ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަލީ ލާރިޖާނީ އަވަހާރަކޮށްލި ނަމަވެސް ލީޑަޝިޕަށް ނޭދެވޭ އަސަރެއް ނުކުރާނެ: އަރާގްޗީ

ފޮޓޯ: ގޫގުލް
ޝެއާރކޮށްލާ ކަހަލަދޯ؟

އީރާނުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ނުފޫޒުގަދަ ސެކްރެޓަރީ އަލީ ލާރިޖާނީ އިޒްރޭލުން އަވަހާރަކޮށްލި ނަމަވެސް، އެކަމުގެ ސަބަބުން އީރާނުގެ ލީޑަޝިޕަށް ނޭދެވޭ އަސަރެއް ނުކުރާނެ ކަމަށް އެ ގައުމުގެ ފޮރިން މިނިސްޓަރު ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހުގެ ފަތިހު ލާރިޖާނީ އަވަހާރަކޮށްލިކަން ތެހެރާނުން ކަށަވަރުކޮށްދިނުމާ ގުޅިގެން އަލްޖަޒީރާއަށް ދެއްވި ބަސްދީގަތުމެއްގައި އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރާގްޗީ ވިދާޅުވީ، އީރާނުގެ ސަރުކާރަކީ ވަކި ފަރުދެއްގެ މައްޗަށް ބިނާވެފައިވާ ސަރުކާރެއް ނޫންކަން އެމެރިކާއާއި އިޒްރޭލަށް އަދިވެސް ފަހުމްނުވާ ކަމަށެވެ.

”އެމެރިކާއާއި އިޒްރޭލަށް އަދިވެސް މިކަންކަން ނުވިސްނެނީ ކީއްވެގެން ކަމެއް އަޅުގަނޑަކަށް ނޭނގެ. އިސްލާމީ ޖުމްހޫރިއްޔާ އީރާނަކީ ސިޔާސީ، އިގްތިސާދީ އަދި އިޖުތިމާއީ ގޮތުން ހަރުދަނާ މުއައްސަސާތަކެއްގެ މައްޗަށް ބިނާވެފައިވާ ވަރުގަދަ ސިޔާސީ އޮނިގަނޑެއް އޮތް ގައުމެއް،“ އަރާގްޗީ ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ، ވަކި ފަރުދަކު ހުރުމާއި ނެތުމަކީ މި ދެންނެވި ވަރުގަދަ އޮނިގަނޑަށް އެއްވެސް ބަދަލެއް އަންނާނެ ކަމެއް ނޫން ކަމަށެވެ. ”ޝައްކެއްވެސް ނެތް ގޮތުގައި ކޮންމެ މީހަކީވެސް އެމީހެއްގެ ދައުރު އަދާކުރުމުގައި ނުފޫޒުގަދަ މީހަކަށް ވެދާނެ. ބައެއް ބޭފުޅުން ވަރަށް ރަނގަޅަށް އެކަން ކުރައްވާފާނެ. އެހެންނަމަވެސް އެންމެ މުހިންމު ކަމަކީ އީރާނުގެ ސިޔާސީ ނިޒާމަކީ ވަރަށް ވަރުގަދަ އަސާސްތަކެއްގެ މައްޗަށް ބިނާވެފައިވާ ނިޒާމެއް ކަމުގައިވުން،“ އޭނާ ވިދާޅުވިއެވެ.

ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އެމެރިކާއާއި އިޒްރޭލުން ދޭން ފެށި ހަމަލާތަކުގެ ފުރަތަމަ ދުވަހު، އީރާނުގެ އެންމެ މަތީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށް އިޝާރާތް ކުރައްވައި އަރާގްޗީ ވިދާޅުވީ، އެއީ މުޅި ގައުމަށް ލިބުނު ބޮޑު ހިތާމައެއް ނަމަވެސް، ގައުމުގެ ނިޒާމު ހުއްޓުމެއްނެތި ކުރިއަށްދިޔަ ކަމަށެވެ.

”އެންމެ މަތީ ލީޑަރަށްވުރެ މުހިންމު އެހެން އެއްވެސް ބޭފުޅަކު އަޅުގަނޑުމެންގެ ތެރެއަކު ނެތް. އެކަލޭގެފާނު ޝަހީދުކޮށްލުމުންވެސް، ގައުމުގެ ނިޒާމު ހުއްޓުމެއްނެތި މަސައްކަތްކޮށް، ވަގުތުން ބަދަލެއް ކަނޑައެޅިގެންދިޔަ. އެހެން ބޭފުޅަކު ޝަހީދުކޮށްލި ނަމަވެސް ކަން ހިނގާނީ ހަމަ އެފަދައިން،“ ފޮރިން މިނިސްޓަރު ވިދާޅުވިއެވެ.

