އެމެރިކާއާއި އިސްރާއީލުން އީރާނަށް ދެމުންދާ ހަމަލާތަކާ ގުޅިގެން މެދުއިރުމަތީގެ މަސްރަހު ގޯސްވެ، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު 17 އިންސައްތަ މައްޗަށް އުފުލިއްޖެއެވެ.
މި ބަދަލާއެކު ދުނިޔޭގެ އިގްތިސާދަށް ބޮޑެތި ލޮޅުންތަކެއް އަރަމުންދާއިރު، ވިޔަފާރިވެރިންނަށް ވަނީ މާކެޓުން ލިބޭ ތަފާތު މެސެޖުތަކުގެ ސަބަބުން ގޮތް ނިންމަން އުނދަގޫތަކަކާ ކުރިމަތިލާން ޖެހިފައެވެ.
އެމެރިކާގެ ހަކަތައާ ބެހޭ ވަޒީރު ކްރިސް ރައިޓް ސޯޝަލް މީޑިއާ ޕްލެޓްފޯމް ’އެކްސް‘ ގައި ކުރެއްވި ޕޯސްޓަކާ ގުޅިގެން ތެލުގެ އަގު ވަނީ ފީފާއަކަށް ގާތްގަނޑަކަށް 90 ޑޮލަރަށް އުފުލިފައެވެ. ނަމަވެސް، ދުނިޔޭގެ ތެލުގެ ސަޕްލައި ހަމަހަމަކޮށް ހިފެހެއްޓުމަށްޓަކައި އިންޓަނޭޝަނަލް އެނާޖީ އެޖެންސީ (އައިއީއޭ) އިން ތާރީހުގައި ވެސް ދޫނުކުރާހާ ބޮޑު ތެލުގެ ރިޒާވެއް ބާޒާރަށް ނެރުމަށް ވިސްނަމުންދާ ކަމަށް ވޯލް ސްޓްރީޓް ޖާނަލް އިން ރިޕޯޓްކުރުމާއެކު، ބުދަ ދުވަހު އަގުތަކަށް ވަނީ ކުޑަ ލުޔެއް ލިބިފައެވެ.
މިދިޔަ ފެބްރުއަރީ 28 ވަނަ ދުވަހު އެމެރިކާއާއި އިސްރާއީލުން އީރާނަށް ހަމަލާދޭން ފެށި ފަހުން ތެލުގެ އަގުތައް ހުރީ އޭގެ ކުރިއާ އަޅާބަލާއިރު 17 އިންސައްތަ މަތީގައެވެ. މީގެ ކުރިން ބައެއް ވަގުތުތަކުގައި ތެލުގެ އަގު 50 އިންސައްތައަށް އުފުލި، ފީފާއެއްގެ އަގު 120 ޑޮލަރާ ހަމައަށް ވެސް ވަނީ ގޮސްފައެވެ.
މިއީ ފަހުގެ ތާރީޚެއްގައި ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތައް މިހާ ބޮޑަށް އަދި މިހާ އަވަހަށް އުފުލިގެން ދިޔަ ފުރަތަމަ ފަހަރެވެ. މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި، ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ސިޔާސީ މަސްރަހަށް އަންނަ ބަދަލުތަކާއެކު ތެލުގެ އަގަށް ބޮޑެތި ބަދަލުތަކެއް އައުން އެކަށީގެންވެއެވެ.

