ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެކުއެކީގައި ބޭއްވުމަށާއި، މަޖިލީހުގެ އުމުރު ގުނާ އުސޫލަށް ބަދަލު ގެނައުމަށް ގާނޫނުއަސާސީއަށް ހުށަހަޅާފައިވާ އިސްލާހާ ގުޅޭގޮތުން ނަގާ ފެންނަ ނުފެންނަ ވޯޓުގެ ކަންކަން ކުރިއަށްދަނީ ރިފަރެންޑަމް ގާނޫނާއި ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ހުރިހާ އިޖުރާއަތްތަކާ އެއްގޮތަށްކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
ކައުންސިލްތަކުގެ އިންތިހާބާއި އެކު ބޭއްވުމަށް ނިންމާފައިވާ މި ވޯޓަކީ، ފެބުރުވަރީ 10 ގައި މަޖިލީހުން ފާސްކޮށްފައިވާ ”ޤާނޫނުއަސާސީއަށް 8 ވަނަ އިޞްލާޙު ގެނައުމުގެ ބިލު“ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތަސްދީގުކުރެއްވުމާ މެދު ރައްޔިތުންގެ ފެންނަ ނުފެންނަ ގޮތެއް ބެލުމަށް ނަގާ ވޯޓެކެވެ.
ގާނޫނުއަސާސީ ބުނާ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ދައުރު ބަދަލު ކުރާ އިސްލާހެއް ތަސްދީގު ކުރެވޭނީ ރިފެރެންޑަމް ވޯޓެއް ނަގައި އެކަމަށް ރައްޔިތުންގެ އަޢުލަބިއްޔަތު ލިބުމުންނެވެ.
އެހެންވެ އޭޕްރިލް 04 ގައި މިކަމާއި ގުޅޭ ވޯޓު ނެގުމަށް ރައީސް މުއިއްޒު މިދިޔަ މަހުގެ 16 ގައި ގަރާރު ނެރުއްވީ އެވެ. ގަރާރު ބާތިލުކަމަށް ބުނެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅާފައި ވަނިކޮށް، ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އެއްކޮށްލަން މަޖިލީހުން ފާސްކޮށްފައިވާ ބިލު ބާތިލުކޮށްދިނުމަށާއި، ރައްޔިތުންގެ ހިޔާލު ހޯދަން ނަގާ ވޯޓު ހުއްޓުވައިދިނުމަށް އެދި ސުޕްރީމް ކޯޓަށް ދުސްތޫރީ ދެ މައްސަލަ ވަނީ ހުށަހަޅާފަ އެވެ.
ކޯޓަށް މައްސަލަ ހުށަހަޅާފައި ވަނިކޮށް ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން އުޝާމް ވިދާޅުވި ގޮތުގައި ރައީސްގެ ގަރާރުގައިވާ ސުވާލުން ދެ ކަމެއް ވަރަށް ސާފުކޮށް އެނގެން އެބައޮތެވެ. އެއީ ދެ އިންތިޚާބު އެކުގަ ބޭއްވުމާއި، ރައްޔިތުންގެ މަޖިލީހުގެ އުމުރު ގުނަމުންދާ އުސޫލު ބަދަލުކުރުމެވެ. ގާނޫނުއަސާސީގެ 262 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުން، އަސާސީ ހައްގުތަކާއި، ރައްޔިތުންގެ މަޖިލީހުގެ އުމުރާއި، ރިޔާސީ ދައުރާ ގުޅޭ ކަންކަމަށް ބަދަލު ގެންނަނަމަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަންޖެހޭކަން އުޝާމް ފާހަގަކުރެއްވި އެވެ.