”އަދި ފޮރިން މިނިސްޓަރު ޝަހީދުކޮށްލި ނަމަވެސް، އެ މަގާމާ ހަވާލުވާނެ އެހެން ބޭފުޅަކު ހުންނާނެ،“ އަރާގްޗީ ވިދާޅުވިއެވެ. ހޯމަ ދުވަހުގެ ރޭ ދިން ހަމަލާއެއްގައި، އަވަހާރަކޮށްލާފައިވާ އާޔަތުﷲ އަލީ ޚާމަނާއީއާއި އެކަލޭގެފާނުގެ ދަރިކަލުން އަދި ކާމިޔާބު ނާއިބު މުޖްތަބާ ޚާމަނާއީގެ އަރިސް ބޭފުޅެއް ކަމުގައިވާ، އުމުރުން 67 އަހަރުގެ ލާރިޖާނީ އަވަހާރަކޮށްލުމަކީ، މީގެ 19 ދުވަސް ކުރިން ހަނގުރާމަ ފެށި ފަހުން ތެހެރާނުގެ ލީޑަޝިޕުން އަވަހާރަކޮށްލި އެންމެ އިސް ޝަޚްސިއްޔަތެވެ. މީގެ އިތުރުން، އީރާނުގެ އިސްލާމިކް ރިވަލޫޝަނަރީ ގާޑް ކޯޕްސް (އައި.އާރު.ޖީ.ސީ) ގެ ދަށުން ހިންގާ ބަސީޖް ފޯސްގެ ވެރިޔާ ބްރިގޭޑިއާ ޖެނެރަލް ގޮލާމްރޭޒާ ސުލައިމާނީ ވެސް ”އެމެރިކާ-ޒަޔަނިސްޓް ދުޝްމަނުންގެ“ ހަމަލާއެއްގައި އަވަހާރަކޮށްލާފައިވާކަން އީރާނުގެ ދައުލަތުގެ މީޑިއާއިން އަންގާރަ ދުވަހު ވަނީ ކަށަވަރުކޮށްދީފައެވެ.

ވޭތުވެދިޔަ ހަ އަހަރު ދުވަހު އެ ގައުމުގެ އެންމެ ނުފޫޒުގަދަ އެތެރޭގެ ސެކިއުރިޓީ ފޯސް ކަމުގައިވާ ބަސީޖްގެ ކޮމާންޑަރުގެ މަގާމުގައި ހުންނެވި ސުލައިމާނީއަކީ، އެމެރިކާއާއި އިޒްރޭލުން އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައިގައި ރައްދު ހަމަލާ ދިނުމުގައި އިސް ދައުރެއް އަދާކުރެއްވި ބޭފުޅެއް ކަމަށް ރިޕޯޓްތައް ބުނެއެވެ.

އަލްޖަޒީރާގެ ސީނިއާ ޕޮލިޓިކަލް އެނަލިސްޓް މަރުވާން ބިޝާރާ ވިދާޅުވި ގޮތުގައި، ސިޔާސީ ގޮތުން އިދިކޮޅު ފަރާތްތައް އަވަހާރަކޮށްލުމަކީ އިޒްރޭލުން ޒަމާނުއްސުރެ ކުރަމުން އަންނަ ކަމެއް ނަމަވެސް، މިއީ ހަނގުރާމައިގެ އާންމު އުސޫލެއް ނޫނެވެ.

”ހަނގުރާމަތަކުގައި، އިންތިޚާބުކޮށްފައި ތިބޭ ސިޔާސީ ލީޑަރުން މަރައިގެން ކަންކަން ފަށައެއް ނުގަނޭ. އެގޮތަށް މީހުން މެރުމުގެ ޕްރޮގްރާމަކީ ގޭންގްސްޓަރުންގެ އަމަލެއް، އެއީ ޓެރަރިޒަމް، އެއީ ހަނގުރާމައިގެ ހަމައެއް ނޫން،“ އޭނާ ވިދާޅުވިއެވެ.

ބިޝާރާ އިތުރަށް ވިދާޅުވީ، ”އީރާނުގެ ނިޒާމަކީ ވަރުގަދަ ނިޒާމެއް ކަމަށާއި، އެއް ލީޑަރަކު އަވަހާރަކޮށްލުމަކީ މުޅި ނިޒާމު ރޫޅިގެންދާނެ ކަމެއް ނޫން“ ކަމުގައި ވިޔަސް، މިފަދަ އަމާޒުކޮށްގެން ދޭ ހަމަލާތަކުގެ ސަބަބުން ”އަދަދަށް އަންނަ ބަދަލުތަކުގެ ސަބަބުން ފެންވަރަށް (ކޮލިޓީއަށް) ބަދަލުތަކެއް“ އައުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: