ސައުދީ އަރަބިއްޔާއާއި ޕާކިސްތާނާ ދެމެދު ސެޕްޓެމްބަރު 2025 ގައި ސޮއިކުރެވުނުސްޓްރެޓީޖިކް މިއުޗުއަލް ޑިފެންސް އެގްރީމެންޓް (އެސް.އެމް.ޑީ.އޭ) އަށް އަމަލުކުރުމުގައި ޕާކިސްތާނުން ފަސްޖެހެމުންދާ ކަމަށް ބުނެ ގިނަ ފާޑުކިޔުންތަކެއް އަމާޒުވާން ފަށައިފިއެވެ.
މި އެއްބަސްވުމުގެ ދަށުން، ދެ ގައުމުން ކުރެ ގައުމަކަށް ދެވޭ ހަމަލާއަކީ ދެ ގައުމަށް ދެވޭ ހަމަލާއެއްގެ ގޮތުގައި ބަލައި، އެހީތެރިކަން ފޯރުކޮށްދޭން ޖެހެއެވެ.
މިއީ ދެ ގައުމުގެ ދެމެދުގައި އޮތް އަސްކަރީ ގުޅުން ވަރުގަދަކޮށް، ސަރަހައްދީ ހަމަޖެހުން ގާއިމުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި ސައުދީ އާއި ޕާކިސްތާނުގެ އިސްވެރިން އޭރު ސިފަކުރެއްވިއެވެ.
ނަމަވެސް، މެދުއިރުމަތީގެ މަސްރަހު ގޯސްވަމުންދާ މި ދަނޑިވަޅުގައި، މި އެއްބަސްވުމާ އެއްގޮތަށް އަމަލީ އެއްވެސް ފިޔަވަޅެއް އެޅުމަށް ޕާކިސްތާނުން ނުކުޅެދިފައިވާ ކަމަށް މުހައްލިލުން ބުނެއެވެ.
ޕާކިސްތާނުން މިހާރު ބޮޑަށް އިސްކަންދެނީ އެ ގައުމުގެ އެތެރޭގެ ސަލާމަތީ ކަންކަމަށާއި އަފްޣާނިސްތާނުގެ ބޯޑަރު ބެލެހެއްޓުމަށް ކަމަށްވާތީ، ސައުދީއަށް ދިމާވާ ކޮންމެ ނުރައްކަލެއްގައި އަމަލީ ގޮތުން ބައިވެރިވުމުގެ ގާބިލުކަން ޕާކިސްތާނުގައި ހުރިތޯ ވަނީ ސުވާލު އުފެދިފައެވެ.
މިކަމާ ގުޅިގެން ޕާކިސްތާނުގެ އޮފިޝަލުން ވިދާޅުވަނީ މި އެއްބަސްވުމަކީ ދިފާއީ އެއްބަސްވުމެއް ކަމަށާއި، މިއީ ވަކި ގައުމަކަށް އަމާޒުކޮށްގެން ހަދާފައިވާ އެއްބަސްވުމެއް ނޫން ކަމަށެވެ. އަދި މިއީ ދެ ގައުމުގެ ގުޅުން ރަމްޒީގޮތުން ވަރުގަދަކޮށްދޭ ކަމެއް ކަމަށްވެސް އެ ބޭފުޅުން ފާހަގަކުރައްވައެވެ.
އެހެންނަމަވެސް، އިގްތިސާދީ ދަތިތަކާއި ގައުމުގެ އެތެރޭގެ ހާލަތު ހުރިގޮތުން، ސައުދީން އަސްކަރީ އެހީތެރިކަމަކަށް އެދިއްޖެ ހާލަތެއްގައި ޕާކިސްތާނަށް އެ އެހީތެރިކަން ފޯރުކޮށްދެވިދާނެތޯ ބޭރުގެ މުހައްލިލުން ދަނީ ސުވާލު އުފައްދަމުންނެވެ.
މި ދަނޑިވަޅަކީ ޕާކިސްތާނުގެ ޚާރިޖީ ސިޔާސަތު ބެލެންސްކުރުމުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ވަގުތެކެވެ.
މި އެއްބަސްވުމުގެ ހަގީގީ ނަތީޖާ ފެންނާނީ ސަރަހައްދީ ބޮޑު ކާރިސާއެއް ކުރިމަތިވާ ވަގުތެއްގައި ޕާކިސްތާނުން އަމަލުކުރާ ގޮތަކުން ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ގަބޫލުކުރެއެވެ.