ރައްޔިތުންގެ މަޖިލީހުން ފާސްކުރި އިސްލާހުން މި ބަދަލުކުރަނީ ގާނޫނުއަސާސީގެ 79 ވަނަ މާއްދާގެ (ހ). އެ މާއްދާއަށް އެއްވެސް ބަދަލެއް ގެންނަނަމަ، ގާނޫނުއަސާސީގެ 262 ވަނަ މާއްދާގެ ދަށުން އެ ބިލެއް ތަސްދީގު ކުރުމުގެ ކުރިން ރައްޔިތުންގެ ވޯޓަކަށް އަހަންޖެހޭނެ
އުޝާމް ވިދާޅުވީ މަޖިލީހުގެ އުމުރަކީ 5 އަހަރުކަމަށާއި، އެ އުމުރު ގުނަން ފަށާ ތާރީހަކީ 1 ޑިސެމްބަރު ކަމަށް ބަދަލުކުރުމަށް ހުށަހަޅާފައިވާތީ، ގާނޫނުއަސާސީގައި ބުނާ ޝަރުތުތައް މިހާރު ފުރިހަމަވެފައިވާ ކަމަށެވެ. އަދި މި ވޯޓު ނެގުމުގެ އިޖުރާއަތްތައް ބަޔާންކުރާ ”ރިފަރެންޑަމް ގާނޫނު“ ގައި ބުނާ ހުރިހާ ކަމެއްވެސް ފުރިހަމަކޮށްފައިވާކަމަށް ވިދާޅުވިއެވެ.
އުޝާމް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ މި ގަރާރު ނެރުއްވާފައި ވަނީ ކެބިނެޓުގައި މަޝްވަރާކުރެއްވުމަށް ފަހު، ރިފަރެންޑަމް ގާނޫނުގައިވާ ގޮތުގެ މަތިންކަމަށެވެ. އެހެންކަމުން، ރާއްޖޭގެ ގާނޫނީ ނިޒާމުގެ ތެރެއިން ފުރިހަމަކުރަންޖެހޭ ހުރިހާ ކަމެއް ފުރިހަމަކޮށްފައިވާކަމަށާއި، ސުވާލު އެކުލަވާލާފައިވަނީ ވެސް ގާނޫނާ އެއްގޮތަށްކަމަށް ގަބޫލުކުރައްވާކަމަށް އުޝާމް ވިދާޅުވިއެވެ.
އެހެންވީމަ ރިފަރެންޑަމް ޤާނޫނުގައި އެބުނާ އިޖުރާއަތްތައް ފުރިހަމަކޮށްފަ ރައީސުލްޖުމްހޫރިއްޔާ ކެބިނެޓަށް ހުށަހަޅާ ކެބިނެޓުގެ މަޝްވަރާ ކުރުމަށް ފަހު ގަރާރު ނެރުއްވާފައި އެއޮތީ… އެހެންވީމަ ދިވެހިރާއްޖޭގެ ޤާނޫނީ މި ނިޒާމުގެ ތެރެއިން މި ޤާނޫނުއަސާސީއާއި އަދި މިދެންނެވި ރިފަރެންޑަމް ގާނޫނުގައި އެބުނާ ހުރިހާ ކަންކަން ފުރިހަމަކުރުމަށް ފަހު އެ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން މި އެކުލަވާލާފައި އޮތް މި ސުވާލެއްކަމަށް އަޅުގަނޑު ގަބޫލުކުރަނީ. އެކަމުގައި ހަމަ އެކި ބޭފުޅުންގެ ދެން ހިޔާލުތައް ތަފާތުވެދާނެ. އެ ދެން އަޅުގަނޑު ހަމަ އިހްތިރާމްކުރާ ކަމެއް. އެހެންނަމަވެސް އަޅުގަނޑު ގަބޫލުކުރަނީ އެ ޤާނޫނުއަސާސީއާއި އަދި މި ދެންނެވި ރިފަރެންޑަމް ޤާނޫނަށް ބަލާއިރުގައި މިހަމަ ވަރަށް ސާފުކަމެއްކަމަށް މި ސުވާލު އޮތް ގޮތަކީ
ދިވެހިރާއްޖޭގެ ހިންގުމުގެ ނިޒާމު ހަރުދަނާކޮށް، ޑިމޮކްރަޓިކް ނިޒާމުގެ ތެރެއިން ރައްޔިތުންނަށް ބޭނުންވާ ހަމަޖެހުން ހޯދައިދިނުމަށްޓަކައި ޤާނޫނުއަސާސީއަށް މުހިންމު އިސްލާހުތައް ގެނައުން މުހިންމުކަމަށް އުޝާމް ވަނީ ވިދާޅުވެފަ އެވެ.
