ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ތުއްތު ކުދިން ފޮސްޓަރ ކުރާ ނުވަތަ އާއިލީ މާހައުލަށް ގެންދާ އާއިލާތަކަށް، ވިހެއުމާ ގުޅިގެންދޭ މެޓަރނިޓީ ލީވްއާ އެއްފަދަ ޗުއްޓީއެއް ދިނުމަށް ސަރުކާރުން ނިންމައިފިއެވެ. މިކަން ހާމަކުރެއްވީ ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. ޢާއިޝަތު ޝިހާމެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، މި އިންތިޒާމުތައް އަންނަ މަހުގެ ނިޔަލަށް މުޅިން ފުރިހަމަ ކުރެވޭނެ ކަމަށެވެ. މިއީ ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންގެ ލާބަޔާއި މަންފާއަށް ސަރުކާރުން ކުރިއަށްގެންދާ ”ކޮންމެ ކުއްޖަކަށް އާއިލީ ލޯބި“ ޕްރޮގްރާމްގެ ދަށުން ނިންމި މުހިންމު ނިންމުމެކެވެ.
މި ނިންމުމުގެ މައިގަނޑު މަޤްޞަދަކީ ކުދިން ފޮސްޓަރ ކުރާ މައިންބަފައިންނަށް ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލެއް ހޯދައިދިނުމެވެ. ވަކިން ހާއްސަކޮށް، އަމިއްލަ ދަރިން ލިބޭ މައިންނަށް ލިބޭ ފަދަ އެކަށީގެންވާ ޗުއްޓީއެއް، ތުއްތު ކުދިން ބަލަހައްޓާ ފޮސްޓަރ މައިންބަފައިންނަށް ވެސް ފޯރުކޮށްދިނުމަކީ އެ ކުދިންނާއި މައިންބަފައިންނާ ދެމެދު އޮންނަ ލޯތްބާއި ގުޅުން ވަރުގަދަ ކުރުމަށް ކޮންމެހެން ބޭނުންތެރި ކަމެއްކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މާލީ އެހީތެރިކަމާއި އިޖުރާއީ ލުއިތައް
ޗުއްޓީގެ އިތުރުން، ކުދިން ބަލަހައްޓާ އާއިލާތަކުގެ ތެރެއިން މާލީ އެހީތެރިކަން ބޭނުންވާ އާއިލާތަކަށް ކޮންމެ ކުއްޖަކަށް މަހަކު 5،000 ރުފިޔާގެ އެލަވަންސެއް ދިނުމަށް ވެސް ވަނީ ނިންމާފައެވެ. އަދި މީގެ ކުރިން ކުދިން ފޮސްޓަރ ކުރުމުގައި އޮތް ދިގު މަރުހަލާ ކުރުކޮށް، ކަންކަން އަވަސް ކުރުމަށްޓަކައި ”ވަގުތީ ފޮސްޓަރިންގ“ ނިޒާމެއް މިހާރު ވަނީ ތައާރަފުކޮށްފައެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވި ގޮތުގައި، ފޮސްޓަރ ކުރާ ކުދިންގެ ތެރޭގައި ގިނައީ ތުއްތު ކުދިންނެވެ. އޭގެ ތެރެއިން ބައެއް ކުދިންނަކީ ހޮސްޕިޓަލުން ސީދާ އާއިލާތަކާ ހަވާލުކުރެވޭ ކުދިން ކަމަށްވުމާއެކު، އެކުގައި ހޭދަކުރާނެ ވަގުތު ލިބުމަކީ ކުއްޖާގެ ހެދިބޮޑުވުމަށް ނުހަނު ބޭނުންތެރި ކަމެކެވެ.
ސަރުކާރުގެ މި ސިޔާސަތުގެ ދަށުން، 17 ނޮވެމްބަރު 2023 އިން ފެށިގެން މިހާތަނަށް 111 ކުއްޖަކު ވަނީ އާއިލީ މާހައުލަށް ބަދަލުކުރެވިފައެވެ. މިއީ ކޮންމެ ކުއްޖަކަށް ވެސް ރައްކާތެރި އަދި އަބުރުވެރި ދިރިއުޅުމެއް ކަށަވަރުކޮށްދިނުމަށް ކުރެވޭ މަސައްކަތުގައި ލިބުނު ބޮޑު ކުރިއެރުމެއްގެ ގޮތުގައި މިނިސްޓަރު ސިފަކުރެއްވިއެވެ.

