މާލޭގެ މަލަމަތި ރީތިކޮށް، ތޮއްޖެހިފައިވާ މި މާލޭގައި ހިތްފަސޭހަ މައިޒާންތައް އިތުރުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، ކުރީގެ ޣާޒީ ބިލްޑިންގް ހުރި ބިމުގައި ޕާކެއް ހެދުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރު.ޑީ.ސީ) އާ ހަވާލުކޮށްފިއެވެ.
މިކަން ހާމަކުރައްވާފައިވަނީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ. ޢަބްދުﷲ މުއްތަލިބް މީސްމީޑިއާ މެދުވެރިކޮށް ކުރެއްވި ޕޯސްޓެއްގައެވެ.
ވަޒީރު ވިދާޅުވީ މާލޭގެ މަލަމަތި ރީތިކޮށް، ރައްޔިތުންނަށް ހިތްފަސޭހަ މައިޒާންތައް އިތުރުކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން، އެ ބިމުގައި ޕާކެއް ހެދުމުގެ މަސައްކަތް މިހާރު އާރު.ޑީ.ސީއާ ހަވާލުކޮށްގެން ފަށާފައިވާ ކަމަށެވެ.
ޣާޒީ ބިލްޑިންގަކީ ގިނަ ދުވަސްތަކެއް ވަންދެން ސަރުކާރުގެ އެކި އޮފީސްތައް ހިންގަމުން އައި އިމާރާތެކެވެ. ނަމަވެސް، އެ އިމާރާތް ބޭނުން ނުކުރެވޭ ވަރަށް ބޯވެ، ރެދުލައި ހަލާކުވުމާ ގުޅިގެން ސަރުކާރުން ވަނީ އެ އިމާރާތް ތަޅާލާފައެވެ.
އިމާރާތް ތަޅާލުމަށްފަހު، މިހާތަނަށް އެ ބިން ގިނަ ބަޔަކު ބޭނުންކުރަމުން އައީ ސައިކަލު ޕާކުކުރާ ސަރަހައްދެއްގެ ގޮތުގައެވެ. ނަމަވެސް، އާރު.ޑީ.ސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން، އެ ސަރަހައްދު ހިތްފަސޭހަ ޕާކަކަށް ބަދަލުވެގެންދާނެ ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.

