ފިލިޕީންސްގެ ރައީސް ފަރޑިނަންޑް މާކޯސް ޖޫނިއަރ، އެޤައުމުގައި ހަކަތައާ ބެހޭ ކުއްލި ނުރައްކަލުގެ ހާލަތު އަންގާރަ ދުވަހު އިޢުލާނު ކުރައްވައިފިއެވެ.
މި ނިންމެވުން ނިންމެވީ މެދުއިރުމަތީގެ މަސްރަހު ގޯސްވެ، އީރާނާ ދެކޮޅަށް އެމެރިކާ އާއި އިސްރާއީލުން ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ފިލިޕީންސަށް ބޭނުންވާ ހަކަތަ ފޯރުކޮށްދިނުމަށް ކުރިމަތިވެދާނެ ނުރައްކާތަކަށް ރިއާޔަތްކުރެއްވުމަށްފަހުގައެވެ.
މި ހާލަތު އިޢުލާނުކުރައްވާފައިވަނީ ތެލުގެ އަގުބޮޑުވަމުންދާތީއާއި އެކަމަށް އެދެވޭ ހައްލެއް ސަރުކާރުން ހޯދައިދީފައި ނުވާކަމަށް ބުނެ، އެޤައުމުގެ ދަތުރުފަތުރުގެ ޚިދުމަތްދޭ ފަރާތްތަކުންނާއި އާންމުން ބުރާސްފަތި ދުވަހުން ފެށިގެން ދެ ދުވަހުގެ މުއްދަތަށް އިހުތިޖާޖުކުރުމަށް ތައްޔާރުވަމުންދަނިކޮށެވެ.
ރައީސް މާކޯސް ވިދާޅުވި ގޮތުގައި، މި އިޢުލާނުގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ހަކަތަ ލިބުމަށް ކުރިމަތިވާ ހުރަސްތަކާއި، އޭގެ ސަބަބުން ޤައުމުގެ އިޤްތިޞާދަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި، ކަމާބެހޭ ވުޒާރާތަކުން ގުޅިގެން ފިޔަވަޅު އެޅުމުގެ މަގު ފަހިވެގެންދާނެއެވެ.
އެއް އަހަރު ދުވަހުގެ މުއްދަތަށް ދެމިއޮންނާނެ މި ކުއްލި ހާލަތުގެ ދަށުން، ތެލާއި، ކާބޯތަކެއްޗާއި، ބޭހާއި، ދަނޑުވެރިކަމުގެ އުފެއްދުންތަކުގެ އިތުރުން ޒަރޫރީ އެހެނިހެން ތަކެތި ހަމަޖެހޭ އުސޫލެއްގެ މަތިން ފޯރުކޮށްދިނުމަށްޓަކައި ޚާއްޞަ ކޮމިޓީއެއް ވަނީ އެކުލަވައިލާފައެވެ. މި މުއްދަތުގައި ތެލުގެ ސަޕްލައި މެދުނުކެނޑި ފޯރުކޮށްދިނުމަށްޓަކައި ތެޔޮ ގަތުމުގެ ބާރާއި، ބޭނުންވެއްޖެ ހިނދެއްގައި އެއްބަސްވުމުގެ ބައެއް ފައިސާ ކުރިއަށް ދެއްކުމުގެ އިޚުތިޔާރު ސަރުކާރަށް ލިބިގެންވެއެވެ.
އެޤައުމުގެ އެނާޖީ ސެކްރެޓަރީ ޝެރަން ގަރިން ވިދާޅުވި ގޮތުގައި، މިހާރު ހުރި ތެލުގެ ރިޒާވުން ގާތްގަނޑަކަށް 45 ދުވަހަށް ފުދޭނެއެވެ. އަދި ރިޒާވް އިތުރުކުރުމަށްޓަކައި އެއް މިލިއަން ފީފާ ތެޔޮ ހޯދުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން، ތެޔޮ ރައްކާކޮށްގެން ނުވަތަ އަގު މަތިކޮށްގެން ނާޖާއިޒު ފައިދާ ހޯދާ ފަރާތްތަކާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އެޅުމުގެ ބާރުވެސް ކަމާބެހޭ އިދާރާތަކަށް ވަނީ ދީފައެވެ.
އެމެރިކާގައި ހުންނަވާ ފިލިޕީންސްގެ ސަފީރު ޚޯސޭ މެނުއަލް ރޮމުއަލްޑޭޒް ވިދާޅުވީ، އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައިވާ ޤައުމުތަކުން ތެޔޮ ގަނެވޭނެ އިންތިޒާމެއް ހަމަޖެއްސުމަށް ވޮޝިންގްޓަނާއެކު މަޝްވަރާ ކުރަމުންދާ ކަމަށެވެ. މީގެ ތެރޭގައި އީރާނާއި ވެނެޒުއޭލާއިން ތެޔޮ ގަތުމުގެ ފުރުޞަތު އޮތްތޯވެސް ބަލަމުންދާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ނަމަވެސް، ސަރުކާރުގެ މި ނިންމެވުމަށް ދަތުރުފަތުރުގެ ޔޫނިއަންތަކާއި ބައެއް ސެނެޓަރުން ވަނީ ފާޑުވިދާޅުވެފައެވެ. ދަތުރުފަތުރުގެ ޖަމްޢިއްޔާއެއް ކަމަށްވާ ’ޕިސްޓަން‘ އިން ބުނި ގޮތުގައި، މި ކުއްލި ހާލަތު އިޢުލާނު ކުރުމަކީ އަސްލު މައްސަލައަށް ހައްލެއް ހޯދުމުގެ ބަދަލުގައި ކުރި ”ދެއްކުންތެރި“ ކަމެކެވެ. އެ ޖަމްޢިއްޔާއިން ގޮވާލާފައިވަނީ ތެލުން ނަގާ އެކްސައިޒް ޓެކްސް އާއި ވެޓް ކަނޑާލުމަށެވެ. މަދަނީ ޖަމްޢިއްޔާ ’ބަޔާން‘ އިން ވެސް ވަނީ މި އިޢުލާނުގައި ރައްޔިތުން އެންމެ ބޮޑަށް ބޭނުންވާ ޓެކްސް ކުޑަކުރުމުގެ ވާހަކަ ނެތުމުން ކަންބޮޑުވުން ފާޅުކޮށްފައެވެ.

