މާލޭގެ ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން މަސްވެރިންގެ ޕާކާ ހަމައަށް ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން މިއަދު ފަށައިފިއެވެ.
އެމްޓީސީސީން ހާމަކޮށްފައިވާ ގޮތުގައި، މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ފޭސް 1 ގެ ދަށުން މިހާރު ކުރިއަށްދަނީ ސެގްމަންޓް 2 އިން ފެށިގެން ސެގްމަންޓް 5 އާ ހަމައަށް ހިމެނޭ ސަރަހައްދުގެ މަސައްކަތްތަކެވެ. މި މަޝްރޫއަކީ މާލޭގެ މަގުތަކުގެ ތޮއްޖެހުން ކުޑަކޮށް، ދަތުރުފަތުރަށް ފަސޭހަވާނެހެން މަގުތައް ފުޅާކުރުމަށް ކުރިއަށްގެންދާ މަޝްރޫއެކެވެ.
މި މަޝްރޫޢުގެ ދަށުން މިހާރު ކުރިއަށްދަނީ ޝީޓް ޕައިލް ކުރުމުގެ މަސައްކަތެވެ. މީގެއިތުރުން، ހެންވޭރު ފެރީ ޓާމިނަލާއި މަސްވެރިންގެ ޕާކާ ދެމެދު އޮތް ޖެޓީ ސަރަޙައްދުގެ އެއްގަމު ތޮށި ތަޅާލުމުގެ މަސައްކަތް ވެސް ކުރިއަށްދާނެ ކަމަށް އެ ކުންފުނިން މައުލޫމާތު ދެއެވެ.
މި މަސައްކަތަކީ ރައީސުލްޖުމްހޫރިއްޔާގެ ވައުދުފުޅާ އެއްގޮތަށް މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކޮށް ފުޅާކުރުމަށް ސަރުކާރުން ކުރިއަށްގެންދާ ހާއްސަ މަސައްކަތްތަކުގެ ބައެކެވެ. މީގެކުރިން ވެސް ބޮޑުތަކުރުފާނު މަގުގެ ބާޒާރުމަތީ ސަރަހައްދު ވަނީ މި މަޝްރޫއުގެ ދަށުން ތަރައްގީކޮށް ނިންމާފައެވެ.
މި މަޝްރޫއު ނިމުމުން މާލޭގެ އުތުރު ފަރާތުގެ ބޮޑުތަކުރުފާނު މަގު އިތުރަށް ފުޅާވެ، އެ ސަރަހައްދުގެ ޓްރެފިކް ފްލޯއަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

