ދުންފަތް ކޮންޓްރޯލް ކުރުމުގެ ގޮތުން އިތުރު ކަންކަން މަނާކުރުމަކީ (ބޭން ކުރުމަކީ) މިސަރުކާރުގެ ސިޔާސަތެއް ނޫންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ޕީއެންސީއިން އާޓިފިޝަލް ބީޗުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ ދާދިފަހުން ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް ނޫސްވެރިންނާ ބައްދަލުކުރައްވާ ސަރުކާރުން ޝީޝާ މަނާކޮށް ހަކުރުން ސަބްސިޑީ ކަނޑާލުމަށްފަހު ޓެކްސް ނެގުމަށް މަޝްވަރާ ކުރަމުންދާ ކަމަށް ވިދާޅުވި ނަމަވެސް، މިސަރުކާރުން ޝީޝާ މަނާކޮށް، ހަކުރުން ސަބްސިޑީ ކަނޑާލުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށެވެ. މީގެ ބަދަލުގައި މިސަރުކާރުގެ ސިޔާސަތަކީ ރައްޔިތުން އެކަންކަމަށް ހޭލުންތެރި ކުރުވުން ކަމަށް ރައީސް ވިދާޅުވިއެވެ.
ޝީޝާ ބުއިމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އޭރުގެ ގުޑުގުޑާ ނުވަތަ މިހާރުގެ ބަހުންނަމަ ޝީޝާ ބުއިމަކީ ދިވެހިންގެ އާދަކާދައާއި ގުޅިފައިވާ ކަމެއް ކަމަށެވެ. އެހެންކަމުން މިހާ ބޮޑަށް ދެވިހިފާފައިވާ ކަންކަން އެހާ ފަސޭހައިން މަނާ ނުކުރެވޭނެ ކަމަށާއި، މަނާ ކުރިޔަސް އެފަދަ ކަންކަމާ ރައްޔިތުން ދުރު ނުކުރެވޭނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ހަކުރުގެ ސަބްސިޑީއާ ގުޅޭގޮތުން ރައީސް ވިދާޅުވީ، ހަކުރުގެ ސަބްސިޑީ ކަނޑާލާ ޑިއުޓީ ބޮޑު ކުރުމަކީ މިސަރުކާރުން ކުރާނެ ކަމެއް ނޫންކަމަށެވެ. ސަރުކާރުގެ އަމާޒަކީ ޝުގަރީ ޑްރިންކްސްތައް ބޭނުންކުރުމުން ލިބޭ ގެއްލުންތަކުން ރައްޔިތުން ދުރުހެލިވުމަށް ހޭލުންތެރިކަން އިތުރުކުރުން ކަމަށް ރައީސް ވިދާޅުވިއެވެ.
ސަރުކާރުގެ ސިޔާސަތަކީ ވަށާޖެހޭ ސިޔާސަތެއްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ހަށިގަނޑަށް ފައިދާވާ މޭވާ އާއި ތަރުކާރީގެ ބާވަތްތައް އަގުހެޔޮކޮށް ރާއްޖޭގައި ލިބޭނެ ގޮތް ހަދައި، އެފަދަ ތަކެތި ރާއްޖޭގައި އުފެއްދޭނެ މަގުފަހިކޮށްދިނުމަކީ ސަރުކާރުގެ އަމާޒެއް ކަމަށެވެ. އަދި ރައްޔިތުންނަށް ހެލްތީ ޑައެޓަކަށް ދިއުމުގެ މަގުފަހިކޮށްދިނުމުގެ ނިޒާމެއް ތަންފީޒު ކުރައްވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

