ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިސްކިތްތަކުގައި ކުޑަކުދިންގެ ސަބަބުން އަޅުކަމަށް ބުރޫއެރާތަ؟

ޝެއާރކޮށްލާ ކަހަލަދޯ؟

ރަމަޟާން މަހަކީ ހަމައެކަނި ރޯދަހިފުމުގެ މަހެއް ނޫނެވެ. އެއީ އާއިލާތަކާއި މުޖުތަމައުގެ ގުޅުން ބަދަހިވެ، ރޭގަނޑުގެ ތަރާވީޙް ނަމާދާއި، ޖަމާއަތުގައި ރޯދަވީއްލުމާއި، ރޫހާނީ ދިރުން މުޅި ގައުމުގައި އެއްބައިވަންތަކަން ފެންނަ ދުވަސްވަރެކެވެ.

މި ދުވަސްވަރު މިސްކިތްތަކަކީ މުޖުތަމައުގެ ހިތެވެ. ކީރިތި ގުރުއާނުގެ ތިލާވަތުގެ އަޑާއި، އަވަށްޓެރިންގެ މެދުގައި ބަދަލުކުރެވޭ ހިނިތުންވުންތަކުން މިސްކިތްތައް ގުގުމަމުންދާއިރު، ފަހަކަށް އައިސް ކުޑަކުދިންގެ ހަރަކާތްތެރިކަމާއި އަޑުގަދަވުމުގެ މައްސަލަ ވަނީ ބޮޑުވެފައެވެ. މިކަމުގެ ސަބަބުން ގިނަ ބައެއްގެ މެދުގައި ސުވާލެއް އުފެދެއެވެ. އެއީ، ކުޑަކުދިންގެ މިޒާޖާއި ކަންކަން ބަލާ އޮޅުންފިލުވުމުގެ ޝައުގުވެރިކަން، އަޅުކަމަށް ހުރަސްއެޅޭ މިންވަރަށް ބަދަލުވަނީ ކޮން ހިސާބަކުން ހެއްޔެވެ؟

ރަމަޟާން މަހު ކުޑަކުދިން މިސްކިތަށް ގެންދިއުމުގެ މަގުސަދު

އިސްލާމްދީން ބާރުއަޅަނީ ކުޑަކުދިން މިސްކިތްތަކަށް ގެންގޮސް، އަޅުކަމުގެ މާހައުލަށް އެކުދިން ހޭނުވުމަށެވެ. މީގެ ސަބަބުން ނަމާދަށް ލޯބިޖެހި، ދީނާއި މުޖުތަމައާ އޮންނަ ގުޅުން ވަރުގަދަވެގެންދެއެވެ. ދީނީ އިލްމުވެރިން ފާހަގަކުރައްވާ ގޮތުގައި، ކުޑަކުދިން މިސްކިތަށް ގެންދިއުމަކީ ފައިދާހުރި ކަމެކެވެ. ދިވެހި ސަގާފަތުގައި ބަަފައިންނާއެކު ފިރިހެން ދަރިން އަދި މައިންނާއެކު އަންހެން ދަރިން ތަރާވީޙް ނަމާދަށް ދިއުމަކީ އާންމު ކަމެކެވެ. މީގެ ސަބަބުން ބޮޑެތި މީހުން ނަމާދުކުރާ ތަން ފެނި، އެކުދިންގެ ހިތްތަކުގައި ދީނީ ރޫހު އަށަގަންނުވައިދެއެވެ.

ކުޅިވަރުގެ ސަބަބުން އުފެދޭ ދަތިތައް

ނިޔަތް ރަނގަޅުވި ނަމަވެސް، ބައެއް ފަހަރު ކުޑަކުދިންގެ އަމަލުތަކުގެ ސަބަބުން މިސްކިތުގެ ހަމަހިމޭންކަން ގެއްލިގެންދެއެވެ. ކުޑަކުދިންނަކީ ތަބައީގޮތުން ހަރަކާތްތެރި ބަޔަކަށް ވާއިރު، އެކުދިންނަށް އެކަށީގެންވާ އިރުޝާދެއް ނުދެވޭނަމަ، ސަފުތަކުގެ ދެމެދުގައި ދުވުމާއި ބާރަށް ވާހަކަދެއްކުން ފަދަ ކަންކަން މެދުވެރިވެއެވެ. މިއީ ނަމާދުގައި ތިބޭ މީހުންގެ ޚުޝޫއަތްތެރިކަން ގެއްލޭ ކަމެކެވެ. މީގެ އިތުރުން، ބައެއް ފަހަރު ނަމާދުގައި ތިބޭ މީހުންގެ ގަޔަށް އެރުމާއި، ތަކެއްޗަށް ގެއްލުން ދިނުން ފަދަ ކަންކަން ހިނގައެވެ. މީގެ ސަބަބުން އަޅުކަންކުރާ މީހުންގެ ފަރާތުން ފާޑުކިޔުންތަކާއި ހިތްހަމަނުޖެހުން އަމާޒުވެއެވެ.

