ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގޯތަމްގެ ލޯންޗު އެކްސިޑެންޓުގައި އެކަކުގެ އަތް ބުރިވެފައިވޭ، ހާދިސާ ފުލުހުން ތަހުގީގު ކުރަނީ!

ވ. ފެލިދޫ ކައިރިން ދަތުރު ކުރަނިކޮށް ބަންޑުން ޖަހާލި ލޯންޗު
ޝެއާރކޮށްލާ ކަހަލަދޯ؟

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ސްޕީޑު ބޯޓެއް އެކްސިޑެންޓުވެ ހިނގި ހާދިސާގައި ގެއްލުނު ދެ މީހުން އަދިވެސް ހޯދާ ނުފެނިފައިވާއިރު އަނިޔާ ލިބި އެކަކުގެ އަތް ބުރިވެފައިވާކަމަށް ފުލުހުން ބުނެފި އެވެ.

މިއީ ވ. ފެލިދޫ ކައިރިން، އިންޑިއާގެ ބިލިއަނަރު ރޭމަންޑް ގުރޫޕްގެ ޗެއާމަން ގޯތަމް ސިންހާނިޔާގެ ސްޕީޑު ބޯޓެއް އެކްސިޑެންޓުވެ ހިނގި ހާދިސާ އެވެ. މި އެކްސިޑެންޓުގެ މައުލޫމާތު އެރޭ ފުލުހުން ހިއްސާ ކުރިނަމަވެސް ހާދިސާ ހިނގާފައިވަނީ ކިހިނެއްކަމާއި އަދި އެއީ ކޮން ސްޕީޑު ބޯޓެއްކަން ފުލުހުން ހިއްސާކޮށްފައި ނުވެ އެވެ.

އެއީ ރާއްޖެ އައި އިންޑިއާގެ ބިލިއަނަރެއްގެ ސްޕީޑު ބޯޓެއްކަން ރާއްޖޭގެ މީޑިއާތަކުގައި ރިޕޯޓު ކުރީ މިއަދު އެވެ.

ބައެއް މީޑިއާތަކުން ރިޕޯޓު ކުރި ގޮތުގައި އެކްސިޑެންޓުގައި ގޯތަމްއަށް ވެސް އަނިޔާތައް ލިބުނެވެ. އޭނާއަކީ އިއްޔެ އިންޑިއަށް ފުރި މީހުންގެ ތެރެއިން އެކަކެވެ.

މި އެކްސިޑެންޓު ހިނގާފައި ވަނީ ގޯތަމްއާއި އޭނާގެ އެކުވެރިން ބާރު ސްޕީޑުގައި ސްޕީޑް ބޯޓު ދުއްވަނިކޮށްކަމަށް މައުލޫމާތު ލިބެ އެވެ. ނަމަވެސް ފުލުހުން އެކަމަށް އެއްވެސް މައުލޫމާތެއް ހިއްސާކޮށްފައި ނުވެ އެވެ.

މި ހާދިސާއާއި ގުޅޭ މައުލޫމާތުތައް ހިއްސާކޮށް ފުލުހުން އާންމު ކުރި ބަޔާނެއްގައި ބުނީ، ހާދިސާގައި އެކަކަށް ބޮޑެތި އަނިޔާތަކެއްވެފައިވާއިރު، އޭނާ އިންޑިއާއަށް ފުރުވާލާފައި ވަނީ މިއަދު ކަމަށެވެ. އަދި ހާދިސާގައި އަނިޔާ ލިބުނު އިތުރު ދެ މީހަކު ވެސް ހުކުރު ދުވަހު އިންޑިއާއަށް ފުރާފައިވާކަމަށް މައުލޫމާތު ދިނެވެ.

އެއީ އިންޑިއާ ފިރިހެނަކާއި އިނގިރޭސިވިލާތުގެ އަންހެނެކެވެ.

ފުލުހުން ބުނި ގޮތުގައި މި ހާދިސާ ހިނގި ވަގުތު އެ ލޯންޗުގައި ޖުމްލަ ހަތް މީހުން ތިއްބެވެ. އޭގެ ތެރޭގައި ހިމެނެނީ އިނގިރޭސިވިލާތާއި ރަޝިޔާއަށް ނިސްބަތްވާ ދެ އަންހެނުންނާއި، އިންޑިއާއަށް ނިސްބަތްވާ ފަސް ފިރިހެނުންނެވެ. އެކްސިޑެންޓްވި ވަގުތު އޭގެ ތެރެއިން ފަސް މީހަކު ވަނީ ކަނޑަށް ވެއްޓިފައެވެ. އެއީ ރަޝިޔާގެ އަންހެން މީހާގެ އިތުރުން އިންޑިއާއަށް ނިސްބަތްވާ ހަތަރު ފިރިހެނުންނެވެ.

ލޯންޗުގައި ތިބި އެންމެނަށްވެސް އެކިވަރުގެ އަނިޔާތައް ލިބިފައިވާއިރު، އެ މީހުންނަށް ފުރަތަމަ ފަރުވާ ދީފައިވަނީ ވ. އަތޮޅު ހޮސްޕިޓަލުގައެވެ. އޭގެ ފަހުން ރަޝިއާގެ އަންހެނަކަށާއި އިންޑިއާގެ ފިރިހެނަކަށް ހުޅުމާލޭ ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފަރުވާ ދިނެވެ.

މި ހާދިސާގައި ކަނޑަށް ވެއްޓި ގެއްލުނު އިންޑިއާގެ ދެ މީހަކު ހޯދުމުގެ މަސައްކަތް އަދިވެސް ދަނީ ކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: