ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ފައިނަލް ރަޖިސްޓްރީގައި ކެންޑިޑޭޓުން ސޮއިކުރުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު އަލުން ފަށައިފިއެވެ. މި މަސައްކަތް މެދުކަނޑާލަން ޖެހުނީ ރޭ ހިނގި އަލިފާނުގެ ހާދިސާއަކާ ގުޅިގެންނެވެ.
ވޯޓާސް ލިސްޓުގައި ސޮއިކުރުމުގެ ކަންކަން މެދުކަނޑާލީ، ފުލޫނިޔާމަގުން، މ. ކައިރުގޭގައި ހުންނަ ޕްރައިމް ގޯޑައުންގަ ރޭ ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެންނެވެ. އެ ހާދިސާއާ ގުޅިގެން، އެތަނާ ޖެހިގެން ހުންނަ އިލެކްޝަންސް ކޮމިޝަންގެ އިދާރީ ހުރިހާ މަސައްކަތްތަކެއް ކުރާ އިންތިހާބީ މަރުކަޒު ވަނީ ހުސްކޮށްފައެވެ. އެ މަރުކަޒުގައި ހުރި ހުރިހާ ތަކެއްޗެއް މިހާރު ވަނީ ސޯޝަލް ސެންޓަރަށް ބަދަލުކޮށް، އެތަނުގައި މަސައްކަތްތައް ފަށާފައެވެ.
އީސީން ބުނީ، އިންތިހާބީ މަސައްކަތްތައް ހުއްޓުމެއްނެތި ތާވަލާ އެއްގޮތަށް ކުރިއަށް ގެންދިއުމަށްޓަަކައި މިވަގުތު ވެސް ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ފައިނަލް ރަޖިސްޓަރީގައި ސިޔާސީ ޕާޓީތަކުންނާއި ކެންޑިޑޭޓުންގެ ފަރާތުން ސޮއިކުރުމުގެ މަސައްކަތް ސޯޝަލް ސެންޓަރުގައި ކުރިއަށްދާ ކަމަށެވެ.
އީސީގެ ރައީސް މުހައްމަދު ޒާހިދު ވިދާޅުވީ، އިންތިހާބީ މަރުކަޒަށް އަލުން ވަނުމުގެ ހުއްދަ އެމްއެންޑީއެފްގެ ފަރާތުން ލިބެންދެން، ކޮމިޝަނުގެ ހުރިހާ މަސައްކަތްތައް ދެން ކުރާނީ ސޯޝަލް ސެންޓަރުގައި ކަމަށެވެ.
”އިންތިހާބީ ކަންކަމާ ގުޅޭ ހުރިހާ ލިޔެކިއުންތަކާއި ހުރިހާ ސާމާނެއް ސަލާމަތްތެރިކާމާ އެކު އެ މަރުކަޒުން ނެރެފައިވާތީ، އަންނަ މަހު އޮންނަ އިންތިހާބުތަކުގެ އެއްވެސް ކަމަކަށް ބުރުލެއް ނާރާނެ،“ ޒާހިދު ވިދާޅުވިއެވެ.
އަންނަ މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބާ އެކު، ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލުމާ ގުޅޭ ގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓެއް ނެގުން ވެސް ކުރިއަށް ދާނެއެވެ.

