އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، 2026 ވަނަ އަހަރުގެ ފެބްރުވަރީ މަހު އެކަނިވެސް ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 74 މައްސަލައެއް އެ ވުޒާރާއަށް ހުށަހެޅިކަން ތަފާސްހިސާބްތަކުން ދައްކައިފިއެވެ.
މި މައްސަލަތަކުގެ ތެރޭގައި ހިމެނެނީ 40 ފިރިހެން ކުދިންނާއި 34 އަންހެން ކުދިންނެވެ.
މި މައްސަލަތަކުގެ ތަފްސީލަށް ބަލާއިރު، އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ކުޑަކުދިންނަށް އިހުމާލުވުމުގެ މައްސަލަތަކެވެ. އެގޮތުން އިހުމާލުވުމުގެ 21 މައްސަލައެއް ހުށަހަޅާފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ 12 ފިރިހެން ކުދިންނާއި 9 އަންހެން ކުދިންނެވެ.
މީގެއިތުރުން ޖިންސީ ހާނިއްކައިގެ 13 މައްސަލަ، ޖިސްމާނީ ހާނިއްކައިގެ 12 މައްސަލަ އަދި ނަފްސާނީ ހާނިއްކައިގެ 11 މައްސަލަ ވަނީ ރިޕޯޓުކޮށްފައެވެ. އެހެނިހެން މައްސަލަތަކުގެ ތެރޭގައި ގެވެށި އަނިޔާ ފެނުމުގެ 9 މައްސަލައާއި، ބްލެކްމެއިލް ކުރުމާއި ގަނާކުރުން ފަދަ ސީރިއަސް ކަންތައްތަކެއް ހިމެނެއެވެ.
ޢާއިލީ އަދި އަޚްލާޤީ މައްސަލަތައް
ކުދިންގެ އަޚްލާގީ މައްސަލަތަކަށް ބަލާއިރު، ޖުމްލަ 18 މައްސަލައެއް ވަނީ ހުށަހެޅިފައެވެ. މީގެ ތެރޭގައި އެންމެ ގިނައީ ސްކޫލަށް ދާން ބޭނުންނުވުމުގެ މައްސަލަތަކެވެ. ޢާއިލީ މައްސަލަތަކުގެ ގޮތުގައި 33 މައްސަލައެއް ރިޕޯޓުކޮށްފައިވާއިރު، އޭގެ ތެރޭގައި ކުދިން ބެލުމާއި، ބައްދަލުކުރުމާއި، އަދި ހަޟާނާގެ މައްސަލަތައް ހިމެނެއެވެ.
ގެވެށި އަނިޔާ އަދި އެހީތެރިކަން ފޯރުކޮށްދިނުން
ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 48 މައްސަލައެއް ފެބްރުވަރީ މަހު ރިޕޯޓުކޮށްފައިވެއެވެ. މީގެ ތެރެއިން 30 މައްސަލައަކީ ޖިސްމާނީ އަނިޔާގެ މައްސަލަތަކެވެ. މި ބާވަތުގެ އަނިޔާ ލިބިގެން ރިޕޯޓުކުރި މީހުންގެ ތެރޭގައި ގިނައީ އަންހެނުންނެވެ. އެއީ 39 އަންހެނުންނާއި 9 ފިރިހެނުންނެވެ. މީގެ އިތުރުން، އަޅައިލުމާއި އެހީތެރިކަން ފޯރުކޮށްދިނުމުގެ ދާއިރާއިން 21 މައްސަލައެއް ހުށަހަޅާފައިވާއިރު، މީގެ ތެރޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އުމުރުން ދުވަސްވީ މީހުންނަށް އެހީތެރިވުމުގެ މައްސަލަތައް ހިމެނެއެވެ.
ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިން
ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންގެ ތަފާސްހިސާބަށް ބަލާއިރު، ފެބްރުވަރީ 28 ގެ ނިޔަލަށް ޖުމްލަ 152 ކުދިން ދައުލަތުގެ ބެލުމުގެ ދަށުގައި ތިއްބެވެ. އެއީ 83 ފިރިހެން ކުދިންނާއި 69 އަންހެން ކުދިންނެވެ. މީގެ ތެރެއިން 2 ކުއްޖަކު ވަނީ ފެބްރުވަރީ މަހު ފޮސްޓަރިން ޢާއިލާތަކާ ހަވާލުކުރެވިފައެވެ.
މި މައްސަލަތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ވުޒާރާގެ ހެލްޕްލައިންތަކަށް ބާރުބޮޑުވެފައިވާކަން ފާހަގަކުރެވެއެވެ. އެގޮތުން ޗައިލް ހެލްޕްލައިން 1412 އަށް 1418 ކޯލު އަދި ސޯޝަލް ސަރވިސް ހެލްޕްލައިން 1421 އަށް 384 ކޯލު ވަނީ ލިބިފައެވެ. މީގެ އިތުރުން، ވުޒާރާއިން ވަނީ 82 ފަރާތަކަށް ކައުންސިލިން، 8 ފަރާތަކަށް ޕޭރެންޓިން ސެޝަން، އަދި 57 ފަރާތަކަށް ސައިކޯސޯޝަލް ސަޕޯޓް ފޯރުކޮށްދީފައެވެ.

