ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހިއްސާ އަށް ގެންނަ ބަދަލަކީ ހިއްސާ ގަންނަން ބޭނުންވާ ޒުވާނުންނަށް ރަނގަޅު ފުރުސަތެއްކަމަށް މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖްގެ މެނޭޖިންގ ޑިރެކްޓަރ އެންޑް ގްރޫޕް ސީއީއޯ މުހައްމަދު އައުޝަން ލަތީފް ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަދައްކަމުން އައުޝަން ވިދާޅުވީ އާންމުކޮށް ރާއްޖޭގެ ހިއްސާ ބާޒާރުގައި އެހެން ލިސްޓެޑް ކުންފުނިތަކުގެ ހިއްސާގެ އަގުތައް މިއުޅޭނީ ގާތްގަނޑަކަށް 40 ރުފިޔާ އާއި 150 ރުފިޔާ އާއި ދެމުދުގަ ކަމަށާއި ބީއެމްއެލްގެ ހިއްސާއެއް އުޅޭނީ ގާތްގަނޑަކަށް 800 ރުފިޔާއަށް ކަމަށާއި އެހެންކަމުން އަލަށް ހިއްސާ ގަންނަން ބޭނުންވާ ޒުވާނަކަށް މިއީ ނިސްބަތުން ބޮޑު އަދަދެއް ކަމަށެވެ. އެހެންނަމަވެސް މި ބަދަލާއި އެކީގައި އަލަށް ހިއްސާ ގަންނަން ބޭނުންވާ ފަރާތްތަކަށް އާ ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށް އައުޝަން ވިދާޅުވިއެވެ.
އައުޝަން ވިދާޅުވީ ހިއްސާގެ ބާޒާރުގައި ޒުވާނުންގެ ދައުރުފުޅާ ކުރުމަށް ކުރާ މަސައްކަތުގެ ދަށުން މިދިޔަ އަހަރު ޓްރޭޑިންގއާއި ގުޅޭ ހުރިހާ ކަމެއް ވާނީ އޮންލައިން ކުރެވިފައެވެ. އަދި ހިއްސާ ގަނެވިއްކޭ މޯބައިލް އެޕްލިކޭޝަނެއް ކަމަށްވާ ”އިންފިނިޓީ“ އެޕް ނިންމުމަށް މަސައްކަތްކުރާ ކަމަށް ވިދާޅުވިއެވެ. އަދި މި ދާއިރާއިން ޒުވާނުން ހޭލުންތެރިކަން އިތުރުކުރުމަށް ކޮންމެ އަހަރަކުވެސް ގިނަ މަސައްކަތްތަކެއް ކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.
އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި މައުލޫމާތު ލިބިފަހުރި އަދި މާކެޓަށް އިތުބާރު އޮތް ޒުވާން އިންވެސްޓަރުންގެ ޖީލެއް އުފެދިގެން އަސްލު މި މާކެޓް ކުރިއަށްއޮތްތަނުގައި ފުޅާ ކުރެވޭނީ
އައުޝަން ވިދާޅުވީ ރިސޯޓް ނުވަތަ ގެސްޓްހައުސް ލިސްޓްކޮށް ޑޮލަރުން ހިއްސާދާރުންނަށް އާމްދަނީ ލިބޭނެ ދުވަހެއް ދެކެން ބޭނުންވާ ކަމަށެވެ. އަދި ބީއެމްއެލްގެ މިސާލު ދައްކަވަމުން އައުޝަން ވިދާޅުވީ ލިސްޓްކޮށްފައިވާ ކުންފުނިތަކުން ވެސް ހިއްސާ އަށް މިފަދަ ފަހި ބަދަލުތަކެއް ގެނައުމަކީ މުހިއްމުކަމެއް ކަމަށެވެ.
ބީއެމްއެލްއިން ހިއްސާ އަށް ގެންނަ ބަދަލު
- ހިއްސާދާރުންގެ އަތުގައި ރެކޯޑް ޑޭޓް ( 18 މާރިޗު 2026) އާ ހަމަޔަށް ހުރި މޫނުމަތީ އަގުގެ 50 ރުފިޔާ ގެ ކޮންމެ 1 ހިއްސާއަކަށް 2 ބޯނަސް ހިއްސާ ދޫކުރުމަށް ބޯޑުން ވަނީ އާންމު ޖަލްސާއަށް ހުށަހަޅާފަ. ބޯނަސް ހިއްސާ ދޫކުރުމަކީ މިހާރު ތިބި ހިއްސާދާރުންގެ އަތުގައި ހުރި ހިއްސާގެ ނިސްބަތަށް ބަލައި އެއްވެސް އަގަކާ ނުލައި އިތުރު ހިއްސާ ބެހުން. މިސާލަކަށް 100 ހިއްސާ އޮތް ފަރާތަކަށް އިތުރު 200 ހިއްސާ ލިބޭނެ. އެހެންކަމުން، ޖުމްލަ ހިއްސާގެ އަދަދު 300 އަށް އިތުރުވާނެ.
- ދެން އޮތީ 1 އިޒްޓު 10 ރޭޝިއޯ އިން ހިއްސާ ބައިކުރުން. ހިއްސާ ބައިކުރުމަކީ ހިއްސާދާރުންގެ އަތުގައި މިހާރު ހުރި ހިއްސާގެ އަދަދު އިތުރުކޮށް ހިއްސާއަކަށްޖެހޭ އަގު ދަށްކުރުން.
މި ރޭޝިއޯއިން ބޭންކުގެ ހިއްސާ ބައިކުރުމުން ބޯނަސް ހިއްސާއާއެކު މިހާރު ހުރި ކޮންމެ ހިއްސާއެއް 10 ބަޔަށް ބައިކުރެވޭނެ. އެހެންކަމުން މިސާލަކަށް މިހާރު 100 ހިއްސާ އޮންނަ މީހަކަށް ޖުމްލަ 3000 ހިއްސާ ލިބޭނެ
އެއާއެކު ކޮންމެ ހިއްސާއެއްގެ މޫނުމަތީ އަގު 50 ރުފިޔާއިން 5 ރުފިޔާއަށް ކުޑަވާނެ. މި ބަދަލުގެ ސަބަބުން ހިއްސާދާރުންގެ ހިއްސާގެ ޖުމްލަ އަގަކަށް ބަދަލެއް ނާންނާނެ.
ބޭންކުން ހިއްސާ ބައިކުރުމަށް ނިންމި މަގުސަދުތަކަކީ
- އިންވެސްޓަރުންނަށް ބޭންކުގެ ހިއްސާ ކުޑަ އަގެއްގައި ހޯދުމަށް މަގުފަހިކޮށްދިނުން
- ހިއްސާގެ ބާޒާރުގައި އިންވެސްޓަރުންގެ ބައިވެރިވުން އިތުރުކުރުމަށް ހިތްވަރުދިނުން
- މާކެޓް ލިކުއިޑިޓީ އަދި ހިއްސާގެ ބާޒާރުގެ ހަރަކާތްތަކަށް މަގު ފަހިކޮށްދިނުން
- މުސްތަގުބަލުގައި އިތުރު ހިއްސާ ދޫކުރަން ނިންމައިފި ހާލަތެއްގައި އެކަމަށް ތައްޔާރުވުން
ހިއްސާގެ އަގު ކުޑަވުމާއެކު މާކެޓުގައި އިންވެސްޓްރުންނަށް ބައިވެރިވުމަށް ހިތްވަރުދެވި، ލިކުއިޑިޓީ އަދި ޓްރޭޑިންގ ހަރަކާތްތައް އިތުރުވެގެންދާނެ.

