މިހާރު ރާއްޖޭގައި އިދިކޮޅު ފަރާތްތަކޭ ކިޔޭކަށް ނެތްކަމަށާއި، މިހާރު އޮތް އިދިކޮޅު ޕާޓީއަކީ ވަރަށް މަދު މީސްކޮޅެއް ކަމަށް ކާށިދޫ ދާއިރާގެ ކުރީގެ މެންބަރު ޢަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.
ޕީއެންސީގެ ފަރާތުން ކުރިއަށް ގެންދާ ”ދިވެހީންގެ ރާއްޖެ“ ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ޖާބިރު ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން ކުރާނެ މާބޮޑު ކަމެއް ނޯންނަ ކަމަށާއި އެއްވެސް ހަރަކާތެއް ހިނގާތަނެއް ވެސް ނުފެންނަ ކަމަށެވެ.
އިންތިޚާބުތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޖާބިރު ވަނީ އިލެކްޝަންސް ކޮމިޝަނުގެ ބަޖެޓަށް އަލިއަޅުވާލައްވާފައެވެ. އޭނާ ވިދާޅުވީ އިންތިޚާބުތައް ބޭއްވުމަށް ކޮމިޝަނަށް ކަނޑައެޅިފައި އޮންނަނީ ވަކި ބަޖެޓެއް ކަމަށާއި، ދެ އިންތިޚާބު އެއްދުވަހެއްގައި ބާއްވައިފިނަމަ އެ ކޮމިޝަނުން ކުރަންޖެހޭ މަސައްކަތްތަކަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށެވެ.
އިދިކޮޅު ފަރާތްތަކުން އިންތިޚާބުތަކަށް ނުފޫޒު ފޯރުވަން އުޅޭކަމަށް ބުނާ ބުނުމަށް ރައްދު ދެއްވަމުން ޖާބިރު ވިދާޅުވީ، އެއީ އިދިކޮޅުގައި ތިބޭތީ ކޮންމެވެސް ވާހަކައެއް ދެއްކުމުގެ ބޭނުމުގައި ދައްކާ ވާހަކަތަކެއް ކަމަށެވެ.
”އެބޭފުޅުން ކޮންމެ ވާހަކަފުޅެއް ދެއްކެވި ނަމަވެސް ދެ އިންތިހާބު އެއްދުވަހެއްގައި ނުބާއްވާންވީ ސަބަބެއް ކިޔާ ނުދެވޭ،“ ޖާބިރު ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ ޕީއެންސީއަށް މިކަން މިގޮތަށް ކުރުމުން ވާނެ ފައިދާތައް ސާފުކޮށް ކިޔައިދެވޭ ކަމަށެވެ.
މީގެ އިތުރުން، ދެ އިންތިޚާބު އެއްކޮށް ބޭއްވުމަކީ ގައުމުގެ މަސްލަހަތު ގެއްލިދާނެ ކަމެއް ކަމަށް ބުނެ އެމްޑީޕީން އެ ވާހަކަ ވަރަށް ބޮޑުކޮށްގެން ދައްކަމުންދާ ކަމަށް ޖާބިރު ފާހަގަކުރެއްވިއެވެ. ނަމަވެސް މިކަމާ މެދު ފުންކޮށް ވިސްނާލައިފިނަމަ، މީގެން ލިބޭނެ ފައިދާ އެންމެނަށް ފެންނަހާ ސާފުކޮށް އޮތް ކަމަށް ވިދާޅުވެ ޖާބިރުގެ ވާހަކަފުޅު ނިންމާލެއްވިއެވެ.

