ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނެސް، ޓާރމިނަލް 2 ގެ ކުރިމަތީން ފަސިންޖަރުންނަށް ޓެކްސީތަކަށް އަރާ ފޭބޭނެ ގޮތް ހަމަޖައްސައިފި އެވެ.
މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އާންމު ކުރި ބަޔާނެއްގައި ބުނެފައި ވަނީ، މި ބަދަލުތަކަށް މިއަދުން ފެށިގެން އަމަލު ކުރާނެކަމަށެވެ.
އެމްއޭސީއެލް ބުނި ގޮތުގައި މި ބަދަލުގެ މައިގަނޑު މަގުސަދަކީ އެއާޕޯޓުގެ ޓާމިނަލް 2 ބޭނުންކުރާ ފަސިންޖަރުންނަށް ޓެކްސީއަށް އަރާ ފޭބުމުގައި ހުރި ދަތިތައް ހައްލުކޮށް، ހިދުމަތްތައް އަވަސްކުރުމެވެ.
މި ބަދަލުތަކުގެ ތެރޭގައި ޓާމިނަލް 2 ގެ އެރައިވަލް ކުރިމަތިން ބުރާއި ދެމެދުގައިވާ ސަރަހައްދު މިހާރު ވަނީ ފަސިންޖަރުން ޓެކްސީން ފޭބުމަށް ނުވަތަ ޑްރޮޕް-އޮފްއަށް ހައްސަކޮށްފައެވެ. މި ސަރަހައްދުގައި އެއްފަހަރާ 4 ޓެކްސީއަށް މަޑުކުރެވޭނެ ގޮތަށް ސްލޮޓްތައް ފާހަގަކޮށްފައިވާނެކަމަށް އެމްއޭސީއެލް ބުންޏެވެ.
މީގެ އިތުރުން، ޓާމިނަލް 2 ގެ ޑިޕާޗަރ ކުރިމަތިން ބުރާއި ދެމެދުގައިވާ ސަރަހައްދު ހަމަޖައްސާފައި ވަނީ ފަސިންޖަރުން ޓެކްސީއަށް އެރުމަށް ނުވަތަ ޕިކް-އަޕް ހާއްސަ ސަރަހައްދެއްގެ ގޮތުގައެވެ. މި ސަރަހައްދުގައި އެއްފަހަރާ 5 ޓެކްސީއަށް މަޑުކުރެވޭނެ އެވެ.
އެމްއޭސީއެލް އިން ބުނީ، މި ގެނެވުނު ބަދަލުތަކަށް އާންމުން އަހުލުވެރިކުރުވުމަށާއި، ޓްރެފިކް ތަރުތީބުން ކުރިއަށް ގެންދިއުމަށްޓަކައި އެ ކުންފުނީގެ މުވައްޒަފުން މި ސަރަހައްދުގައި ހަރަކާތްތެރިވަމުން ދާނެ ކަމަށެވެ. އެހެންކަމުން އެއާޕޯޓަށް ފަސިންޖަރުންނާއި، އެއާޕޯޓަށް އަންނަ ފަރާތްތަކުން މުވައްޒަފުންގެ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރުމަށް އެމްއޭސީއެލް ވަނީ އިލްތިމާސްކޮށްފަ އެވެ.

