ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްދުވަހެއްގައި ބާއްވައިގެން ދައުލަތުގެ ތިން ބާރު އެއްވުމަކީ ވާނެ ކަމެއް ނޫން ކަމަށް މާލެސިޓީގެ ފުރަތަމަ މޭޔަރު ސަރަނގު އާދަމް މަނިކް ވިދާޅުވެއްޖެއެވެ.
އޭނާ ވިދާޅުވީ ގާނޫނު އަސާސީއާއި ގާނޫނުތަކަކީ ލިޔެވިފައި ހުންނަ އެއްޗެއް ކަމަށާއި، އެއަށް ހުރުމަތްތެރިކޮށް ހިތި ވަރަކަށް އޭގެ ބާރު އޮންނާނެ ކަމަށެވެ.
ރާއްޖޭގެ ސިޔާސީ މަސްރަހާ ގުޅޭގޮތުން ވާހަކަދައްކަވަމުން އާދަމް މަނިކް ވިދާޅުވީ، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމަށްފަހު ގިނަ ބޭފުޅުންތަކެއް ވެރިކަން ކުރައްވާފައިވާ ކަމަށެވެ. ނަމަވެސް އޭގެ ތެރެއިން އެންމެ އަނިޔާވެރި ބޭފުޅެއްގެ ގޮތުގައި ފާހަގަވަނީ ރައީސް ޔާމީން ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން، ދިވެހި ރައްޔިތުންނަކީ ފައިސާއަށް ވޯޓުދޭ ބައެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާ ގުޅޭގޮތުން ވާހަކަދައްކަވަމުން އާދަމް މަނިކް ވިދާޅުވީ، ރައީސް މުއިއްޒަކީ މީގެ ކުރިން ނުލިބޭ ފަދަ ބޮޑު އަގުލަބިއްޔަތަކުން ހޮވިވަޑައިގެންފައިވާ ބޭފުޅެއް ކަމަށެވެ. އަދި ރައީސް ވަނީ ރާއްޖޭގެ ހުރިހާ ރަށަކަށް އެއްފަހަރަށް ވުރެ ގިނައިން ޒިޔާރަތްކުރައްވާފައި ކަމަށާއި، ރައްޔިތުންގެ އާދޭސްތައް އެމަނިކްފާނު ވަރަށް ގާތުން އަޑުއައްސަވާ ކަމަށްވެސް ވިދާޅުވިއެވެ.
”އަޅުގަނޑު ވެސް ރައީސްއާ އެކު ހިނގާލާ ހަދަން. ރައްޔިތުންގެ އެތައް އާދޭހެއް އަޑުއައްސަވަން ރައީސް ކަނުލާ ހުންނަވާ،“ އާދަމް މަނިކް ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ ރައީސް މުއިއްޒު މޭޔަރަކަށް ހުންނެވި އިރުވެސް ގާތް ގުޅުމެއް އޮތް ކަމަށާއި، އެމަނިކްފާނު ކަންކަން ކުރައްވާނީ ވަރަށް ވިސްނުންތެރިކަމާއެކު ކަމަށް ދަންނަވަން ކެރޭނެ ކަމަށެވެ.
މާޒީގެ ބައެއް ހަނދާންތައް އައުކުރައްވަމުން އާދަމް މަނިކް ވިދާޅުވީ، 2012 ވަނަ އަހަރު އެމްޑީޕީގެ ވެރިކަން ވެއްޓުނު ދުވަސްވަރުވެސް ދިވެހި ސިފައިން ރައްޔިތުންގެ ގަޔަށް ބަޑި ނުޖަހާނެ ކަމަށް ވިދާޅުވި ކަމަށެވެ. އަދި ރާއްޖޭގެ ވެރިކަން ކުރެއްވި އެހެން ބޭފުޅުންނަށްވެސް ރައްޔިތުންގެ އުދާސްތައް އިވިވަޑައިގަންނަވާނެ ކަމަށާއި، ކަންކަން ނިންމަވަނީ އެ ކަންކަމުގެ މައްޗަށް ބިނާކޮށް ކަމަށް އޭނާ ވިދާޅުވިއެވެ.

