ށ. ފޯކައިދޫގައި އިސްލާމީ މަރުކަޒު އިމާރާތް ކުރުމުގެ މަސައްކަތުގެ ތެރެއިން ފައުންޑޭޝަން އެޅުމަށްޓަކައި އެ ސަރަހައްދު ކޮނުމުގެ މަސައްކަތް މިހާރު ފަށައިގެން ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
މި މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ އަހަރުގެ އޮކްޓޯބަރު 14 ވަނަ ދުވަހު ފޯކައިދޫއަށް ކުރެއްވި ދަތުރުފުޅުގައި ބިންގާ އަޅުއްވައިދެއްވި މަޝްރޫޢެކެވެ. މި މަރުކަޒުގެ ބިންގާ އަޅުއްވައިދެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ. މި މަސައްކަތަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދީނީ އުމްރާނީ ވަސީލަތްތައް ހަރުދަނާކުރުމަށް ސަރުކާރުން ކުރިއަށްގެންދާ ސިޔާސަތުގެ ދަށުން ކުރެވޭ މަސައްކަތެކެވެ.
އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢަށް ގާތްގަނޑަކަށް 25.41 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް އަންދާޒާކުރެވެއެވެ. މި މަސައްކަތް އެއް އަހަރާއި ނުވަ މަސް ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ތާވަލުކުރެވިފައެވެ.
މި އިސްލާމީ މަރުކަޒު ފަރުމާކޮށްފައިވަނީ ޒަމާނީ ވަސީލަތްތަކާއެކުގައެވެ. އެގޮތުން އެއްފަހަރާ 700 އެއްހާ މީހުންނަށް ނަމާދުކުރެވޭނެ ތަނަވަސް ނަމާދު ހޯލަކާއި، ދީނީ އަދި އިޖުތިމާޢީ އެކި ހަރަކާތްތައް ހިންގުމަށް 300 މީހުންގެ ޖާގައިގެ މަލްޓިޕާޕަސް ހޯލެއް މި އިމާރާތުގައި ހިމެނެއެވެ.
ދީނީ ތައުލީމު ފެތުރުމަށްޓަކައި މި މަރުކަޒުގައި ތިން ކްލާސްރޫމް ހިމެނޭއިރު، ދީނީ ދިރާސާތަކަށާއި އިސްލާމީ އަދަބިއްޔާތުގެ ފޮތްތައް އާންމުންނަށް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި ކުތުބުޚާނާއެއް ވެސް ގާއިމުކުރެވޭނެއެވެ. މީގެ ބޭނުމަކީ އިތުރުވަމުންދާ އާބާދީގެ ބޭނުންތަކަށް ފުދޭފަދަ ޒަމާނީ ދީނީ ބިނާތައް ރަށްރަށުގައި ބިނާކުރުމެވެ.
ފޯކައިދޫގެ ރައްޔިތުން މި މަޝްރޫޢަށް ވަރަށް ބޮޑު ތަރުހީބެއް ދެމުންދާއިރު، މި އައު މަރުކަޒުގެ ސަބަބުން ރަށުގެ އިޖުތިމާޢީ ބަދަހިކަން ވަރުގަދަވެ، ދީނީ ޢިލްމު އުނގެނުމަށް ފަހި ފުރުޞަތުތަކެއް ހުޅުވިގެންދާނެ ކަމަށް ރައްޔިތުން އުއްމީދުކުރެއެވެ.