ސަލާމަތީ ނުރައްކަލާއި ނުރައްކާތެރި ހާދިސާތައް

މިސްކިތުގެ ކާޕެޓްމަތީގައި ކުޅުމުގެ ސަބަބުން މިސްކިތުގެ ތަކެއްޗަށް ގެއްލުންވެ، އެހެންފަރާތްތަކަށް އުދަގޫވެއެވެ. ނުރައްކާތެރި ހާދިސާތަކަށް ބަލާއިރު 2024 ވަނަ އަހަރު އއ. ރަސްދޫ މިސްކިތެއްގެ ތެރޭގައި ތަރާވީޙް ގަޑީގައި ކުޑަކުދިންތަކެއް ވެގެން އެހެން ކުއްޖަކަށް އަނިޔާކުރި ހާދިސާއަކީ މުޅި ރާއްޖެ ސިއްސުވާލި ކަމެކެވެ. މިއީ އާންމު ކަމަކަށް ނުވި ނަމަވެސް، ބެލެނިވެރިންގެ ބެލުމެއް ނެތި ކުދިން މިސްކިތަށް ދޫކޮށްލުމުން ނުކުމެދާނެ ނުރައްކާތެރި ނަތީޖާއެއްގެ ހަނދާން އާކޮށްދޭ ކަމެކެވެ.

ދީނީ ތަރުބިއްޔަތާއި އަޅުކަމަށް އިހުތިރާމްކުރުން

އިސްލާމީ އުސޫލުތަކުގައި ކުޑަކުދިން މިސްކިތަށް ގެންދިއުމަށް ހުރަހެއް ނެތެވެ. ރަސޫލާ ﷺ ގެ ޒަމާނުގައިވެސް ކުޑަކުދިން މިސްކިތަށް ގޮސް އުޅުނެވެ. ނަމަވެސް، އެކަމުގައި ހުންނަންޖެހޭ އަދަބުތައް އުނގަންނައިދިނުމަކީ ބެލެނިވެރިންގެ ޒިންމާއެކެވެ. މަޑުމައިތިރިކަމާއެކު އުޅުމާއި، އެހެން މީހުންނަށް އުނދަގޫ ނުކުރުމަށް ދަސްކޮށްދޭންޖެހެއެވެ. ބައެއް އިލްމުވެރިން ވިދާޅުވާ ގޮތުގައި، މާ ބޮޑަށް އަޑުގަދަކޮށް އުޅޭ ތުއްތު ކުދިން ތަރާވީޙް ފަދަ ދިގު ނަމާދުތަކަށް ގެންދިއުމުގެ ބަދަލުގައި، ގޭގައި ބޭތިއްބުން މާ ރަނގަޅެވެ.

މިސްކިތްތަކަކީ އަޅުކަމުގެ މުގައްދަސް ބިނާތަކަކަށް ވާއިރު، އެތަނުގެ ހުރުމަތް ހިފެހެއްޓުމަކީ އެންމެންގެ ޒިންމާއެކެވެ. ކުޑަކުދިން މިސްކިތަށް ގެންދިއުމަކީ އެކުދިންގެ ދީނީ ތަރުބިއްޔަތަށް މުހިންމު ކަމެއް ނަމަވެސް، އެކަމުގެ ސަބަބުން އެހެން މީހުންގެ އަޅުކަމަށް ބުރޫއަރައިގެން ނުވާނެއެވެ. ބެލެނިވެރިން އެކުދިންނަށް މިސްކިތުގެ އަދަބުތައް ދަސްކޮށްދީ، ނަމާދު ވަގުތުތަކުގައި އެކުދިންގެ ހަރަކާތްތައް ބެލެހެއްޓުމަކީ މި މައްސަލައަށް އޮތް އެންމެ ބޮޑު ހައްލެވެ. އޭރުން މިސްކިތުގެ ހަމަހިމޭންކަން ނުގެއްލި، ކުޑަކުދިންނަށްވެސް ރަނގަޅު ތަރުބިއްޔަތެއް ލިބިގެންދާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: