވާކަމަށް ވިދާޅުވިއެވެ.

