ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާފައިވާ ވަތަނީ ހިދުމަތުގެ ބިލަކީ ހަމައެކަނި ހެޑްލައިން ހެދުމަށްޓަކައި ސަރުކާރުން ކުރާ ކަމެއްގެ ގޮތުގައި މަރަދޫ ދާއިރާގެ މެމްބަރު އަހުމަދުދީދީ ސިފަކުރައްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ 20 ވަނަ ދައުރުގެ 5 ވަނަ ޖަލްސާގައި ވާހަކަ ދައްކަވަމުން އަހުމަދުދީދީ ވިދާޅުވީ، މި ބިލަކީ ހަމައެކަނި ޔުނިފޯމް ޚިދުމަތަށް މީހުން ނެރުމަށް އަމާޒުކޮށްގެން ފަރުމާކޮށްފައިވާ ބިލެއް ކަމަށެވެ. އަދި މިއީ ސަރުކާރުގެ ޕްރޮޕަގެންޑާ ފަތުރާ ވަސީލަތްތަކަށް ހެޑްލައިންތަކެއް ހޯދައިދިނުމުގެ މަގްސަދުގައި ކުރާ ކަމެއް ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.
”ސަރުކާރުގެ ޕްރޮޕަގެންޑާ ޗެނަލްތަކަށް ހެޑްލައިން ހެދުމަށް ނޫނީ ޓޯކިންގް ޕޮއިޓްސް ތަކެއް ހަފްތާއެއް ދެ ހަފްތާއެއް ވަންދެން ދިނުމަށް ޓަކައި ހަދާފައިވާ ބިލެއްކަމަށް“ އަހުމަދުދީދީ ވިދާޅުވިއެވެ.
މީގެ އިތުރުން، މިވަގުތު ރާއްޖޭގެ ހަގީގީ ގައުމީ ހިދުމަތަކީ ކޮބައިކަމާ މެދު އޭނާ ވަނީ ސުވާލު އުފައްދަވާފައެވެ. ރާއްޖޭގެ އާމްދަނީގެ 70 އިންސައްތަ ހިއްސާކުރާ ފަތުރުވެރިކަމުގެ ސިނާއަތް ބޭރު މީހުންގެ އަތްމައްޗަށް ދޫކޮށްލެވިފައި އޮތުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ބޭރު މީހުންގެ ސަބަބުން ފަތުރުވެރިންނަށް ރާއްޖެއާ ބެހޭ ނުރަނގަޅު މައުލޫމާތު ލިބި، ހަގީގީ ރާއްޖެ ތަޖުރިބާކުރުމުގެ ފުރުސަތު ގެއްލިގެންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އަހުމަދުދީދީ އިތުރަށް ވިދާޅުވީ، ހަގީގީ ގައުމީ ހިދުމަތަކީ ފަތުރުވެރިކަމުގެ ސިނާއަތް ދިވެހިންގެ ފުރިހަމަ ކޮންޓްރޯލްގެ ދަށަށް ގެނައުން ކަމަށެވެ. އަދި ވަތަނީ ހިދުމަތުގެ ބިލުގައި ހަމައެކަނި ޔުނީފޯމް އެޅި މީހުން ތަމްރީނު ކުރުމަށް އިސްކަންދީފައި އޮތުމަކީ ގައުމަށް އެންމެ ފައިދާހުރި ގޮތް ނޫން ކަމަށް ވިދާޅުވެ އޭނާ ވަނީ އެކަމަށް ފާޑުވިދާޅުވެފައެވެ.

