ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ސަރުކާރަށް ނިސްބަތްވާ އެއްވެސް ވަޒީރަކު ނުވަތަ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު، ދިވެހިރާއްޖެ ބަދުނާމުކޮށް ގައުމަށް ދެރަގޮތެއް ވުމަށް އެއްވެސް މަސައްކަތެއް ނުކުރާނެކަމަށް ފޮރިން މިނިސްޓަރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެ އެވެ.
ޚަލީލް މިހެން ވިދާޅުވީ ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިނަށް، ޕީއެންސީން ހުޅުމާލޭގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. ހުޅުމާލެ މެދު ދާއިރާގެ ކެމްޕެއިން އޮފީސް މިރޭ ހުޅުވާފައިވާއިރު، ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަސްޓްލޭޑީ ސާޖިދާ މުހައްމަދެވެ.
މިރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޚަލީލް ވިދާޅުވީ، މި ސަރުކާރުގެ މަސްއޫލުވެރިންނަކީ ގައުމީ ފިކުރުގެ، ގައުމުދެކެ ލޯބިވާ ބައެއް ކަމަށެވެ. އަދި ރައީސް މުއިއްޒުގެ ސަރުކާރުގެ ސިޔާސަތު ބައްޓަން ކުރައްވާފައިވަނީ ”ދިވެހިންގެ ރާއްޖެ“ ބިނާކުރުމުގެ އަޒުމުގައިކަމަށާއި، އެމަނިކުފާނުގެ ވިސްނުންފުޅަކީ ދިވެހިވަންތަ ގައުމީ ރާއްޖެއެއް ބިނާކުރުންކަމަށް ޚަލީލް ވިދާޅުވި އެވެ.
މިނިސްޓަރ ޚަލީލް މިރޭ ވިދާޅުވި ގޮތުގައި ރަސްމީ ގޮތުން ރާއްޖެއިން ބޭރަށް ކުރެއްވި ދަތުރުފުޅުތަކުގައި ކަންބޮޑުވާ ބައެއް ކަންތަކެއް ވަނީ ފާހަގަކުރެވިފަ އެވެ. އެގޮތުން ބައެއް ދިވެހިން ރާއްޖެ ބަދުނާމު ކުރުމަށްޓަކައި ބޭރުގެ އެކި ޖަމިއްޔާތަކަށާއި ގައުމުތަކަށް ދޮގު މައުލޫމާތު ފޮނުވަމުންދާކަމަށް ޚަލީލް ވިދާޅުވި އެވެ.
ޚަލީލް ވިދަޅުވީ ރާއްޖެ ބަދުނާމު ކުރުމުގެ ނިޔަތުގައި އެފަދަ ވާހަކަތައް ފަތުރާ ބަޔަކީ އެއީ ދިވެހި ލޭ ހިނގާ، ދިވެހި ދަރީންތޯ ބައެއް ފަހަރަށް ސުވާލު އުފެދޭ ކަމަށެވެ.
އަޅުގަނޑު ބައެއް ފަހަރަށް ބައެއް ބޭފުޅުން ވިދާޅުވާ ވާހަކަތައް އަޑުއަހާފައި ހިތަށް އަރާ، ހަމަ ދިވެހި ރައްޔިތުންގެ ތެރެއިން ބައެއްބަޔަކު ރާއްޖެ ބަދުނާމު ކުރުމަށްޓަކާ މިހާ ބޮޑެތި ދޮގުތައް ހަދައިގެން ބޭރުގެ އެކި އެކި ޖަމިއްޔާތަކާ އެކި އެކި ޤައުމުތަކަށް މި ފޮނުވަނީ ހަމަ ދިވެހި ރައްޔިތުން، ލޭ ހިނގާ ދިވެހި ރައްޔިތުން ބާވައޭ
ޚަލީލް ވިދާޅުވި ގޮތުގައި ބައެއް ފަރާތްތަކުން ބޭރުގެ ފަރާތްތަކާ ބައްދަލުކޮށް ރާއްޖެއަށް ފަތުރުވެރިން ފޮނުވުން ހުއްޓާލުމަށާއި، ރާއްޖޭގެ ތަރައްގީއަށް ދޭ ފަންޑުތައް ހުއްޓާލުމަށް އެދެމުންދާ ކަމުގެ މައުލޫމާތު ވަނީ ލިބިފަ އެވެ.
މިއީ ރާއްޖޭގެ އާންމު ރައްޔިތުންނާއި، އާއިލާތަކަށް ލިބޭ އާމްދަނީ ހުއްޓުވުމަށް ކުރާ ނުބައި މަސައްކަތެއްގެ ގޮތުގައި ސިފަކުރައްވައި ޚަލީލް ވިދާޅުވީ ސަރުކާރުން ބޭރުގެ ފަރާތްތަކަށް ހަގީގަތް ސާފުކޮށްދިނުމުން އެފަދަ ހުރިހާ ދޮގުތަކެއް ނަފީވެގެންދާ ކަމަށެވެ.
މީގެއިތުރުން ޚަލީލް ވިދާޅުވީ ބޭރު ދުނިޔޭގައި ރާއްޖެއަށް ލިބެމުންދާ ކާމިޔާބީތަކަކީ ރައީސް ކުރައްވާ މިންނެތް މަސައްކަތްޕުޅުގެ ނަތީޖާ ކަމަށެވެ. ރާއްޖޭގެ ސިޔާސަތަކީ އިޒްރޭލް ފިޔަވައި، ރާއްޖެއާ ގާތް ގުޅުމެއް ބާއްވަން ބޭނުންވާ ކޮންމެ ޤައުމަކާއެކު ވެސް އެންމެ ގާތް އެކުވެރިއެއްގެ ގޮތުގައި މަސައްކަތް ކުރުންކަމަށް ޚަލީލް ވިދާޅުވިއެވެ.
ބޭރުގެ އެކި ޖަމިއްޔާތަކާއި އެކު އިދިކޮޅުން ކުރާ މަސައްކަތަކަށް އިޝާރާތް ކުރެއްވުމަށް ފަހު ޚަލީލް ވަނީ، މި ސަރުކާރުގެ އެއްވެސް ކެންޑިޑޭޓަކު ނުވަތަ މަސްއޫލުވެރިއަކު ދިވެހި ގައުމިއްޔަތުގެ މައްޗަށް ކޮޅުފައިން އަރައި، ރައްޔިތުން ނިކަމެތި ކޮށްލުމަށް އެއްވެސް ކަމެއް ނުކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތްކަމަށް ވިދާޅުވެފަ އެވެ.

