ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް ފީފާއިން ދިން ފައިސާއަށް ހިޔާނާތްތެރިވި މައްސަލަތަކެއްގައި 32 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ އެ އިދާރާގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ގޭބަންދަށް ބަދަލުކޮށްފިއެވެ.
ބައްސާމް ގޭބަންދަށް ބަދަލުކުރިކަން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ވަނީ ކަށަވަރުކޮށްދީފައެވެ. ނަމަވެސް، މި ބަދަލާ ގުޅޭގޮތުން ކަރެކްޝަންސްގެ ރަސްމީ ބަހެއް އަދި ލިބިފައި ނުވާތީ، އޭނާ ގޭބަންދަށް ބަދަލުކުރި ސީދާ ސަބަބެއް އަދި ސާފެއް ނުވެއެވެ.
ބައްސާމްގެ މައްޗަށް ދައުވާކުރި ދެ މައްސަލައެއްގައި ކުށް ސާބިތުވެ، އޭނާ ގެންދަވަނީ ޖުމުލަ 32 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުންނެވެ. އެއީ:
- 10,000 ޑޮލަރުގެ ހިޔާނާތުގެ މައްސަލަ: އެފްއޭއެމަށް 2018 ވަނަ އަހަރު ފީފާއިން ޖަމާކުރި ޑޮލަރުގެ ތެރެއިން 10,000 ޑޮލަރު ބައްސާމްގެ އަމިއްލަ އެކައުންޓަށް ޖަމާކުރި މައްސަލައިގައި އިއްވާފައިވާ 9 އަހަރުގެ ޖަލު ހުކުމް.
- ކޮވިޑް ރިލީފް ލޯނުގެ ހިޔާނާތުގެ މައްސަލަ: ކޮވިޑް-19 ގެ ދުވަސްވަރު ކްލަބްތަކަށް ދިމާވި މާލީ ދަތިކަން ހައްލުކުރުމަށް ފީފާ އަތުން އެފްއޭއެމުން ނެގި 1.9 މިލިއަން ޑޮލަރުގެ ލޯނުގެ ތެރެއިން 1 މިލިއަން ޑޮލަރު ބޭނުންކޮށްގެން އަމިން އެވެނިއުން އެޕާޓްމަންޓެއް ގަތް މައްސަލައިގައި އިއްވާފައިވާ 23 އަހަރުގެ ޖަލު ހުކުމް.
މި ދެ މައްސަލައިގެ ތެރެއިން އަމީން އެވެނިއު އެޕާޓްމަންޓް ގަތް މައްސަލައަކީ ބޮޑު ހިޔާނާތެއްގެ ގޮތުގައި ފާހަގަކުރެވުނު މައްސަލައެކެވެ. ބައްސާމް ޖަލަށް ބަދަލުކުރެވުނީ މި ހުކުމްތަކާ ގުޅިގެންނެވެ.
އެފްއޭއެމްގެ ތެރޭގައި ހިންގާފައިވާ ކަމަށް ބުނާ ކޮރަޕްޝަނާއި ހިޔާނާތުގެ ގިނަ މައްސަލަތަކެއް ފުލުހުންނާއި ކަމާބެހޭ އިދާރާތަކުން ދަނީ ބަލަމުންނެވެ. ބައްސާމް ގޭބަންދަށް ބަދަލުކުރި ނަމަވެސް، އޭނާގެ މައްޗަށް އިއްވާފައިވާ ހުކުމްތަކަށް ބަދަލެއް އައިކަމެއް އަދި އެނގިފައެއް ނުވެއެވެ.

