ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އާންމު ހިޔާލު ހޯދުމުގެ ވޯޓުގެ އިދާރީ މަސައްކަތްތައް ކުރަމުން ދިޔަ މައި މަރުކަޒާ ޖެހިގެން ހުރި ގުދަނެއްގައި ރޭ ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން، އިންތިހާބާ ގުޅޭ އިދާރީ މަސައްކަތްތައް ވަގުތީ ގޮތުން ސޯޝަލް ސެންޓަރަށް ބަދަލުކޮށްފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ މި ހާދިސާގެ ސަބަބުން އިންތިޚާބުގެ އެއްވެސް މަސައްކަތަކަށް ބުރުލެއް ނާރާނެ ކަމަށެވެ.
އިލެކްޝަންސް ކޮމިޝަންގެ ރައީސް މުހައްމަދު ޒާހިދު މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ކުރިން ކްރިމިނަލް ކޯޓު ހިންގި އިމާރާތުގައި ހުރި އިންތިހާބާ ގުޅޭ ލިޔެކިޔުންތަކާއި އެހެނިހެން ސާމާނުތައް ރައްކާތެރިކަމާއެކު ސަލާމަތްކޮށްފައިވާ ކަމަށެވެ.
މީގެ ތެރޭގައި ލޯކަލް ކައުންސިލް އިންތިހާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ އިތުރުން، ގާނޫނުއަސާސީއަށް ގެނައި 8 ވަނަ އިސްލާހާ ގުޅޭ ހިޔާލު ހޯދުމުގެ ވޯޓުގެ ލިޔެކިޔުންތައް ހިމެނެއެވެ.
އިލެކްޝަންސް ކޮމިޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ،
”އިންތިހާބާ ބޭހޭ މަރުކަޒާ ޖެހިގެން ހުރި ގުދަނުގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވީ ނަމަވެސް، އިންތިހާބާގުޅޭ އެއްވެސް ލިޔެކިއުމަކަށް ގެއްލުމެއް ނުލިބޭ“ ކަމަށެވެ.
މި ހާދިސާގައި އިންތިހާބާ ބެހޭ މަރުކަޒާ ޖެހިގެން ހުރި ގުދަން ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައެވެ.
ކޮމިޝަންގެ ރައީސް ޒާހިދު އިތުރަށް ވިދާޅުވީ، އިންތިހާބު ބޭއްވުމަށް ރޭވިފައިވާ ތާރީޚަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށެވެ.
”ރޭވިފައިވާ ގޮތަށް އޭޕްރީލް 4 ވަނަ ދުވަހު އިންތިހާބު ކުރިއަށް ގެންދާނަން،“ އޭނާ ވިދާޅުވިއެވެ.
އިންތިހާބާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މިއަދު ސޯޝަލް ސެންޓަރުގައި ފެށުމަށް ވަނީ ތައްޔާރުވެފައެވެ.
މިވަގުތު ކުރިއަށްދާ އެންމެ މުހިއްމު މަސައްކަތަކީ ކެންޑިޑޭޓުން ވޯޓާސް ލިސްޓުގައި ސޮއިކުރުން ކަމަށްވާއިރު، އެ މަސައްކަތް ވެސް ތާވަލާ އެއްގޮތަށް ސޯޝަލް ސެންޓަރުގައި ކުރިއަށްދާނެ ކަމަށް ކޮމިޝަނުން މައުލޫމާތު ދެއެވެ. އަލިފާން ރޯވި އިމާރާތަށް އަލުން ވަނުމުގެ ހުއްދަ އެމްއެންޑީއެފުން ދެންދެން، ކޮމިޝަންގެ ހުރިހާ އިދާރީ ހަރަކާތްތަކެއް ކުރިއަށްދާނީ ސޯޝަލް ސެންޓަރުގައެވެ.

