އީރާނުގެ އިސްލާމިކް ރިވަލޫޝަނަރީ ގާޑް ކޯޕްސް (އައި.އާރު.ޖީ.ސީ) ގެ ދާޚިލީ ސަލާމަތާ ބެހޭ ޔުނިޓް، ”ބަސީޖް“ ގެ ކޮމާންޑަރު ޣުލާމްރިޒާ ސުލައިމާނީ އަވަހާރަކޮށްލާފައިވާ ކަމަށް އިސްރާއީލު އަސްކަރިއްޔާއިން އަންގާރަ ދުވަހު ދައުވާކޮށްފިއެވެ. އިސްރާއީލު އަސްކަރިއްޔާއިން މިކަން ހާމަކޮށްފައިވަނީ އެކްސް މެދުވެރިކޮށް ކުރި ޕޯސްޓެއްގައެވެ.
އިސްރާއީލު އަސްކަރިއްޔާއިން ބުނި ގޮތުގައި، އަސްކަރީ ޖާސޫސީ އިދާރާއިން ލިބުނު ސައްހަ މައުލޫމާތަށް ބިނާކޮށް، އެ ގައުމުގެ ވައިގެ ސިފައިން އިއްޔެ ތެހެރާނުގެ މެދުތެރެއަށް ދިން އަމާޒުކުރެވިފައިވާ ހަމަލާއެއްގައި، ފާއިތުވި ހަ އަހަރު ބަސީޖް ޔުނިޓްގެ ކޮމާންޑަރުގެ ގޮތުގައި ހުންނެވި ޣުލާމްރިޒާ ސުލައިމާނީ ވަނީ މަރާލާފައެވެ. ނަމަވެސް، އީރާނުގެ ރަސްމީ އިދާރާތަކުން މިކަމާ ގުޅޭގޮތުން އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.
މީގެ އިތުރުން، އީރާނުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ސެކްރެޓަރީ އަލީ ލަރީޖާނީ ވެސް އިސްރާއީލުގެ ހަމަލާއެއްގައި އަވަހާރަވެފައިވާ ކަމަށް އިސްރާއީލުގެ ދިފާއީ ވަޒީރު އިސްރާއީލް ކާޓްޒް ވަނީ ވިދާޅުވެފައެވެ. ސުލައިމާނީގެ މަރާ އެކޭ އެއްފަދައިން، ލަރީޖާނީގެ މަރުގެ ޚަބަރު ވެސް އީރާނުން އަދި ކަށަވަރުކޮށްދީފައެއް ނުވެއެވެ.
މި ދެ ބޭފުޅުން އަވަހާރަވިކަން ކަށަވަރުވެއްޖެނަމަ، މިއީ ފެބްރުއަރީ 28 ވަނަ ދުވަހު އެމެރިކާއާއި އިސްރާއީލުން ހަނގުރާމަ ފެށި ދުވަހު އީރާނުގެ ރޫހާނީ ލީޑަރު އަލީ ޚާމަނާއީއާއި އޭނާގެ އާއިލާގެ ބައެއް މެންބަރުން އަވަހާރަކޮށްލި ފަހުން، މި ހަނގުރާމައިގައި އަވަހާރަކޮށްލެވުނު އެންމެ މަތީ ފަންތީގެ ދެ ވެރިންނަށް ވާނެއެވެ.
އެމެރިކާގެ ޓްރެޜަރީގެ ރެކޯޑްތަކުން ދައްކާގޮތުގައި ސުލައިމާނީ އުފަންވެފައިވަނީ 1965 ވަނަ އަހަރެވެ. ބަސީޖް މެދުވެރިކޮށް ދެކޮޅުވެރިކަން މައިތިރިކުރުމުގައި އޭނާ އަދާކުރެއްވި ކަމަށް ބުނާ ދައުރާ ގުޅިގެން، އެމެރިކާއާއި ވިލާތުގެ އިއްތިހާދުގެ އިތުރުން ބައެއް އެހެން ގައުމުތަކުން ވެސް ވަނީ އޭނާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާފައެވެ.
ބަސީޖަކީ 1979 ވަނަ އަހަރުގެ އިންގިލާބަށްފަހު އުފެއްދި، އީރާނުގެ އިސްލާމިކް ރިވަލޫޝަނަރީ ގާޑް ކޯޕްސް (އައި.އާރު.ޖީ.ސީ) ގެ ދަށުން ހަރަކާތްތެރިވާ، މުޅި ގައުމުގެ ދާޚިލީ ސަލާމަތީ ކަންކަން ބެލެހެއްޓުމުގެ މަސްއޫލިއްޔަތު ހަވާލުކުރެވިފައިވާ ވޮލަންޓިއަރުންގެ އަސްކަރީ ފައުޖެކެވެ.