އުޝާމް ވިދާޅުވި ގޮތުގައި، ރައީސް މުއިއްޒު މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު އެންމެ އިސްކަމެއް ދެއްވާ އެއް ކަމަކީ ރާއްޖޭގެ ހިންގުމުގެ ނިޒާމު ހަރުދަނާކުރުމެވެ. އެގޮތުން، ދިވެހި މުޖުތަމައުގެ ދެމެހެއްޓެނިވި ކުރިއެރުމަށާއި ދުސްތޫރީ ނިޒާމު ހަރުދަނާކުރުމަށްޓަކައި ގާނޫނުތަކަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމަކީ އެމަނިކުފާނު އަބަދުވެސް ބާރުއަޅުއްވާކަމެއްކަން އުޝާމް ފާހަގަކުރެއްވިއެވެ.
އުޝާމް ވިދާޅުވި ގޮތުގައި، 2008 ވަނަ އަހަރު އައު ޤާނޫނުއަސާސީ ވުޖޫދުވީއްސުރެ ރާއްޖެއިން ވަނީ ޑިމޮކްރަޓިކް ދަތުރުގައި ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާފައެވެ. ވަކިވަކިން ބާއްވާ އިންތިހާބުތަކުގެ ސަބަބުން ރާއްޖެ އަބަދުވެސް އޮންނަނީ ސިޔާސީ ވާދަވެރިކަމެއްގެ ތެރޭގައިކަމަށްވާއިރު މީގެ ނޭދެވޭ އަސަރު ރާއްޖޭގެ އިގްތިސާދަށް ކުރާކަމަށް އުޝާމް ވިދާޅުވި އެވެ. އުޝާމް ވިދާޅުވީ ރާއްޖޭގައި އިންވެސްޓުކުރަން ބޭނުންވާ ފަރާތްތަކުން އެންމެ ފުރަތަމަ ބަލާ ކަމަކީ ސިޔާސީ ހަމަޖެހުން އޮތްތޯ ކަމަށެވެ.
ސިޔާސީ ބޮޑު ވާދަވެރިކަމެއް އޮންނަ އިންތިހާބުތަކުގެ އޮއިވަރެއްގައި ފަސް އަހަރު ދިވެހި ރައްޔިތުން ތިބެން ޖެހުމަކީ އެންމެ ރަނގަޅު ގޮތް ނޫންކަމަށް އުޝާމް ވިދާޅުވި އެވެ. އުޝާމް ވިދާޅުވީ ރިޔާސީ އިންތިހާބުގެ ހަ މަސް ފަހުން ރައްޔިތުންގެ މަޖިލިސް އިންތިހާބު އޮންނައިރު އަނެއްކާވެސް އޭގެ ދޮޅު އަހަރު ފަހުން ކުރިމަތިލާން ޖެހެނީ ކައުންސިލް އިންތިހާބަށް ކަމަށެވެ. އެހެންކަމުން އެ ފަސް އަހަރު އެއްކޮށް އޮންނަނީ އިންތިހާބީ ވާދަވެރިކަންކަމަށް އުޝާމް ވިދާޅުވި އެވެ.
މި މައްސަލައަށް ހައްލެއް ގެނައުމުގެ ގޮތުން، ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަށް މަގުފަހިކުރުމަށްޓަކައި ޤާނޫނުއަސާސީއަށް އިސްލާހު ގެނައުމަށް ހުށަހެޅީކަން އުޝާމް ފާހަގަކުރެއްވި އެވެ.

