ރާއްޖޭގެ ފަސް ރަށެއްގެ ޞިއްޙީ ޚިދުމަތްދޭ ތަންތަނަށް އައު ޢިމާރާތްތައް ކުރުމުގެ މަސައްކަތް ސަރުކާރުގެ ތިން ކުންފުންޏަކާ ޙަވާލުކޮށްފިއެވެ.
މި މަޝްރޫޢުތައް ޙަވާލުކޮށްފައިވަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)، ފެނަކަ ކޯޕަރޭޝަން ލިމިޓެޑް އަދި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއެވެ.
ގދ. ހޯޑެއްދޫ ޞިއްޙީ މަރުކަޒަށް އަލަށް އިތުރުކުރާ ޢިމާރާތުގެ މަސައްކަތް ޙަވާލުކޮށްފައިވަނީ އާރުޑީސީ އާއެވެ. 8.1 މިލިއަން ރުފިޔާގެ މި މަޝްރޫޢުގެ ދަށުން ނާސް ސްޓޭޝަނަކާއި، 4 އެނދުގެ ވާޑަކާއި، ޕްރައިވެޓް ރޫމް، ޕްރޮސީޖަރ ރޫމް، ލެބޯޓްރީ، ޕަބްލިކް ހެލްތު ޔުނިޓް، މީޓިންގ ހޯލް އަދި ލޯންޑްރީ ހިމެނޭ ޢިމާރާތެއް ބިނާކުރާނެއެވެ. މި މަސައްކަތް ނިންމުމަށް ދީފައިވަނީ 365 ދުވަހުގެ މުއްދަތެކެވެ.
ފެނަކަ ކޯޕަރޭޝަނާ ޙަވާލުކޮށްފައިވަނީ ރ. މާކުރަތާއި ރ. ވާދޫ ޞިއްޙީ މަރުކަޒުގެ މަސައްކަތްތަކެވެ. މާކުރަތު ޞިއްޙީ މަރުކަޒުގެ މަސައްކަތް 5.1 މިލިއަން ރުފިޔާއަށް 300 ދުވަހުގެ ތެރޭގައި ނިންމަން ޙަވާލުކޮށްފައިވާއިރު، ވާދޫ ޞިއްޙީ މަރުކަޒުގެ މަސައްކަތް ޙަވާލުކޮށްފައިވަނީ 5.7 މިލިއަން ރުފިޔާއަށް 365 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. މި ދެ ރަށުގައިވެސް ނާސް ސްޓޭޝަނާއި ވާޑްތަކުގެ އިތުރުން ޞިއްޙީ ޚިދުމަތަށް ބޭނުންވާ މުހިންމު ވަޞީލަތްތައް ޤާއިމުކުރެވޭނެއެވެ.
އެމްޓީސީސީއާ ޙަވާލުކޮށްފައިވަނީ ތ. ކަނޑޫދޫއާއި ކ. ހިންމަފުށީގެ މަސައްކަތްތަކެވެ. ކަނޑޫދޫގައި އައު ޞިއްޙީ މަރުކަޒު ޢިމާރާތުގެ ނުނިމި ހުރި މަސައްކަތްތައް ނިންމުމަށް 21.8 މިލިއަން ރުފިޔާގެ މަޝްރޫޢެއް 390 ދުވަހުގެ ތެރޭގައި ނިންމަން ވަނީ ޙަވާލުކޮށްފައެވެ. އަދި ހިންމަފުށީ ޞިއްޙީ މަރުކަޒަށް އިތުރުކުރާ ޢިމާރާތުގެ މަސައްކަތް 11.2 މިލިއަން ރުފިޔާއަށް 360 ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ އެއްބަސްވެފައެވެ.
މި އެއްބަސްވުންތަކުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުތަކުގައި ޞިއްޙީ ވުޒާރާގެ ފަރާތުން މިނިސްޓަރ އޮފް ސްޓޭޓް ފޯ ހެލްތު އިސްމާޢިލް ޢަބްދުﷲ، މުޙައްމަދު މާހިރު އަދި އިސްމާޢިލް ޝަރީފް ވަނީ ސޮއިކުރައްވާފައެވެ. މި މަޝްރޫޢުތަކަކީ ރަށްރަށުގެ ޞިއްޙީ ޚިދުމަތުގެ ފެންވަރު މަތިކޮށް، ޖާގައިގެ ދަތިކަން ޙައްލުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަސައްކަތްތަކެކެވެ.

