ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އޮސްޓްރޭލިއާއިން އިރާނުގެ ރައްޔިތުންނަށް ވިސާ ދޫކުރުން ވަގުތީ ގޮތުން މެދުކަނޑާލައިފި

ފޮޓޯ: ފައިލް
ޝެއާރކޮށްލާ ކަހަލަދޯ؟

އިރާނާއި އިސްރާއީލާ ދެމެދު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން، އިރާނުގެ ރައްޔިތުންނަށް ދޫކޮށްފައިވާ ކުރު މުއްދަތުގެ ވިސާގެ މުއްދަތު ހަމަވުމުން އެނބުރި ގައުމަށް ދިޔުމަށް އުޒުރުވެރިވެދާނެ ކަމަށް ބަލައި، އޮސްޓްރޭލިއާއިން އެގައުމުގެ ރައްޔިތުންނަށް ވިސާ ދޫކުރުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ.

އޮސްޓްރޭލިއާގެ ޑިޕާޓްމަންޓް އޮފް ހޯމް އެފެއާޒުން ބުދަ ދުވަހު ހާމަކުރި ގޮތުގައި، އިރާނުގެ ރައްޔިތުންނަށް ދަތުރުފަތުރުގެ ހުރަސްތައް ކުރިމަތިކުރުވީ ހަ މަސް ދުވަހުގެ މުއްދަތަށެވެ.

މިއީ ހަލުވިކަމާއެކު ބަދަލުވަމުންދާ ދުނިޔޭގެ މަޝްރަހަށް ރިއާޔަތްކޮށް، ގައުމީ މަސްލަހަތަށްޓަކައި އެޅި ފިޔަވަޅެއް ކަމަށް އެ އިދާރާއިން ސިފަކުރެއެވެ. އެ ޑިޕާޓްމަންޓުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އިރާނުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން، ވަގުތީ ވިސާގައި ތިބޭ ފަރާތްތަކަށް ވިސާގެ މުއްދަތު ހަމަވުމުން ގައުމުން ފުރައިގެން ދިއުމަށް ދަތިތަކެއް ކުރިމަތިވެދާނެ ކަމުގެ ބިރު އެބައޮތް ކަމަށެވެ.

 ”މި ފިޔަވަޅުގެ ސަބަބުން މަޝްރަހު ރަނގަޅަށް ވަޒަންކުރުމަށް ސަރުކާރަށް ފުރުސަތު ލިބިގެންދާނެ. އަދި ހަމައެއާއެކު، ވަރަށް ހާއްސަ ހާލަތްތަކުގައި ލުއިދިނުމުގެ އިހުތިޔާރުވެސް ސަރުކާރަށް އޮންނާނެ،“ ބަޔާނުގައިވެއެވެ.

މި މަނާކުރުން ހިނގާނީ މިވަގުތު އޮސްޓްރޭލިއާއިން ބޭރުގައި ތިބި އިރާނުގެ ރައްޔިތުންގެ މައްޗަށެވެ. އޭގެ ތެރޭގައި ފަތުރުވެރިކަމުގެ ނުވަތަ މަސައްކަތުގެ ވިސާ މިހާރު ލިބިފައިވާ ފަރާތްތައްވެސް ހިމެނެއެވެ. ނަމަވެސް، މި ފިޔަވަޅުން އިސްތިސްނާވާ ފަރާތްތަކެއްވެސްވެއެވެ. އޭގެ ތެރޭގައި މިހާރުވެސް އޮސްޓްރޭލިއާގައި ތިބި އިރާނުގެ ރައްޔިތުންނާއި، އޮސްޓްރޭލިއާއަށް ދަތުރުކުރަމުންދާ މަގުމަތީގައި ތިބި މީހުންނާއި، އޮސްޓްރޭލިއާގެ ރައްޔިތުންނާ ކައިވެނިކޮށްގެން އުޅޭ މީހުންނާއި، ދާއިމީ ވިސާ އޮންނަ ފަރާތްތައް ހިމެނެއެވެ.

ސަރުކާރުގެ ބަސް

ހޯމް އެފެއާޒް މިނިސްޓަރު ޓޯނީ ބާކް ވިދާޅުވީ، އޮސްޓްރޭލިއާގައި ދާއިމީކޮށް މަޑުކުރެވޭނީ ކޮން ބަޔަކަށްތޯ ނިންމާނީ ސަރުކާރުން ކަމަށާއި، އެއީ ”ޗުއްޓީއަކަށް އައިސް އުޅުމުގެ ތެރެއިން ދިމާވާ އިއްތިފާގަކަށް“ ވެގެންނުވާނެ ކަމަށެވެ.

 ”އިރާނުގެ ހަނގުރާމަ ފެށުމުގެ ކުރިން ދޫކޮށްފައިވާ ގިނަ ވިސާތަކަކީ، މިހާރުގެ ހާލަތުގައި ނަމަ ދޫނުކުރާނެ ވިސާތަކެއް،“ މިނިސްޓަރު ވިދާޅުވިއެވެ.

ސިޑްނީގައި ހުންނަ ’އެސައިލަމް ސީކާސް ސެންޓަރު‘ އިން މި ނިންމުމަށް ފާޑުކިޔަމުން ބުނެފައިވަނީ، މިއީ އޮސްޓްރޭލިއާގެ ގާނޫނު ހަދާ މަޖިލީހުން އަވަސްއަރުވާލައިގެން ފާސްކުރި ”ލަދުވެތި“ ގާނޫނެއްގެ ނަތީޖާ ކަމަށެވެ. އަދި މިއީ ރައްކާތެރިކަން ހޯދަން ބޭނުންވާ ފަރާތްތަކަށް އޮސްޓްރޭލިއާއިން ދެމުންދިޔަ ހިމާޔަތުގެ އަސާސްތަކަށް ނުރައްކާވާނެ ކަމެއް ކަމަށްވެސް އެ ޖަމިއްޔާއިން ބުނެއެވެ.

އެ ޖަމިއްޔާއިން އިތުރަށް ބުނީ، ސިޔާސީ ބޭފުޅުން އަބަދުވެސް ވަކާލާތު ކުރައްވަނީ ގާނޫނީ ހަމަތަކުގެ މަތިން ރައްކާތެރިކަން ހޯދުމަށް ކަމަށާއި، ނަމަވެސް ބައިނަލްއަގުވާމީ އިންސާނީ ކާރިސާއަކާ ކުރިމަތިލާންޖެހުނު ހިނދު، ސަރުކާރުން މިވަނީ އެ ފުރުސަތު ބަންދުކޮށްލާފައި ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: